ވަޅިން ހަމަލާދީ ގުރައިދޫގައި ބިދޭސީއަކު މަރާލައިފި

ތ. ގުރައިދޫގައި ބިދޭސީ މީހާ މަރާލާފައި އޮތް ސަރަހައްދު --- ފޮޓޯ: އެމްވީކްރައިސިސް

ތ. ގުރައިދޫގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ.

މަރާލާފައިވާ ބިދޭސީއަކު މިރޭ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން އެ މަރުކަޒުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

މިއީ މިއަހަރު ވަޅިން ހަމަލާދީ ރާއްޖޭގައި މަރާލި ފުރަތަމަ މީހާއެވެ.

ގުރައިދޫ ކައުންސިލްގެ މެމްބަރު ނައުފަލް ހަސަން "ސަން" އަށް ވިދާޅުވީ މަރާލާފައި ވަނީ އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

އެމީހާ މަރާލާފައި އެއްލާލާފައި ވަނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއަށް ކަމަށެވެ.

"ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަނީ. އެ ސައިޓުގައި އޭނާގެ އެކަމޮޑޭޝަން ވެސް ހުންނާނީ. ބޮޑުމީހާގެ ފިހާރައަށްގޮސް ކުޑަކޮށް އެހީތެރިވުމަށްފަހު 11:00 އެހައިކަންހާއިރު އަނބުރާ ސައިޓަށް ނިދަން ދިޔައީ. ލަފާކުރެވެނީ އެކަން ކުރަން ތިބި ބަޔަކު ރެޑީވެގެންނޭ ތިބީ އޭނަ އަންނަ ގަޑިއަކަށް،" ނައުފަލް ވިދާޅުވިއެވެ.

ވަޅިން ހަމަލާދީފައި ވަނީ އެމީހާގެ ކަރަށާއި ބަނޑަށް ކަމަށް ވެސް ނައުފަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ބިދޭސީއަކު މަރާލައި ކަނޑުފައްތާލާފައެވެ. އޭނާ މަރާލާފައި ވަނީ ށ. ޅައިމަގު ކުރިމަގު ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ލުތުފަރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލީ އެ ބޯޓުގައި ދެންތިބި ބަންގްލަދޭޝްގެ މީހުންގެ މެދުގައި ހިނގި ދެބަސްވުމަކަށްފަހުއެވެ.

ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ބައިތައް ކަނޑުއަޑިން ހޯދާފައެވެ.

comment ކޮމެންޓް