"ޔާ ރަޙްމާނު! ޔާ ރަޙީމު! މި އަޅާގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި މި އަޅާ ކުރި އެ އަމަލަކީ އިބަ އިލާހަށް ޓަކައި އިހުލާސްތެރިކަމާ އެކު ކުރި އަމަލެއް ކަމުގައި ވާ ނަމަ، އެ އަމަލުގެ ސަބަބުން އަޅަމެންނަށް ރަހުމަތް ލައްވައި އަހަރެމެންނަށް ދިމާވެފައިވާ މުސީބާތް ފިއްލަވައި ފާނދޭ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވޭ!" ރާބިޙު ދުޢާ ކުރިއެވެ.
ރާބިޙުގެ ދުޢާއާ އެކު ހޮހޮޅައިގެ އާނގަ މަތީގައި އޮތް ހިލަގަނޑު ކުޑަ ތަންކޮޅެއް ދުރަށް ޖެހުނެވެ. އަދި ހޮހޮޅައިގެ ތެރެއަށް ވަޔާއި އަލި ވަންނަ ވަރުގެ ޖާގައެއް އުފެދުނެވެ.
"އަލްޙަމްދު ލި ﷲ." ޢައްމާރު ބުންޏެވެ.
"އެންމެ ފަހުން ސާފު ވައިކޮޅެއް ލިބިއްޖެ." ޒިޔާދު ބުންޏެވެ.
ތިން މީހުން ވެގެން ހިލަ ދުރަށް ލެވޭ ތޯ އަނެއްކާވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ.
*****
"މައިންބަފައިންނަށް ކަމޭ ހިތުމަކީ ވާޖިބެއް. އަދި އެހައިމެ ސަވާބު ބޮޑު ކަމެއް. އިސްރާ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވަނީ - އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިއިލާހެވެ. ތިޔަބައިމީހުންނީ، صالح ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ حضرة އަށް رجوع ވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައި އެއިލާހު ވޮޑިގެންވެއެވެ. (25) - ޞަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެ ހިލަގަނޑު ދުރަށް ޖެހުނީ އޭނާގެ ދުޢާގެ ސަބަބުން ތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ.
"އާނ. ދަރިފުޅާ! ﷲގެ އަމުރުފުޅަށް އެ ހިލަ ހަރަކާތް ކުރީ. އަދި އައްޔާއި ވައި ވަންނާނެ ވަރުގެ ޖާގައެއް ހެދުނީ. އަދި އެމީހުންނަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު." ގާޒީ ޞަފިއްޔުއްދީީނު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެ މީހުންނަށް ކުރިމަތި މުސީބާތަށް އަދިވެސް ނިމުމެއް ނާދޭ ނޫންތޯ؟ އެމީހުންނަށް އެ ހޮހޮޅައިން ނުނުކުމެވޭ ނަމަ، އެ ތަނުގައި ތިބެ ހަލާކު ވެގެން ދާނެ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ރަނގަޅު ވާހަކައެއް. ކިހިނެއް އެމީހުން ކައިބޮއި ހަދާނީ ވެސް." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އަދި އެހެން އެމީހުންނަށް ތިބެވޭނީ ކިހާ އިރެއް ވާން ދެން؟ ކާ އެއްޗެއް އަދި ބޯ އެއްޗެއް ނެތި." އަމީރު މުޙައްމަދު އެއްސެވިއެވެ.
"ބައްޕާ! ދެން ވީ ކިހިނެއް ތޯ؟" ސަލްމާ އެއްސެވިއެވެ.
"ދެން ވީ ގޮތް ބައްޕަ ކިޔައި ދޭނަން މާދަމާ! ބައްޕަ ތިޔަ ކުދީންގެ ކިބައިން އެދެނީ އިހުލާސްތެރިކަމާ އެކު ﷲ އަށް ދުޢާ ކުރުން. ދުޢާ ކުރުުމަކީ އަޅުކަމެއް. ދުޢާ ނުކުރުމަކީ ބޮޑާާ ވެގަތުމެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ހެޔޮ ފަތިހަކަށް ހޭލުމުގެ ތައުފީގު ކާފައަށް ﷲ ދެއްވާށި!" އަމީރާ ޞަފާ ވިދާޅުވިއެވެ.
"ދަރިފުޅުމެންނަކީ ހެޔޮކަމުގެ އަހުލުވެރީން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
*****
"ދޮރު މަތީގައި ކާކު؟" ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށް ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"އަޅުގަނޑު. ސަލްމާ!" ސަލްމާ ވިދާޅުވިއެވެ.
