ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓް ފިސްތޯލަ ބޭނުންކުރަން ފަށައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން ބޭނުންކުރަން ފަށައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ކޮންޑަކްޓެޑް އިލެކްޓިރިކް ވެޕަން" ނޫނީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ.

ފުލުހުން ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، މިއީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ.

ސީޕީ ވިދާޅުވީ ކަރަންޓު ބަޑި ބޭނުންކުރަން ފަށާއިރު، އެ ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ. މި ހަތިޔާރު ފުލުހުން ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް ޓަކައި މި ފިސްތޯލަ ބޭނުންކުރާނީ ބޮޑީކެމެރާ އާއެކު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

މިއީ ފުލުހުންގެ އަމުރަށް މީހަކު ނުކިޔަމަންތެރިވާ ހާލަތުގައި ބޭނުންކުރާނެ އާލާތަކަށް ވާއިރު، ދުރުގައި ހުންނަ މީހާ އަށް އަމާޒުކޮށް އިލެކްޓްރިކް ޝޮކެއް ފޮނުވާލަ އެވެ.

މި ޝޮކުގެ ސަބަބުން އެމީހާއަށް ގެއްލުމެއް ނުލިބޭނެ އެވެ.

comment ކޮމެންޓް