ފިތުރު ޒަކާތް ބަހައިފި، ޣައްޒާގެ ކުޑަކުދިންނަށް ވެސް ފަސް ލައްކަ ހަދިޔާކުރަނީ

އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު: ފިތުރު ޒަކާތް ބަހައިފި ކަމަށާއި ޣައްޒާގެ ކުޑަކުދިންނަށް ވެސް ފަސް ލައްކަ ހަދިޔާކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ފައިސާ ދީފައިވާ ކަމަށާއި ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންނަށް ވެސް ފައިސާ ހަދިޔާ ކުރަން ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ފަގީރުންގެ ދަފުތަރުފައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

"އަދި 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް އިންޝާ ﷲ ހަދިޔާކުރަންވަނީ ނިންމާފަ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގޮވާމުން ލިބުނު ޒަކާތުން މާލެ އޭރިއާގެ ކޮންމެ ފަގީރަކަށް ބަހައިފައިވަނީ 15 ކިލޯކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މި އަހަރު ފިތުރު ޒަކާތް ބަހާ ގޮތް ބަދަލުކޮށްފައިވާކަން އިއްޔެ ޝަހީމް ވަނީ އިއުލާންކުރައްވައިފައެވެ.

އާންމު ގޮތެއްގައި ފިތުރު ޒަކާތް ބަހަނީ އެ ރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށުގެ ފަގީރުންނަށް ބަހާ ގޮތަށެވެ. ނަމަވެސް މި ފަހަރު މިނިސްޓްރީން ނިންމީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ޖުމުލަ އަދަދުން، ފަގީރުންގެ ދަފުތަރުގައި ތިބި އެންމެންނަށް ބެހުމަށެވެ.

އެގޮތަށް ބެހުމުން، ދަފުތަރުން ކޮންމެ މީހަކަށް 4،500 ރުފިޔާ ލިބޭނެ ކަމަށް އިއްޔެ ވެސް ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެ އެހާ ތަނަށް، ފިތުރު ޒަކާތުގެ ގޮތުގައި 12.4 މިލިއަން ރުފިއާ ލިބިފައިވެއެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އިއްޔެއާއި މިއަދު އިސްކަންދަރު ސްކޫލުގައެވެ.

comment ކޮމެންޓް