"ވަދޭ ދަރިފުޅާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ބާއްޖަވެރި ހެނދުނެއް ބައްޕާ! ރަނގަޅަށް އަވަހާރަ ލެއްޕެވުނު ކަމަށް އުއްމީދު ކުރަން." ސަލްމާ ވިދާޅުވިއެވެ.
"ﷲ އަށް ޙަމްދު ކުރަން. ދަރިފުޅާ ބުނެބަލަ، ޚަލީފާގެ ހާލުކޮޅު މިހާރު ކިހިނެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އަލްޙަމްދު ލި ﷲ. ހަރާރަތު ކޮންމެވެސް ވަރަކަށް ތިރި ވެއްޖެ." ސަލްމާ ވިދާޅުވިއެވެ.
"ހޭފުޅު އަރައްޖެ ތަ؟" ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ނޫން. ހިތާމައަކީ އެއީ. އަދިވެސް ހޭފުޅެއް ނެތް." ސަލްމާ ވިދާޅުވިއެވެ.
"ހާދަ ދެރައޭ! އެއްވެސް އެއްޗެއް ފަރީއް ނުކުޅުއްވާތާ ވެސް މިހާާރު ދެ ދުވަސް މި ވީ. އަދި ފެން ފަރީއްކޮޅެއް ވެސް ނުހިއްޕަވާ!" ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެމަނިކުފާނުގެ އަނގަފުޅަށް ބޭސްވެރިޔާ ތިކިތިކިން ފެންފޮދު އަޅަމުން ދޭ. އަދި ބޭހާއި ހަށިގަނޑު ވަރުގަދަ ކޮށް ދޭ ފަދަ ސަރުބަތު ތިކިތިކި ވެސް އެ ގޮތަށް އެބަ ދޭ." ސަލްމާ ވިދާޅުވިއެވެ.
"އެމަނިކުފާނަށް ﷲ ޝިފާ ދެއްވާށި! ބައްޕަ މި ދަނީ ފަނޑިޔާރު ގެއަށް. މަސައްކަތް ނިމުމާ އެކު އެނބުރި އަންނާނަން އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ބައްޕައާ އެކުގައި ސަލާމަތްތެރިކަން ލަައްވާށި!" ސަލްމާ ވިދާޅުވިއެވެ.
*****
"ގާޒީ. ގާޒީ." ގާޒީ ޞަފިއްޔުއްދީނުގެ ގުރާ ގޮވަމުން ދިޔައެވެ.
"ގާޒީ ވަޑައިގަންނަވާނެ! އިންތިޒާރު ކުރޭ!" ގުރައާ މުހާތަބުކޮށް ޒަޣުލޫލު ބުންޏެވެ.
"ގާޒީ. ގާޒީ." ގުރާ ގޮވައިލިއެވެ.
"މިއީ ކޮން ކަމެއް؟ ޒަޣުލޫލު!" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"އެއީ ހުއްމުސް ގުރާ ނޫންތޯ؟" ޒަޣުލޫލު ދެންނެވިއެވެ.
"އެއީ ހުއްމުސް ގުރާ ކަން އެބަ އެނގޭ. ކާކު ފަނޑިޔާރުގޭގެ ސަރިޔަތުގެ މަޖިލީސް ކުރާ ކޮޓަރިއަށް އޭތި ގެނައީ؟" ގާޒީ ޞަފިއްޔުއްދީނު ސުވާލު ކުރެއްވިއެވެ.
"ދެ ދުވަސް ވެއްޖެ ނޫން ތޯ މަނިކުފާނު ގެއަށް ވަޑައި ނުގަންނަވާ ތާ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މި ތަނަށް އޭތި ގެނައިމާ މަނިކުފާނަށް އޭތި ފެންނާނެއޭ. އަދި އޭއްޗަށް ވެސް މަނިކުފާނު ފެނުމުން ހަމަ ޖެހުން ލިބޭނެއޭ. އެހެން ވެ އަޅުގަނޑު އޭތި މި ތަނަށް ގެނައީ." ޒަޣުލޫލު ބުންޏެވެ.
"އެއަށް ކާން ދިނުމުން ފުދޭނެ. ދެން ކޮށީގެ ދޮރު ހުޅުވާލާފައި ބެހެއްޓުމުން އޭތި އުދުހިއުދުހިފައި އައިސް ކޮށްޓަށް ވަންނާނެ. މިއީ ފަނޑިޔާރުގެ. މިއީ ރަސްމީ ތަނެއް. އަހަރެމެންގެ އަމިއްލަ ކަންކަމާއި ތަކެތި ގެނެސް ޖަމާ ކުރާން ހުރި ތަނެއް ނޫން މިއީ. އެ ވަރު ޒަޣުލޫލަށް ވިސްނޭން ވާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"މިހާރު އޭތި ގެންދާން ވީ ތޯ؟" ޒަޣުލޫލު އެހިއެވެ.
