ރައީސްއާއި ނައިބުގެ މުސާރަ ކުޑަކުރަން ނިންމި ނިންމުން ގާނޫނާ ހިލާފު

ރައީސްއާއި ނައިބު ރައީސް: މަޖިލީހުން މިއަދު ވަނީ ރައީސްއާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރުމަށް ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއާޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތް ނިންމުންމެއް ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމައި އެ ރިޕޯޓު މިއަދު މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މި މަހުން ފެށިގެން ތިން މަހަށް މުސާރަ ކުޑަކުރަން ނިންމި ފަރާތްތަކުގެ ތެރޭ ރައީސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހިމެނެ އެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ ދެބޭފުޅުންގެ އަސާސީ މުސާރައިން 35 ޕަސަންޓް އުނިކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ ރައިސްގެ މުސާރައިން 35،000 ރުފިޔާ އަދި ނައިބުގެ ރައީސްގެ މުސާރައިން 26،250 ރުފިޔާ އެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ، 11/2009، "ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. އެގޮތުން، އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ އެވެ.

https://sun.mv/137063

"ސަން"އާ ވާހަކަ ދެއްކެވި ބައެއް ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނުގައި ވަރަށް ސަރީހަކޮށް ވަކި އަދަދެއް ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ލިޔެފައިވުމާއި އެ އަދަދު ބަދަލު ކުރެވޭނެ ހާލަތެއް ގާނޫނުގައި ބުނެފައި ނުވާތީ، ރައީސް އާއި ނައިބު ރައީސްގެ މުސާރައަށް އުނި އިތުރު ގެނެވޭނީ އެ ގާނޫނު އިސްލާހުކޮށްގެންނެވެ. އަދި ގާނޫނެއްގައި ލިޔެފައި އޮތް އެއްޗެއް މަޖިލީހުން އިސްލާހުކޮށް ރައީސް ތަސްތީގު ނުކުރަނީސް ކޮމިޓީއަކުން ފާސް ކުރާ ރިޕޯޓަކުން އެގޮތަށް މުސާރަ ކުޑަކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ރިޕޯޓު ފާސްކުރި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު މިކަމާ ގުޅޭ ގޮތުން "ސަން" އަށް ވިދާޅުވީ، މިކަމުގައި ގާނޫނީ ފުށުއެރުމެއް ނެތް ކަމަށެވެ. އަދި އެއީ ކޮމިޓީގެ އިހްތިސޯސްގެ ތެރެއިން ގާނޫނު އަސާސީއިން ބާރު ލިބިގެން ފާސްކޯށްފައިވާ ރިޕޯޓެއް ކަމަށް ނާޝިޒު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 118 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅަން ވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ބުނެފައިވެ އެވެ. އަދި މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި އޮންނަނީ ގާނޫނެއް ފާސްކޮށްގެންނެވެ.

ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން ކޮންމެ ތިން އަހަރަކުން އެއްފަހަރު މަޖިލީހުން އެގާނޫނުގެ ދަަށުން ކަނޑައަޅާފައިވާ މުސާރައާއި އިނާތައްތައް މުރާޖާކޮށް، މުދަލާއި ހިދުމަތުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު، ގާނޫގައި ބުނާ އެ އަދަދު މުރާޖައާ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެ ގާނޫނު ވުޖޫދުވި ފަހުން އެ މުސާރަތަކަށް ބަދަލު ގެނެސްފައި ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިތުރުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ.

މީގެ ކުރިންވެސް މާޗްމަސް ތެރޭ މަޖިލީހުން ވަނީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ މުސާރައިގެ ވަކި ޕަސަންޓެއް ކުޑަ ކުރުމަށް ނިންމާފަ އެވެ. އޭރުވެސް ރައިސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަކުރުން ހިމެނެ އެވެ.

comment ކޮމެންޓް