ވިދާލި ވިދުވަރާއި އެކު މުޅި ތަން އަލިވެގެން ދިޔައެވެ. އިންޒާރުގެ ނިމުން ހިނދުކޮޅެއްގެ ތެރޭގައި އައެވެ. ގުގުރާލި އަޑާއި އެކު މުޅި ސަރަޙައްދުން ކަރަންޓް ދިޔައެވެ. ނިދާފައި ތިބި ތުއްތު ކުދިންތައް އެއް އަޑަކުން ރޮއިގަތީ، އެ އަޑުގެ ބިރުވެރިކަން އިހުސާސް ކުރެވުމުން ކަން ގައިމެވެ. ގުގުރީގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ. އަންނަން އޮތް ތޫފާނުގެ ފަހުގެ އިންޒާރު ދޭ ފަދައިންނެވެ.
އީތަންއަށް ހޭލެވުނީ، ތުއްތު ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑު އިވުމުންނެވެ. އެ ފިނި ރޭގައި ވެސް އޭނަ އޮތީ، ދާހިއްލާ ފޯވެފައެވެ.
އީތަން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އެނދު ކައިރީގައި ބަހައްޓާފައިވާ ކުޑަ މޭޒުމަތީގައި ހުރި ފެންފުޅި ނަގައި ބޯން ފެށިއެވެ. އެއް ނޭވާ އިން އެ ފެން ފުޅި ބޮއެ ހުސްކޮށްލުމަށްފަހު، އޭނަ ދޫކޮށްލީ، ފުން ނޭވާ އެކެވެ. ނިތްކުރި މަތީގައި ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން، ކައިރީގައި ނިދާފައި އޮތް އަނބިމީހާ އާއި ދިމާއަށް އޭނަ ބަލާލި އެވެ.
ޒިދުމާ އޮތީ، އަރާމު ނިންޖަކުން ނިދާލާފައެވެ. ކަމެއް ވާކަމުގެ ކުޑަވެސް ޙިލަމެއް އޭނައަށް ނުވާ ކަހަލައެވެ.
ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީ އެވެ. އެކަން އިއުލާން ކުރީ، މޭޒުމަތީގައި ބައިންދާފައިވާ ކުޑަ ސޯނާ ގަޑިއެވެ.
އަނެއްކާވެސް ތުއްތު ކުއްޖަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. މިފަހަރު އެ އަޑު އައީ، އީތަންގެ ކޮޓަރި ކުޑަދޮރުތަކާއި ދާދި ގާތުންނެވެ. އީތަން މަޑުމަޑުން ތެދުވިއެވެ. ޖެހިލުންވި ނަމަވެސް، އެ ހިތް ގޮވަމުން ދިޔައީ، ބޭރު ބަލައިލުމަށެވެ.
ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، ކުޑަދޮރުތައް ކައިރީގައި އޭނަ ހުއްޓުނެވެ. ފަންކާގެ ވަޔާއިއެކު ވިހުރެމުންދިޔަ ދޮރުފޮތިގަނޑުގައި އޭނަ އަތް ޖައްސައި ލިއެވެ. މަޑުމަޑުން އެ ފޮތިގަނޑު ކަހާލި ވަގުތު، ވިދާލި ގަދަ ވިދުވަރާ އެކީ، މުޅި ތަން އަލިވެގެން ދިޔައެވެ.
ކުޑަދޮރުގެ ކައިރީގައި ލެއިން ތަތްތެޅިފައި އެ ހުރީ، ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ވިދުވަރުގެ އަލި އެޅުނު ވަގުތު، އީތަންއަށް އެ ކުއްޖާ ރީތިކޮށް ފެނުނެވެ. އެ ކުއްޖާގެ ނަޒަރު އަމާޒުވެފައިވީ، ސީދާ އޭނަގެ ދެ ލޮލަށެވެ.