"މިހާރަކު ނޫން. މިހާރު ޒަޣުލޫލު ދިޔައިމާ ފަނޑިޔާރުގޭގެ މަސައްކަތަށް އުނިކަން އަންނާނެ. ގުރާ ކޮށްޓަށް ލާފައި މި ކޮޓަރީން ބޭރުގައި އެއް ކައިރީގައި ބަހައްޓާ! މައްސަލަ ޖެހިގެން އުޅޭ ދެމަފިރިއެއްގެ މައްސަލަ ބެލުން މިއަދު ފުރަތަމައަށް އޮތީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
ގުރާ ކޮށްޓަށް ލައިގެން ނުކުމެ ޒަޣުލޫލު އެ ކޮށީގެ މަތީގައި ފޮތިގަނޑެއް އަޅާފައި އެނބުރިލި ވަގުތު، އަމަނުގެ ވެރިޔާ މުފްތާޙު އައިސް ކައިރިއަށް ހުއްޓިވަޑައިގަތެވެ.
"އިއްޒަތްތެރި ގާޒީ ކޮބައިތޯ؟" މުފްތާޙު އެއްސެވިއެވެ.
"އެބަ އުޅުއްވާ! އިންނެވި ރަސްމީ ކޮޓަރިކޮޅުގައި." ޒަޣުލޫލު ދެންނެވިއެވެ.
"މުހިއްމު ކަމެއްގައި މި އައީ. އަޅުގަނޑު އިންތިޒާރުގައި މަޑު ކޮށް ލާނަން. މި ވަގުތު ހޫނު ގަހުވަ ތަށްޓެއް ގެނެސް ދީ." މުފްތާޙު ވިދާޅުވިއެވެ.
"ވިދާޅު ވި ގޮތެއް ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ.
"މި ތަނުން މޭވާ ކޮޅެއް އަހަރެން ކައިލިޔަސް ގާޒީގެ އެއްވެސް މައްސަލައެއް އޮންނާނެ ހެންނެއް ހިއެއް ނުވޭ." މޭޒުމަތީގައި ހުރި މޭވާ ވަށީީން ރަތް އާފަލެއް ނަގަމުން މުފްތާޙު ވިދާޅުވިއެވެ.
"ގާޒީ. ގާޒީ."
"ކީއްވެ އަހަރެން މޭވާއެއް ނަގާ އިރަށް ގާޒީއަށް ތި ގޮވާން ފެށީ. އޭ ޒަޣުލޫލު!" މުފްތާޙު ވިދާޅުވިއެވެ.
"އަޅުގަނޑެއް ނުގޮވަން ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ.
"ކޮން ދޮގެއް ހަދާކަށް. އަހަރެންގެ މި ދެ ކަންފަތުން އަޑު އެހިން." މުފްތާޙު ވިދާޅުވިއެވެ.
"ދޮގު. ދޮގު."
"ކާކު ވާހަކަ ދައްކަނީ؟" މުފްތާޙު ހައިރާންކަމާ އެކު އެއްސެވިއެވެ.
"އެއީ ހުއްމުސް ގުރާ." ޒަޣުލޫލު ދެންނެވިއެވެ. އެހެން ދަންނަވާފައި ގުރާ ކޮށީގެ މަތީގައި އޭނާ އެޅި ފޮތިގަނޑު ނެގިއެވެ.
"މި ތަނަށް މީތި ގެނައީ ގާޒީ ވިދާޅުވެގެން ތަ؟" މުފްތާޙު އެއްސެވިއެވެ.
"ނޫން. އެއީ އަޅުގަނޑުގެ ކުށް. ޚަލީފާ އާލާސްކަންފުޅާ އުޅުއްވާ އިރު، ގަނޑުވަރުގައި އަމީރާ ޞަފިއްޔާ އަރިހުގައި ގާޒީ ހުންނަވާ އިރު މި ގުރާ ފެނިވަޑައި ނުގަންނަވާނެތީ މި ތަނަށް ގެނައީ އަޅުގަނޑު. އެކަމަކު އެކަމާ ގާޒީ ވެސް ހިތްޕުޅާ ނުވި." ޒަޣުލޫލު ދެންނެވިއެވެ.
