ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ އިގްތިސާދު ވެއްޓޭނެ ވަޅުގަނޑުން އަރައިގަތުމަށް އަވައްޓެރި ގައުމުތަކުން ވެސް ޗައިނާ އިން ލޯނު ނަގަމުން އަންނަ ކަމަށާއި ރާއްޖޭގެ އިގްތިސާދު އިޔާދަ ކުރުމަށް ވެސް ޗައިނާގެ އެހީތެރިކަމަށް އެދި 500 މިލީއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ލޯން ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ގޮވާލައްވައިފި އެވެ.
ޝަރީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް 15 އާއި 20 ބިލިއަން ރުފިޔާ ވަރު ބޭނުން ވާނެ ކަމަށާއި އެ އަދަދަށް ފައިސާ ހޯދައިގެން ނޫން ގޮތަކަށް އަވަހަށް އިގްތިސާދު ނަގައި ކޮޅަށް ނުޖެހޭނެ ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާ އިން ވެސް ވަނީ ޗައިނާ އިން 500 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފައިވާ ކަމަށާއި ރާއްޖެ އިން ވެސް 500 މިލިއަން ޑޮލަރުގެ ލޯނު ޗައިނާ އިން ހޯދުމަށް ގޮވާލައްވާ ކަމަށެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް މާލިއްޔަތު ކޮމެޓީގެ މެންބަރު ޝަރީފު ވިދާޅުވީ ދައުލަތުގެ އާމްދަނީ ސިނާރިއޯ ފަހަކަށް ވުރެ ވެސް ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި އެހެން ކަމާ އެކު އެންމެ މުހިންމު ކަމަކީ އިގްތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން ކަމަށާއި އެކޮނަމިކް ރިކަވަރީއަށް ޓަކައި އަޅަން މަޖުބޫރު ފިޔަވަލުތަކެއް ހުރި ކަމަށެވެ.
މިދިޔަ އަހަރު ދައުލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 23.97 ބިލިއަން ރުފިޔާ އެވެ. އަދި ސިނާރިއޯ ފަހަަކަށް ވެއްޓިއްޖެ ނަމަ ދައުލަތަށް ލިބޭ އާމްދަނީ 11.60 ބިލިއަން ރުފިޔާ އަށް ދައްވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޝަރީފު ވިދާޅުވީ މިހާރު އޮތް ރަމްޒީ ރިލީފް ޕެކޭޖަކީ އިގްތިސާދީ ރިކަވަރީކަށް ފުދޭނެ މިންވަރެއް ނޫން ކަމަށާއި ދައުލަތުގެ އެކޮނަމީ ރިކަވާ ކުރުމަށް ޓަކައި 15 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޑަބްލިޔުޓީއޯ އިން ލަފާކުރާ ގޮތުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ކަންކަން ހަމައަކަށް އެޅޭނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ރިކަވަރީ ޕްލޭން ހަދަން ޖެހޭނީ އެކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާލަތާ ގުޅިގެން އިންޑީއާ އަށް ވެސް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އަދި ސްރީލަންކާ އަށް ވެސް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ވެސް އެ މަގުން ހިނގަން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ އިގްތިސާދު އިޔާދަ ކުރުމަށް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގަން ޖެހޭ ކަމަށެވެ.
ޗައިނާ އިން 500 މިލިއަން ޑޮލަރުގެ ލޯން ނަގަން އެމްޑީޕީ މެންބަރު ޝަރީފު ވަކާލާތު ކުރައްވާ އިރު އެ ޕާޓީގެ ލީޑަރު އަދި ރައްޔިޔުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ އަދަދު ބޮޑުވެ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފި އެވެ. އަދި އެ ވާހަކަ ދެއްކެވިވަރުން ޗައިނާ އާއި ރާއްޖެ އާ ދެ ގައުމުގެ ބައިލެޓްރަލް ގުޅުންތަކަށް ބުރޫއަރާ ވަރަށް ވެސް ނަޝީދު އެެ ވާހަކަ ދެއްކެވި އެވެ.