އީތަން ދިޔައީ، ސިއްސައިގެންނެވެ. އޭނަ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ ހަށިގަނޑު ފަހަތަށް އެއްލިގެން ދިޔައެވެ. މަޑުމަޑުން އެ ދެލޯ މެރެމުން ގޮސް، ޚަބަރު ހުސްވެގެން ހުރި ތަނަށް ވެއްޓިއްޖެވެ.
ނިދިފައި އޮތް ޒިދުމާ ތެދުވީ، ފުންމައިގެންނެވެ. މުޅި ކޮޓަރިތެރެއަށް އޭނަ ބަލަން ފެށީ، ބިރެއް ފެނުމުން ބަލާ ހެންނެވެ. ކުއްލިއަކަށް އެ ލޮލުގައި އަޅައިގަތީ، ތަޅުންގަނޑުގެ މައްޗަށް ވެއްޓިފައި އޮތް އީތަން އެވެ. ޒިދުމާއަށް ލިބުނީ، ކުއްލި ސިހުމެކެވެ. ކޮންމެވެސް ނުބައެއް އުޅޭކަމަށް އޭނަގެ ހަވަނަ ޙިއްޞު ބުނެދިނެވެ.
އޭނަ ފަހަތަށް ޖެހެމުން، އެނދުގެ ހެޑްބޯޑުގައި ލެނގިލައިފިއެވެ. އޭރުވެސް އޭނަގެ ލޮލުގެ ކަޅި ކޮޓަރި ތެރޭގެ އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައެވެ.
ކުއްލިއަކަށް، އައި ނައިތަނެއް ނޭނގި ފެނުނީ، ޒިދުމާގެ ކުރިމަތީގައި އީތަން އިންދައެވެ. އެނދުމަތީގައި ދެކަކޫ ޖައްސައިގެން އިންއިރު، އީތަންގެ ބޯ ވަނީ، ތިރިއަށް އެލިފައެވެ. ޖަނަވާރުން އެތަކެތީގެ މުއްގަނޑު ބިންމަތީގައި ޖައްސައިގެން އޮންނަހެން އީތަން އޮތީ، އޭނާގެ ދެއަތްތިލަ މުށްކަވައި، އޭގެ ބާރުގައެވެ.
އީތަން މަޑުމަޑުން ޒިދުމާ އާއި ކައިރިއަށް ޖެހިލިއެވެ. އޭރު އެ ދެލޮލާއި، ނޭފަތުގެ އިތުރުން އަނގައިން ލޭތައް ފައިބަމުން ދިޔައެވެ. އެ ތުންފަތް މަތީގައި ވަނީ، ވިހަ ހިނިތުންވުމެކެވެ. އެ ނަޒަރު ޒިދުމާގެ ދަތްދޮޅިން ފެށިގެން، ދެ ލޮލަށް ހުއްޓުނެވެ.
ނޭވާ ލާން ވެސް ހަނދާން ނެތިފައި އިން ޒިދުމާގެ ހަށިގަނޑަށް ބާރުގަނޑެއް އެރިއެވެ. އޭނަގެ ދެ އަތް، ހީވީ، ހެޑްބޯޑުގައި ތަތްވި ހެންނެވެ. ދެ އަތާއިއެކު ދެ ފައި ވެސް ގުޑުވައެއް ނުލެވުނެވެ.
ޒިދުމާގެ މޫނު ގަދަކަމުން ކަހަލަ ގޮތަކަށް މައްޗަށް އުފުލެން ފެށިއެވެ. އޭނަގެ އަނގަ، ހުޅުވިއްޖެ އެވެ. އަނގައިގެ ތެރެއިން ނުކުތް ގަދަ އަލިފާންގަނޑު ސީލިންގާއި ހަމައަށް ނުދަނީސް، ކޮންމެވެސް މީހަކު އައިސް ދޮރުގައި ތަޅަން ފެށި އަޑު އިވުނެވެ.
