ޓެރަރިޒަމްގެ މައްސަލާގައި ސޫދާނުން އެތައް ބިލިއަން ޑޮލަރެއް ދައްކަން ހުކުމްކޮށްފި

ކެންޔާގައި 1998 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ ތެރެއިން--

ޓެރަރިޒަމްގެ މައްސަލައިގައި ސޫދާނުން އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއް ދައްކަން އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެެވެ.

ކެންޔާ އަދި ޓެންޒޭނިއާގައި ހުރި އެމެރިކާގެ އެމްބަސީތައް 1998 ވަނަ އަހަރު ވަނީ ގޮއްވާލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން އެމެރިކާގެ ސުޕްރީމްކޯޓުން އިއްޔެ ކުރި ހުކުމްގައިވާގޮތުން އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ސަރުކާރަށް ޖުމްލަ 10 ބިލިއަން ޑޮލަރު ސޫދާނުން ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި 4.3 ބިލިއަން ޑޮލަރު "ޕިއުނިޓިވް ޑެމޭޖާސް"ގެ ގޮތުގައި ދައްކަން ޖެހެ އެެވެ. "ޕިއުނިޓިވް ޑެމޭޖާސް"ގެ ގޮތުގައި ލިބޭ ލާރިން ބޮޑުބައެއް ދައްކަން ޖެހޭނީ އެމެރިކާގެ ސަރުކާރަށެެވެ.

އެ ހާދިސާތަކުގައި 224 މީހުން މަރުވި އިރު އެތައް ހާސް ބަަޔަކު ޒަހަމްވެސްވި އެެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 12 ރައްޔިތުން ވެސް ހިމެނެ އެވެ. އެކަމުގައި ސޫދާން ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމަށް މީގެ ކުރިން އެކި ކޯޓުތަކުން ކަނޑައަޅާފައިވެ އެެވެ.

އެގޮތުން އަލްގައިދާ ޖަމާއަތުގެ ލީޑަރު އޮސާމާ ބިން ލާދިން ސޫދާންގައި އޮޕަރޭޓްކުރަން ހުއްދަދީ އަދި އަލް ގައިދާގެ މެމްބަރުންނަށް ޕާސްޕޯޓްތައް ފޯރުކޮށްދިންކަމަށް ވެސް ބުނެފައިވެ އެެވެ.

ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށް އެމެރިކާގައި ދައުވާ ކުރުމުގެ ފުރުސަތު މީގެ ކުރިން ނޯންނަ ނަަމަވެސް 2008 ވަނަ އަހަރު ގެނައި ބަދަލާ އެކު ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާކުރެވެ އެެވެ.

ވޮޝިންގްޓަން ޕޯސްޓް

comment ކޮމެންޓް