ރިހާކުރު ފޮޅި ތައްޔާރުކުރަން ފަސޭހަ ރެސިޕީއެއް!

ރިހާކުރަކީ އަހަރެމެން ދިވެހިންގެ ހުރިހާ އިރެއްގެ ކެއުމުގައިވެސް ކޮންމެވެސް ސިފައެއްގައި ހިމަނާލެވޭ ބާވަތެކެވެ. ހެނދުނު ސަޔަށް ތެލުލި ރިހާކުރާއި ހުނިލީ ރޮއްޓެވެ. މެންދުރު ކެއުމަށް ރިހާކުރާ ބަތާ ހަމަ ބަރާބަރެވެ. ރޭގަނޑު ކާލަން ރިހާކުރު ދިޔަ އާއި ބަނބުކެޔޮބަތްވެސް ވަރަށް ކަމުދެ އެވެ.

ރިހާކުރުން ތައްޔާރުކުރާ އެކި ޒާތުގެ ކެއުންތައް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށްވެސް ފާހަގަކޮށްލެވެ އެވެ. އެއީ، ދިވެހިންގެ ކެއްކުމާއި ކެއިން ބުއިމުގެ ފާޑުވެރިކަން ފެންނަ ކަމެކެވެ.

އެލީޝާ އިސްމާއިލް (ނޮނާ) މިއަދު ސަންބަދިގޭގައި ރިހާކުރު ބޭނުންކޮށްގެން ތައްޔާރުކޮށްލަނީ ހަވީރު ސަޔަށް ވަރަށް ކަމުދާނެ، އަހަރެމެން އެންމެންވެސް ރަހަ އަޖުމަބަލާ އޯކޭ ދީފައިވާ ރިހާކުރު ފޮޅިއެވެ. ޝެފްގޭމްސްޓްރޯންގ ގެ މި ރެސިޕީ އެހެން ރެސިޕީތަކާއި ތަފާތުވެދާނެއެވެ. އެހެންނަމަވެސް މީރުވާނެކަމުގެ ގެރެންޓީ އަހަރެމެން ދެމެވެ.

ބޭނުންވާތަކެތި:

 • 1 ލޮނުމެދު (ގާނާފައި ނުވަތަ ޗަސްކޮށްފައި)
 • 1 ފިޔާ (ކުޑަ)
 • 2 1/2 މޭޒުމަތީ ސަމުސާ ކާށިހުނި
 • 1 ހިކަނދިފަތް ކޯޅި ( ރަނގަޅަށް ކޮށާފައި)
 • 1/2 ގިތެޔޮ މިރުސް
 • ލިބޯ ފަޅިއެއްގެ ހުތް
 • 1 ސައިސަމުސ ދަވިއްގަނދު (މުގުރާފައި)
 • 1 ސައިސަމުސާ ދިރި (މުގުރާފައި)
 • 1 ސައިސަމުސާ ރީނދޫ
 • ލޮނު (ރަހަލާވަރަށް)
 • އަސޭމިރުސް (ރަހަލާވަރަށް)
 • 1 ބިސް
 • 1/2 ދަޅު މަސް
 • 2 މޭޒުމަތީ ސަމުސާ ހިކިމަސްކޮޅެއް
 • 2 މޭޒުމަތީ ސަމުސާ ފުށް
 • 2-3 މޭޒުމަތީ ސަމުސާ ރިހާކުރު

ތައްޔާރުކުރާނެގޮތް:

ބޯތައްޓެއްގައި ފިޔާ، ހިކަނދިފަތް، ލޮނު އަދި އަސޭމިރުހުގެ އިތުރުން ލިބޯ ހުތްފޮދު ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ގާނާފައި ނުވަތަ ޗަސްކޮށްލާފައި ހުރި ލޮނުމެދުކޮޅު އަޅާލާށެވެ. ދަވިއްގަނދު، އަސޭމިރުސް އަދި ރީނދޫވެސް އެޅުމަށްފަހު އަދި ރަނގަޅަސް މިކްސްކޮށްލާށެވެ.

2 މޭޒުމަތީ ސަމުސާ ހިކިމަސްކޮޅާއި މަސްދަޅެއްގެ އެއްބައި މިކްސް އަށް އެއްކޮށްލުމަށްފަހު ފިޔާތަކާއި އެއްކޮށް ރަނގަޅަށް ވީޑިއޯއިން ފެންނަގޮތަށް މޮޑޭށެވެ.

ކާށިހުނިކޮޅު އެޅުމަށްފަހު ރިހާކުރު ލޮނު ހެޔޮވަރުވާނެ މިންވަރު ބަލައިގެން ކުރިން މޮޑެފައި ހުރި ބާވަތްތަކަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސް އަދި ފުށްކޮޅު އެޅުމަށްފަހު ރަނގަޅަށް އަނެއްކާވެސް މޮޑެލަންވީއެވެ.

ރިހާކުރު ފޮޅި ފިހުމަށް ތައްޔާރުކުރި މިކްސް މާ ދިޔާނަމަ، ކުޑަ ފެންފޮދެއް ނުވަތަ ފުށްކޮޅެއް އެއްކޮށްލާ ރަނގަޅަށް އޮލަކޮށްލާށެވެ. ފަހަރެއްގައި މިކްސް ބޭނުންވާ މިންވަރަށް އޮލަނުވީ ބޭނުންކުރި ރިހާކުރުގެ ސަބަބުންކަމަށް ވެދާނެއެވެ.

ރިހާކުރު ފޮޅި ފިހުމަށް އުނދުނުގެ ގިނި ބަހައްޓަންވާނީ މެދުމިންވަރަކަށެވެ. ތަވާއަށް ރިހާކުރު ފޮޅި ފިހުމަށް ފުށްގަނޑު އަޅާލުމަށްފަހު އުނދުޅިން ވީޑިއޯއިން ފެންނަގޮތަށް ފުށްގަނޑު ސެޓްކޮށްލާށެވެ.

ނޮނާ ތައްޔާރުމިކުރަނީ ފަހަރަކު ދެފޮޅިއެވެ. ކިޔުންތެރިން ބޭނުންނަމަ އެއްފޮޅިވެސް ތައްޔާރުކުރުމަކުން މައްސަލައެއް ނެތެވެ.

2 މިނިޓެއްހާއިރު ފޮޅި ފިހެވުމުން ވީޑިއޯއިން ފެންނަގޮތަށް މެދުން ފޮޅި ފައްކޮށްލާނީއެވެ. އެއަށްފަހު އިތުރު 2 މިނިޓު ތަވާމަތީގައި ފިހުމުން ރިހާކުރު ފޮޅި ތައްޔާރުކޮށްލެވުނީއެވެ.

މިގޮތަށް ރިހާކުރު ފޮޅި ފިހަން ތައްޔާރުކުރި ފުށްގަނޑު ހުސްވަންދެން ފޮޅި ފިހަމުންގެންދާށެވެ.

ހުހާ ކާލަންވެސް ނުވަތަ ކަޅު ސަޔާއެކުވެސް ރިހާކުރުފޮޅިއަކީ މީރުކެއުމެކެވެ. ރިހާކުރު ފޮޅި މިނޫންގޮތްގޮތަށްވެސް ތައްޔާރުކުރެއެވެ. އެހެން ރަށްރަށުގެ މީރު ރެސިޕީތައްވެސް އަހަރެމެންނާއި ހިއްސާކޮށްލަބަލާށެވެ.

comment ކޮމެންޓް