އެނދުމަތީގައި އިން އީތަންގެ ކަރު އެނބުރުނެވެ. އެ ހަށިގަނޑަށް ގުޑުމެއް ވެސް ނާރަ އެވެ. ދޮރާއި ދިމާއަށް، އޭނަ ބަލައިލީ، ރުޅި އައިސްފައެވެ. ޒިދުމާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ. ލިބުނު ފުރުސަތުގެ ބޭނުން އޭނަ ހިފިއެވެ. ތުންތަޅުވާލާފައި، އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެއާއިއެކު، އީތަންގެ ދެ ލޯ މެރިގެން، އެނދު މައްޗަށް ވެއްޓިއްޖެއެވެ.
********
"އަހަންނަކަށް ނޭނގެ ވީ ގޮތެއް ވެސް... ފަސް އަހަރު ވީއިރު ނުވީ ކަމެއް މިހާރު ކުއްލިއަކަށް ވާންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ..."
ޒިދުމާ އިނީ އޭނާގެ އެކުވެރި ޝިޒުނާގެ ކައިރީގައެވެ. އެ ވާހަކަތައް ކަނުލައި އަޑު އަހަން ޝިޒުނާ އިނެވެ.
"ތިކަމަށް އަވަސް ހައްލެއް ނުހޯދައިފިއްޔާ ވަރަށް ސަކަރާތް ވެދާނެ... ފަންޑިތަ ހަދާ މީހަކު ގެންނަމާ..." ޝިޒުނާ ހާމަކުރީ، އޭނައަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ.
ޒިދުމާ ވަގުތުން ދެކޮޅު ހެދިއެވެ. ހިތުގައި ފޮރުވައިގެން އުޅޭ ބޮޑު ސިއްރު ފަޅާއަރާފާނެތީ، އޭނަ ބިރުގަތެވެ. އީތަންއަށް އެކަން އެނގިއްޖެނަމަ، އޭނަދެކެ ފޫހި ވާނެއެވެ. އެކީގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެހެން އެކަން ވާކަށް ޒިދުމާ ބޭނުމެއް ނުވިއެވެ.
"ދެން ހެޔޮތަ ޒިދޫގެ ފުރާނަ ދިޔަސް؟... އީތަން އާ ދޭތެރޭ ވެސް ވިސްނަން ޖެހޭނެ ދޯ!... އެކަހަލަ ކަމެއް ވާއިރު، ޤައިމު ކިހާ ވޭނެއް ވެސް އަޅާނެ..." ޝިޒުނާ މަސައްކަތް ކުރީ، އެކުވެރިޔާއަށް ވިސްނައިދެވޭތޯއެވެ.
"އަހަރެން ވިސްނާލާނަން..." ޒިދުމާ ތެދުވިއެވެ.
ގެއަށް އައި ޒިދުމާގެ ފިޔަވަޅުތައް ގޭގެ މައިދޮރާއި ހަމައިން ހުއްޓިއްޖެއެވެ. ފަސް އެނބުރިފައި، ގޭގެ ކެޔޮފީންޏާއި ދިމާއަށް އޭނަ ބަލާލައިފި އެވެ. އެދިމާލުގައި އެ ހުރީ ކަޅު ހިޔަންޏެކެވެ. ޒިދުމާގެ ދެބުމަ ގޮށްޖެހުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގޮސް، ގޭތެރެއަށް ވަދެގެން ދިޔައެވެ.
އީތަން އިނީ މައިގެ ތެރޭގައެވެ. ޓީވީ ހަލާކުވެގެން އެ ރޫޅާލައިގެންނެވެ. ޒިދުމާ ފެނުމުން، އޭނަ ހަދިޔާކޮށްލީ، ލުއި ހިނިތުންވުމެކެވެ.
"އީތަން!... އައިސްބަލަ..."
އީތަންއަށް ގޮވާލާފައި، މަޑުވެސް ކޮށްލުމެއްނެތި، ޒިދުމާ ގޮސް ކޮޓަރިއަށް ވަނެވެ. ކަމެއް ގޯސްވެއްޖެ ކަން އެނގުމުން، އީތަން އަވަހަށް ތެދުވިއެވެ. އޭނަ ޒިދުމާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.
