"ދަރިފުޅާ ނައިރާ! ދަރިފުޅުގެ ހާލު ކިހިނެއް؟" ރާބިޙު އޭނާގެ އަންހެން ދަރިފުޅު ނައިރާއަށް ބުންޏެވެ.
"އެންމެ ރަނގަޅު ހާލުގައި ބައްޕާ!" ނައިރާ ޖަވާބު ދިނެވެ.
"އަދި ކިރިޔާތަ ހަނދާން ވީ އަތްނބަކު ހުންނަ ކަން." ރާބިޙުގެ އަންހެނުން ބުންޏެވެ.
"ބައްޕައަށް އެހީތެރި ވުމުގައި ވަގުތުކޮޅެއް ހޭދަ ވީ. އެހެން ވެ ލަސް ވީ." ރާބިޙު ބުންޏެވެ.
"ދެން އަހަރެމެންނޯ؟" ރާބިޙުގެ އަންހެނުން ބުންޏެވެ.
"މަންމާ! ބައްޕަ އެ އައީ މަސައްކަތުން. އެހެރީ ވަރުބަލި ވެފައި. އަދި ޔަގީނުން ވެސް އެއްވެސް އެއްޗެއް ނުކައި އެހެރީ." ނައިރާ ބުންޏެވެ.
"އޫނ. ކާ ތަކެތި ތައްޔާރު ކުރުމަށް އެއްޗެހި ގަންނާނެ ފައިސާ އެބަ ހުރި ތަ ގޭގައި؟" ރާބިޙުގެ އަންހެނުން ބުންޏެވެ.
"އަހަރެން ބަނޑުހައެއް ނޫން. އަހަރެން ހަމައެކަނި ބޭނުން ވަނީ ވަރުބަލި ފިލުވައިލާން." ރާބިޙު ބުންޏެވެ.
"އަޅުގަނޑު މި ދަނީ ބައްޕަ އޮށޯންނަ ތަން ރީތި ކޮށްލާން." ނައިރާ ބުންޏެވެ.
"ރާބިޙު! އަޑު އަހާ ބަލަ! ކޮންމެ ދުވަހަކު ވެސް ވަރަށް މަދު ވަގުތު ކޮޅަކު ނޫނީ އަހަރެމެންނަކަށް ކަލޭ ނުފެނޭ. ކަލޭގެ މައިފުނަގެއާއި މި ގެއާ މިހިރީ އެއް މަގެއްގެ ދެ ފަރާތުގައި." ރާބިޙުގެ އަންހެނުން ބުންޏެވެ.
"އަހަރެން މިހާރު އެތައް ފަހަރަކު ބުނެފިން، އަހަރެންގެ މަންމައާއި ބައްޕަ ބެލެހެއްޓުމަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ކަންތައް ކަމުގައި. ވީމާ މި ކަމުގައި އަހަންނަށް އެހީތެރި ވުމަކީ އަހަރެންގެ އަންހެނުންގެ ހައިސިއްޔަތުން ކަލޭގެ ވެސް މަސްއޫލިއްޔަތެއް. މަންމައާއި ބައްޕައަށް ކޮށްދޭ ކަމަކާއި އަހަރެން އަހަރެންގެ ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަމަކާ އަޅައި ނުކިޔޭނެ. ކޮންމެ ކަމަކީ ވަކި ކަމެއް. ކޮންމެ ކަމަކީ ވެސް އަހަރެން ކުރާން ޖެހޭ ކަމެއް. އެންމެ ފުރަތަމައަށް އިސްކަން ދޭން ޖެހެނީ މަތިކޮޅާއި ދަރިކޮޅުގެ ލެޔަށް. އޭގެ ފަހުގައި އާއިލީ އެހެން ގުޅުންތަކާއި އެކުވެރީން އަންނާނީ. އަހަންނަކީ މައިންބަފައިންގެ ލޭ. ނައިރާއަކީ އަހަރެންގެ ލޭ. ތިޔައީ އަހަރެންގެ އަންހެނުން. އަހަރެންގެ ވާޖިބުތައް އަދާ ކުރުމުގައި އެހީތެރިކަން އަހަރެން ބޭނުމޭ ބުނަނީ ކޮންމެހެން ކަމެއް ކޮށްދޭށޭ ބުނުމަކަށް ނޫން. ތިޔަ ޝަކުވާތައް ނުކުރާށޭ ބުނާން." ރާބިޙު ބުންޏެވެ.