"ޚަލީފާގެ އާލާސްކަންފުޅޭ! ކިހިނެއް ކަލެއަށް އެނގުނު ކަމެއް ތިޔައީ." މުފްތާޙު ސުވާލު ކުރެއްވިއެވެ.
"ގާޒީ ގޭގައި ނޫޅުއްވައި ގަނޑުވަރުގައި އުޅުއްވާތީ އަޅުގަނޑަށް ވިސްނުނީ." ޒަޣުލޫލު ދެންނެވިއެވެ.
"ޒަޣުލޫލު! އަޑު އަހާ! ޚަލީފާގެ އާލާސްކަންފުޅަކީ ބޯޑޫ ސީއްރެއް." ފިލިތައް ދިގުކޮށް ދަންމަވާފައި މުފްތާޙު ވިދާޅުވިއެވެ.
"ޚަލީފާގެ އާލާސްކަންފުޅު. ޚަލީފާގެ އާލާސްކަންފުޅު." ގުރާ ތަކުރާރުކޮށް ގޮވާން ފެށިއެވެ.
"ދައުލަތުގެ ހައިބަތަށް ޓަކައި ހުއްޓާލާ! ހުއްމުސް!" ހުއްމުސް ގުރައާ މުހާތަބުކޮށް މުފްތާހު ވިދާޅުވިއެވެ.
*****
އަމީރު މުރާދު އިންނެވީ އާލާސްކަންފުޅާ އޮންނެވި ބައްޕާފުޅު ސުލްޠާން ސަލީމުގެ އެނދުދާންކޮޅުގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އެ ވަގުތު އެ ކޮޓަރިކޮޅަށް ތުއްޕުޅު ދެ އަމީރުން ވެސް ވެދެވަޑައި ގަތެވެ.
"ބައްޕާ! ކާފާފުޅުގެ ހާލުކޮޅު މިހާރު ކިހިނެއް ތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ.
"އަޑު މަޑު ކުރޭ ދަރިފުޅާ! ކާފާފުޅަށް އުނދަގޫފުޅު ވެދާނެ." އަމީރު މުރާދު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުން ވަނީ ކާފާފުޅު ހެއިފުޅު ލައްވާން. އެއްޗެއް ފަރީއްކުޅުއްވުމަށް." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"އެހެން ހެދުން ރަނގަޅެއް ނުވާނެ ދަރިފުޅާ! ދެބެން ބޭރަށް ގޮސް ކުޅެލާ!" އަމީރު މުރާދު ވިދާޅުވިއެވެ.
"ބައްޕާ! އަޅުގަނޑުމެން މި ތަނަށް އައީ ކުޅޭކަށް ނޫނޭ. އަދި މިއީ އަޅުގަނޑުމެންގެ ކުޅޭ ގަޑިއެއް ވެސް ނޫން.' އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތަނަށް އައީ ކާފާފުޅުގެ ހާލުކޮޅު ދެކިލައި، ކާފާފުޅަށް އެހީތެރި ވާން." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އެހެން ވެއްޖެއްޔާ ވާހަކަ ނުދައްކައި މަޑުމަޑުން ތިބޭ އިށީނދެގެން. އަޑުގަދަ ނުކުރާތި." އަމީރު މުރާދު ވިދާޅުވިއެވެ.
"ޔާ ރައްބަލް ޢާލަމީން އަޅަމެންގެ ކާފާފުޅަށް ޝިފާ ދެއްވައި ފާނދޭ!" އަމީރު މުޙައްމަދު ދުޢާ ކުރައްވާން ފެށްޓެވިއެވެ.
"ޔާ ރައްބަލް ޢާލަމީން ކާފާފުޅަށް ޝިފާ ދެއްވައި ފާނދޭ! ލާއިލާހަ އިއްލާ އަންތަ." އަމީރާ ޞަފާ ވެސް ދުޢާ ކުރެއްވިއެވެ.
އެ ދެ ބޭފުޅުން ދުޢާ ކުރައްވާން ފެށްޓެވި ތަނާ ސުލްޠާން ސަލީމުގެ ލޯފުޅު ކުޑަކޮށް ހުޅުވުނެވެ. އަދި އަނގަފުޅު ވެސް ހުޅުވައިލައްވާން އުޅުއްވިހެން ހީވިއެވެ.
"ޞަފާ! ފެނުނު ތަ ބޭބެއަށް ފެނުނު ފަދައިން." އަމީރު މުޙައްމަދު އެއްސެވިއެވެ.
"އާދެ! ލޯފުޅު ކުޑަކޮށް ހުޅުވައިލެއްވި ތަން ދުށިން." އަމީރާ ޞަފާ ވިދާޅުވިއެވެ.
- ނުނިމޭ -