"ކިހިނެތްވީ؟... ހާދަ ހާސްވެފަ..." އީތަން ހާސްވީ، ޒިދުމާ ހުރިގޮތް ފެނުމުންނެވެ.
ރޭގެ އެއްވެސް ހަނދާނެއް އެ ސިކުނޑީގައި ނުވެއެވެ. އަނބިމީހާ އާއި ވީހާވެސް ކައިރިއަށް އޭނަ ޖެހިލިއެވެ. އެ ހަށިގަނޑުގައި ދެއަތް ވަށާލާފައި، ކަނދުރާގައި ދަތްދޮޅި އަޅުވާލައިފިއެވެ.
"އަހަރެން ދާން ޖެހިއްޖެ..." ޒިދުމާ ވާހަކަ ދެއްކީ ދެރަވެފައި ހުރެއެވެ.
"ކޮންތާކަށް؟..." ޒިދުމާ ދުރުކޮށްލާފައި އެ މޫނަށް ބަލައިލަމުން އީތަން ސުވާލު ކުރިއެވެ.
"އަހަރެންގެ ވަޒަނަށް..." ޒިދުމާ އިސްޖަހައި ލިއެވެ.
"ޒީގެ ވަޒަނަކީ، މިއެއްނު..." އީތަން ޖަހާލީ، ހިނިގަނޑެކެވެ.
"އީތަން އަހަރެން މިދައްކަނީ މަޖާ ވާހަކަ އެއް ނޫނޭ..." ޒިދުމާ، އީތަންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.
"އަހަންނަށް އެނބުރި ނާދެވުނަސް، އަހަރެން މަތީން ހަނދާން ކުރައްޗޭ..." ޒިދުމާ ދެރަވެލާފައި ބުންޏެވެ.
ޒިދުމާގެ ދެލޯ ވަނީ، ފެންކަޅި ވެފައެވެ. އިސާހިތަކު ކަރުނަތައް ފައިބަން ފަށައިފިއެވެ. ވާނުވާ ނޭނގިފައި، ޒިދުމާއަށް ބަލަހައްޓައިގެން އީތަން ހުއްޓެވެ.
"އަހަރެން މިކަން މިކުރަނީ ހަމައެކަނި އީތަންއަށް ޓަކައި... އަހަރެން އީތަންދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން... އަހަންނަށް މައާފު ކުރައްޗޭ..." ޒިދުމާގެ އެންމެ ފަހުގެ ޖުމްލަ ތަކަކީ އެއީއެވެ.
ގަބުވެފައިހުރި އީތަންއަށް ކުއްލި ސިހުމެއް ލިބުނީ، ޒިދުމާ އޭނަގެ ލޯކުރިމަތީން ގެއްލުމުންނެވެ. އަނބިމީހާއަށް ގޮވަމުން އީތަން މުޅި ގޭތެރޭގައި ދުވިއެވެ. އެންމެފަހުން ޚަބަރު ހުސްވެގެން ހުރިތަނަށް ދެމުނީ އެވެ.
*********
"ހިތްހަމަޖެހިއްޖެތަ، އޭނ!..."
ގޯތިތެރޭގައި ހައްދާފައިވާ ކެޔޮފީނީގެ ކުރިމަތީގައި ހުރި ޒިދުމާ ހީވަނީ، މޮޔަވެފައި ހުރި ހެންނެވެ. އެ ތަނުގެ ވަށައިގެން އެނބުރެމުން ކޮންމެވެސް ބަހުރުވަ އަކުން އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ނުކުތީ، ފަސް ވަރަކަށް އަހަރަށް ދާ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާ ފެނުމާއިއެކު ޒިދުމާގެ ލޭ ކެކިގަތެވެ. ވައިސޫރި އެއްހެން ގޮސް އެކުއްޖާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.
