ދޮންއަނބު ރިހަ އަހަރެމެން ތައްޔާރުކުރަން ފެށީ ކަނޑައެޅިގެން ކޮން ދުވަސްވަރެއްގައި ރާއްޖޭގެ ކޮން ރަށެއްގައިކަން ބުނެދޭން ނޭގުނު ނަމަވެސް، ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މި ރިހައިގެ މަގުބޫލް ވަނީ ބޮޑުވެފަ އެވެ. ރޮއްޓާއި ދޮން އަނބުރިހަ އާއި ތެލުލިފަތާއި މަސްމިރުސް ލައިގެން ވަރަށް މީރު ކެއުމެކެވެ.
އެލީޝާ އިސްމާއިލް(ނޮނާ) މިއަދު އަހަރެމެންނާ ހިއްސާކޮށްލީ ދޮންއަނބު ރިހަ ތައްޔާރުކޮށްލާނެގޮތުގެ ރެސިޕީ އެވެ.
ބޭނުންވާތަކެތި:
- 1 ފިޔާ (ކުޑަސައިޒުގެ ތުނިކޮށް ކޮށާފައި)
- 2 ހިކަނދިފަތް ކޯޅި
- 2 ރާނބާފަތް
- 1 ފޮނިތޮށި
- 3-4 ކާފޫރުތޮޅި
- 1 ސައިސަމުސާ އިގުރު (ގާނާފައި)
- 1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
- 1 - 1/2 ގިތެޔޮ މިރުސް
- 2 ސައިސަމުސާ ހަނާކުރި ހަވާދު
- 2 ސައިސަމުސާ މަސް ހަވާދު
- 2 ސައިސަމުސާ ދިރި
- 2 ސައިސަމުސާ އަސޭމިރުސް(މުގުރާފައި)
- 1 ސައިސަމުސާ ދަވިއްގަނދު (މުގުރާފައި)
- 2 މޭޒުމަތީ ސަމުސާ އައްޑޫ ހަވާދު
- 2 މޭޒުމަތީ ސަމުސާ ހިކިމަސް (ޗިޕްސް ގޮތަށް ނުވަތަ މުގުރާފަ)
- 1 ދަޅު ކާށިކިރު
- 2 ސައިސަމުސާ ޗިލީ ޕައުޑަރ
- 4 ދިވެހި އަނބު(ދޮންވެފައި)
- 1 ދިވެހި ދޮންއަނބު (ފޮތިޖަހާފައި)
- 1/2 ޖޯޑު ފެން
- ލޮނު (ރަހަލާވަރަށް)
ތައްޔާރުކުރާނެގޮތް:
ތެއްޔަކަށް ކުޑަ ތެޔޮފޮދެއް އަޅާ ހޫނުކޮށްލާށެވެ. ފިޔާ، ގާނާފައިހުރި އިގުރު އަދި ލޮނުމެދު މަޑުގިނީގައި ރަނގަޅަށް ވަޅޯކޮށްލާށެވެ. 3-5 ވަރަކަށް މިނިޓް ފިޔާތައް ވަޅޯކޮށްލުމަށްފަހު، ހިކަނދިފަތާއި ރާނބާފަތް، އަދި ފޮނިތޮށްޓާއި ކާފޫރުތޮޅީގެ އިތުރުން ގިތެޔޮ މިރުސް އެއްކޮށްލާށެވެ. އަދި ރަނގަޅަށް ދޭފަތުން ތެލީގައި ހުރި ހުރިހާ ބާވަތެއް އެއްކޮށްލާށެވެ.
އެއަށްފަހު 2 ސައިސަމުސާ ހިކިމަސް އެއްކޮށްލުމަށްފަހު ރަނގަޅަށް ފްރައިކޮށްލާށެވެ. 2 ސައިސަމުސާ ދިރި އަޅާލުމަށްފަހު ތެލީގައި ހުރި ހުރިހާ އިންގްރީޑިއަންޓްސްއެއް ރަނގަޅަށް ދޭފަތުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ބާކީހުރި ހަވާދުގެ ބާވަތްތައް ކަމަށްވާ ހަނާކުރި ހަވާދު، މަސް ހަވާދު، 2 ސައިސަމުސާ އަސޭމިރުސް އަދި މުގުރާފައި ހުރި ދަވިއްގަނދުކޮޅުވެސް އަޅާލުމަށްފަހު އެއްކުރަމުންގެންދާށެވެ.
2 ސައިސަމުސާ ޗިލީ ޕައުޑަރ ނުވަތަ ލޮނުމިރުސް ހަވާދާއި އައްޑޫ ހަވާދުކޮޅުވެސް އެޅުމަށްފަހު 1/4 ޖޯޑު ފެން އަޅާލާށެވެ. ދޭފަތުން ރަނގަޅަށް ތެލީގެ ތެރޭގައި ހުރި ސާމާނު އެއްކޮށްލަށް ފެށުމުން ފުލުގައި ކެރަމަލައިޒްވެ ހިފާފައިހުރި ފިޔާތައް މައްޗަށް އަރަމުންދާއިރު ހަވާދުގެ މީރުވަހުން ބަދިގެ އެއްވަސްވެގެންދާކަންވެސް ފާހަގަކުރެވޭނެއެވެ.
ފޮތިޖަހާފައިހުރި އަނބުކޮޅު އަވަހަށް އެޑްކޮށްލާ ރަނގަޅަށް ދޭފަތުން ހާކާލާށެވެ. އިސާހިތަކު ރިހަގަނޑު އޮލަވާން ފަށާފާނެއެވެ. ރަނގަޅަށް ދޮންއަނބުކޮޅު ފްރައިވާން ފެށުމުން 4 ދޮންއަނބުވެސް ރިހަ ތެއްޔަށް އަޅާލަންވީއެވެ. ދޮނއަނބުތައް އެއްކޮށް ޗިސްނުކޮށް ތެލީގެ ތެރެގައި ކެރެމަލައިޒްވާނެގޮތަށް ފްރައިކޮށްލާށެވެ. 2 މިނިޓެއްހާއިރު ރަނގަޅުވާނެއެވެ.
އެއަށްފަހު ކާށިކިރު ދަޅުގެ އެއްބައި އަދި 1/4 ޖޯޑު ފެން އަޅާ 10 ވަރަކަށް މިނިޓް ތެލީގައި މަތިޖަހައިގެން ކައްކާލާށެވެ.
10 ވަރަކަށް މިނިޓްފަހުން ލޮނުހެޔޮވަރުކޮށްލާށެވެ. ނޮނާ އެޑް ކޮށްލީ 1/2 ސައިސަމުސާ ލޮނެވެ. މިރިހަ ތައްޔާރުކުރުމުގައި ބޭނުންކުރާ އައްޑޫ ހަވާދުގައި ފުދޭވަރަކަށް ލޮނުހުރުމާވެސްއެކުގައެވެ.
އެއަށްފަހު ބާކީ ހުރި ކާށިކިރުކޮޅު އަޅާލާ މަޑުގިނީގައި އަދި އިތުރު ވިއްސަކަށް މިނިޓް ތެލީގައި މަތިޖަހައި ކައްކާލުމުން ދޮންއަނބު ރިހަ ތައްޔާރުކޮށްލެވުނީއެވެ.
މިއީ ރޮއްޓާއި ކަޅުސަޔާއި އެކު ކާލަން ވަރަށް ކަމުދާނެ ރިހައެކެވެ.