"ބުނަން ވާހަކައެއް!... ކަލޭ ހީނުކުރާތި އަހަރެން މިއައީ، ބިރުން ކަމަށް... އަހަރެން ލޯބިވާ މީހެއްގެ ޙިމާޔަތުގައި ނުކުންނަން ބޭނުންވާތީ މިއައީ... އަޑު އިވިއްޖެތަ؟... އޭނ!..." ޒިދުމާ ހަޅޭއްލަވައިގަތެވެ.
އަންހެން ކުއްޖާ ވަކި އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ކުރިޔަށް ޖެހިލާފައި ޒިދުމާގެ އަތުގައި ހިފައިލިއެވެ. އެއާއިއެކު ދެމީހުން އެކުގައި ގެއްލިއްޖެއެވެ.
********
ޒިދުމާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފެށިއެވެ. އީތަންގެ ހާލަކީ ތޯއެވެ. ރޮއެރޮއެ ހިތާމައިގައި އީތަންގެ މުޅި ދުނިޔެ ވީރާނާ ވެފައިވާ ކަހަލައެވެ. އެކަކުވެސް އީތަންގެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. އެންމެން ވެސް ހީކުރީ، ޒިދުމާ ގެއްލުމުގެ ހިތާމައިގައި އީތަންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ޒިދުމާ ނުފެނުމުން، ހުދު އީތަންއަށް ވެސް އެކަން ޤަބޫލުކުރަން މަޖުބޫރު ވިއެވެ.
ޒިދުމާއަށް ވީގޮތެއް ނޭނގޭތީ، އީތަން ކަންބޮޑު ވަނީއެވެ. ކުއްލިގޮތަކަށް އަނބިމީހާ ގެއްލުމުން އެކަމުގެ ހިތާމަ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވެފައި ވިއެވެ. ދެތިން ހަފްތާ ވީއިރުވެސް ޒިދުމާއެއް ނުފެނުނެވެ. އެންމެފަހުން އީތަން ނިންމީ، ޒިދުމާގެ ރަށަށް ދިޔުމަށެވެ. އެއީ، ޒިދުމާގެ ގެއަށް އޭނަ ދާ ފުރަތަމަ ފަހަރެވެ. އެހުރިހާ ދުވަހު، ޒިދުމާގެ އާއިލާގެ މީހަކާއި ވެސް އޭނަ އާއި ބައްދަލު ވެފައެއް ނުވެއެވެ. އެ މީހުންނާއި، އޭނަ ވާހަކަ ދައްކާފައި ވަނީ، ޒިދުމާގެ ފޯނުންނެވެ.
ޒިދުމާގެ ގެއަށް އީތަން ދިޔައީ، ދުވަހެއްގެ ހަވީރުގެ ވަގުތުގައެވެ. އެ ގޭގެ ތެރެއަށް އޭނަ އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ބައްދަލުވީ، ނުވެސް ދަންނަ މޫނަކާ އެވެ. ޒިދުމާ އާއި ބެހޭގޮތުން އީތަން ސުވާލުކުރުމުން، އެމީހާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ.
"މީ ޒިދުމާގެ މަންމަ ނަސްރީނާ... ކީއްކުރަންތޯ ޒިދުމާ ހޯދަނީ؟..." ނަސްރީނާ ސުވާލުކުރީ، ބީރައްޓެހި ގޮތަކަށެވެ.
"އަޅުގަނޑަކީ ޒިދުމާގެ ފިރިމީހާ... އީތަން..." މޭގައި އަތް ޖައްސައިލަމުން، އީތަން ބުންޏެވެ.
ނަސްރީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަސް ފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަ ވެއްޖެއެވެ.
"ތިއުޅެނީ ނުބައި ގެއަކަށް ވަދެވިގެން... އަހަރެންގެ ދަރިފުޅު މީހަކާއި އިންކަމެއް ނުދެނަ ހުރިން..." ނަސްރީނާ ބުންޏެވެ.
އީތަންގެ ހައިރާންކަން އިތުރު ވިއެވެ. އޭނަ ފޯނު ނަގާފައި، ދެމީހުންގެ ކައިވެނީގެ ތަސްވީރެއް ދައްކާލިއެވެ. އަދި އެ ފޮޓޯތައް ޒިދުމާގެ އާއިލާ އާއި ވެސް ޚިއްސާކޮށްފައި ވާނޭ ކަމުގައި ބުންޏެވެ. ނަސްރީނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭނަ ދެފަރާތަށް ބޯ ހޫރަމުން ގެ އާއި ދިމާއަށް ދުއްވައިގަނެފިއެވެ. އީތަން ގޮވަގޮވައި ހުއްޓައި، ގޭތެރެއަށް ވަދެ، ދޮރު ޖަހައިފިއެވެ.
އީތަން އެގެއިން ނުކުތީ، މާޔޫސްވެފައިވާ ހިތަކައިގެންނެވެ. ޒިދުމާގެ ބައްޕަ ފުއާދު އައިސް ގެއަށް ވަނީ، އީތަން އެގެއިން ނުކުމެގެން ދެތިން ފިޔަވަޅެއް އަޅައިލި ތަނާއެވެ. އޭނަ ފުއާދުގެ ކައިރިއަށް ޖެހިލީ، އެއީ ކާކުކަން އެނގިގެނެއް ނޫނެވެ. ޒިދުމާގެ ވާހަކަ އެހުމާއިއެކު، ފުއާދަށް ވެސް ވީ، ނަސްރީނާއަށް ވީ ވަރެވެ.
"ޒިދުމާއޭ... އޭނަ މަރުވިތާ އަށް އަހަރު މިވަނީ..." ފުއާދު ހިތްހަމަނުޖެހިފައި ބުންޏެވެ.
އީތަންއަށް ލިބުނީ، ވަރުގަދަ ސިހުމެކެވެ. ޒިދުމާ މަރުވެފައިވާއިރު، އޭނަ އާއިއެކު އެހުރިހާ ދުވަހު އެ އުޅުނީ ކާކު ހެއްޔެވެ؟ ފުރަތަމަ ފަހަރަށް އީތަންގެ ސިކުނޑީގައި ހުރިހާ ކަމެއް އައިސް ޓަކި ދޭން ފެށިއެވެ. ޒިދުމާ އާއި ދިމާވި ގޮތާއި، ގޭތެރެއިން ދިމާވި ހާދިސާ ތަކުގެ މަތީން ހަނދާން ވާން ފެށުމުން، ބިރުން ގޮސް އޭނަގެ ދެފައި ވެސް ތުރުތުރު އަޅައިގަތެވެ.
އެނބުރި ރަށަށް އައިއިރު، އޭނަ އެކޭ ދިރި ހުއްޓަސް، ފުރާނަ ނެތް މަސްގަނޑެކޭ އެއްފަދައެވެ.
********
ބޮޑު ކިއްލާ އެއްފަދަ ގަނޑުވަރެއްގެ އެތެރެއެވެ. ބިގަރުތަކުން ދިއްލައިލެވިފައިވާ ގޭތެރެއަށް ވަދެގެން ދިޔަ ޒިދުމާގެ ސޫރަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. އިސްތަށިގަނޑު ދިގުވެ، އުނަގަނޑާއި ހަމައަށް ފޯރައިފިއެވެ. ކަޅުކަން ގަދަ އެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ. ޒިދުމާ ލައިގެން ހުރި ކުރު ހެދުން، ހުދުކުލައިގެ ދިގު ހެދުމަކަށް ބަދަލު ވިއެވެ. ހެދުމުގެ ފަސްބައި ދިގުކަމުން މާދުރަށް ފެތުރިފައި އޮތެވެ. ހުދު ދޮންކަމެއް ހަންގަނޑަށް ވެރިވުމާއިއެކު، އެ ސޫރަ ވެސް ބަދަލު ވެއްޖެއެވެ. ރީތިކަމުން ހޫރު ޕަރީ އެކޭ އެއްފަދަ އެވެ.
"ބޮޑުދައިތާ!... ބޮޑުދައިތާ!..."
ރުޅި އައިސްގެން ގޮސް، ޒިދުމާގެ ދެލޯ ވަނީ ރަތްވެފައެވެ. އެ ބާރު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. ހިނގަމުން ދިޔައިރު، ޒިދުމާ މުޅި ގޭތެރެއަށް ނަޒަރު ހިންގަމުން ދިޔަގޮތުން، ކޮންމެވެސް މީހަކު ހޯދަނީކަން އެނގުނެވެ.
ގޭގެ ތެރެއިން މައްޗަށް އެރެން ސިޑިއެއް ހުއްޓެވެ. ސިޓީގެ ދެކޮޅުގައި ޖަހާފައިވާ ބޮޑު ރެއިލިންގަނޑުގެ ކައިރީގައި، ދެބައި އުމުރުގެ އަންހެނަކު ހުއްޓެވެ. ޒިދުމާ ނެގީ އެންމެ ފިޔަވަޅެކެވެ. އޭނަ ހުރީ، އެ އަންހެން މީހާގެ ކައިރީގަ އެވެ.
"ބޮޑުދައިތާ!... ކިހިނެތް ވެގެންތަ ތިއުޅެނީ؟...މި ހުރިހާ ދުވަހު އަހަރެން ޤައިދު ކޮށްގެން ބޮޑުދައިތައަށް ލިބުނީ ކޮން އުފަލެއް؟..." ޒިދުމާ ހަޅޭއްލަވައިގަތެވެ.
"ވެގެން އުޅޭގޮތް ބިހާރާއަށް ނޭނގެނީތަ؟... ބަލަ އިންސާނުންނާ ކައިރި ނުވާން މަށަކަށް ނުބުނެވޭތަ؟... ކަލޭގެ މަންމަ ވެސް މަރުވީ، އިންސާނެއްގެ އަތްދަށުވެގެންނޭ... ބުނީމަ، ބުނާ އަޑު ނީވޭ ވަރުގެ ތުއްތު ކުއްޖެއް ނޫނޭ ބިހާރާ މިހާރު ތީ..."
ބޮޑުދައިތަ ސިއްތިޔާ ވާހަކަ ދެއްކި އިރު، އިވެނީ ހަމައެކަނި އަޑެވެ. އަނގަ ހަރަކާތް ކުރާ ތަނެއް ނުފެނެ އެވެ.
"މިހާރު އަހަރެންގެ ނަމަކީ، ޒިދުމާ އޭ... ކިތައް ފަހަރުތަ ބުނަންވީ... އީތަން އާ ބައްދަލުވި ހިސާބުން، އަހަރެންގެ ނަން ބަދަލު ކޮށްފިން... މީގެ ފަހުން، ބޮޑުދައިތަ ވެސް އަހަންނަށް ގޮވަން ވާނީ، އެ ނަމުން..." ޒިދުމާގެ ހޭބުއްދި ވަނީ ފިލައިގެން ގޮސްފައެވެ.
"އަހަންނަށް ހެޔޮ އަހަރެން މަރުވިޔަސް... އަހަރެން ބޭނުން ވަނީ، އީތަން... ބޮޑުދައިތަ ބޭނުމިއްޔާ އަހަރެން މަރާލިޔަސް ވަރިހަމަ..." ޒިދުމާ އެންމެ ބަހެއް ވެސް ދުލެއް ނުކުރެއެވެ.
"ބިހާރާ!..." ސިއްތިޔާގެ މޫނުމަތިން ފެނުނީ، ރުޅިވެރި ކަމެވެ.
އެ ބާރު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ.
"އާތިކާ!... އޭނަ ގެންގޮސް ގައިދުކުރޭ..." ސިއްތިޔާ އިޝާރާތް ކުރީ، ޒިދުމާގެ ފަހަތުގައި ހުރި އަޅު އަންހެން ކުއްޖާ އަށެވެ. އެއީ ޒިދުމާ ބަލައި އެގެއަށް ދިޔަ ކުޑަ އަންހެން ކުއްޖާ އެވެ.
ޒިދުމާ އެކުއްޖާގެ އަތް ފޮޅުވައިލިއެވެ. ކުއްލިއަކަށް މުޅިތަން އަލިވެފައި ޒިދުމާ ގެއްލިއްޖެއެވެ. އޭނަ އެނބުރި ދިޔައީ އީތަންގެ ކައިރިއަށެވެ. ބޮޑުދައިތަ އެތައް އިންޒާރެއް ދީފައި އޮއްވައި، އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ.
ޒިދުމާ ދިޔައިރު، ވަގުތު ފާއިތުވެއްޖެއެވެ. އީތަންއަށް ހުރިހާ ހަޤީޤަތެއް ފަޅާއަރައިފިއެވެ. މަކަރާއި ހީލަތުން ފެށި އެ ގުޅުން ކުރިއަށް ގެންދާކަށް، އީތަން ބޭނުމެއް ނުވިއެވެ. ޒިދުމާއަށް ދެރައެއް ދޭކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ.
އީތަން އެދުނީ، ޒިދުމާ އޭނާގެ ދުނިޔެއަށް ދިޔުމަށެވެ. ދެ މީހުންނަށް ވެސް ރައްކާތެރި ވާނީ، އެގޮތް ކަމުގައި ވާތީއެވެ.
"ލޯތްބަކީ ހާސިލު ކުރުމެއް ނޫން..." އީތަންގެ އެންމެ ފަހުގެ ޖުމްލަ ޒިދުމާ އޭނާގެ ހިތުގެ އެންމެ ފުނުގައި ރައްކާ ކުރިއެވެ.
އީތަން ދެކެވާ މަތިވެރި ލޯބީގައި، ޒިދުމާ އެނބުރި އޭނަގެ ދުނިޔެއަށް ދިޔައެވެ. ދެ މީހުން އެކުގައި ހޭދަކުރި ލޯބިވެތި ދުވަސްތަކުގެ ފޮނި ހަނދާންތައް ހިތުގައި ރައްކާ ކުރަމުންނެވެ.
އެނބުރި އޭނަގެ ދުނިޔެއަށް ދިޔައިރު، ޒިދުމާ އިނީ، އީތަންގެ ދަރިއަކަށް ބަލިވެއެވެ. ހިތާމަތަކުން އަރައިގަނެ، ދިރިހުރުމުގެ އުއްމީދު އޭނައަށް އާވީ، އެ ވަގުތުން ފެށިގެންނެވެ. ބަނޑުގައި އެ ވާ ދެ މީހުންގެ ލޯބީގެ ނިޝާން، އޭނަގެ ހަޔާތަށް ދިރުން ގެނެސްދީފި އެވެ. އޭނަ އެ ދަރިފުޅު ބޮޑުކުރާނީ، އިންތިހާއަށް ލޯބި ދީގެންނެވެ.
"ދަރިފުޅާ!... ބައްޕައެއްގެ ލޯބި ހޯދައި ނުދެވުނަސް، މަންމައަށް ހިތްބުރަ ނުކުރައްޗޭ..." ބަނޑުގައި ފިރުމާލަމުން ޒިދުމާ ވާހަކަ ދެއްކީ، އަސަރާއި އެކުގައެވެ.
"ދަރިފުޅުގެ ބައްޕަގެ އެއްވެސް ކުށެއް ނެތް... ކުށްވެރިޔަކީ، މި މަންމަ... އެކަމުގެ ޝަޒާ މަންމައަށް ލިބެން އޮތީ، މިގޮތަށް..." ޒިދުމާގެ އަޑު ކުރެހުނެވެ.
"ވީމޭ ފިދާ..." އީތަންގެ މަތީން ހަނދާން ކޮށްލަމުން ޒިދުމާ އޭނާގެ ދެލޯ މަރާލިއެވެ.
(ނިމުނީ)