"އާނ! އަހަރެން މީ ޝަކުވާ ކުރާ މީހާ. އަހަރެން މީ ނުބައި މީހާ." ރާބިޙުގެ އަންހެނުން އޭނާގެ އާދައިގެ މަތީން ފަތިވަރު ދަމައިލިއެވެ.
"އަހަރެން ކައިވެނި ކުރާ ވާހަކަ ދެއްކުމާ އެކު މަންމަ ބުނި ތިމަންނަ ފޫހިފިލުވާލަ ދޭނޭ ޅީދަރިއަކު އަންނާތީ ވަރަށް އުފާވެއޭ. އެކަމަކު އަހަރެންގެ ބައްޕަ އަހަރެން ވަކީން އެއް ފަރާތަކަށް ގެންގޮސްފައި ބުނި، ޚަބަރުދާރޭ! ފިރިހެން ދަރިއެއްގެ މަންމައާއި އޭނާގެ އަނބިމީހާ، އެއް ފުރާޅެއްގެ ދަށުގައި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ބޭތިއްބުން ހުއްދައެއް ނޫނޭ. އެއީ ފިތުނައަށް ހުޅުވޭ ދޮރެކޭ. ފިތުނައަށް ދޮރު ހުޅުވުމަކީ މީހަކު މެރުމަށް ވުރެ ވެސް ނުބައި ކަމެކޭ. ކިތައްމެ ރަނގަޅު ދެ އަންހެނަކަށް ވެސް މައްސަލަ ނުޖެހި ނޫޅެވޭނެޔޭ. އަންހެން ދަރިއަކާއި އޭނާގެ މަންމައާ ޖެހޭ މައްސަލަތައް ހައްލުވެދާނެޔޭ. އެހެނަސް ފިރިހެން ކުއްޖާގެ މަންމައާއި އޭނާގެ އަނބިމީހާއާ ދެމެދު ޖެހޭ މައްސަލައެއްގެ ހުޅުގަނޑު އެއިން އެކަކު ކަށްވަޅަށް ގޮސްފުމަށް ދާން ދެން ނުނިވޭނެޔޭ. ވީމާ އަމިއްލަ ގެއެއް އެޅުމަށް ފަހު ނޫނީ ކައިވެނި ނުކުރާށޭ. ނޫނީ ގެއެއް އެޅޭން ދެން އަންހެން ކުއްޖާގެ މައިފުނަގޭގައި އުޅޭށޭ. އަހަރެން އެ ނަސޭހަތް ގަބޫލު ކުރިން. އަހަރެންގެ ބައެއް ރަހުމަތްތެރީންނަށް އެ އުޅެނީ އެމީހުންގެ މަންމައާއި އަނބިމީހާއާ ދެ މީހުންގެ އަރައިރުމުގެ ތެރޭގައި ތާށިވެ އެކަމުން ސަލާމަތް ނުވެވިގެން." ރާބިޙު ބުންޏެވެ.
"ތިޔައީ ވެސް ނަސީބެއް. އެކަނި އިންނާން ވިޔަސް މި ގޭގައި ވެއްޖެއްޔާ އަހަރެން ބޭނުން ގޮތަކަށް ކަންކަން ކުރެވޭ. ކަލޭގެ މަންމައާއި ބައްޕަ އުޅޭ ގޭގައި ނަމަ އަހަރެން ފިޔަވަޅު ވެސް އަޅާން ޖެހޭނީ ކަލޭގެ މަންމަ އެދޭ ގޮތަށް. އަޑު އަހާން ޖެހޭނީ ކަލޭގެ ބައްޕަގެ މޮޔަ އަނގަ ތެޅުންތައް." ރާބިޙުގެ އަންހެނުން ކިޔަމުން ދިޔައެެވެ.
"އަހަންނަށް ރަނގަޅީ އަހަރެންނަށް އިވޭ ހިސާބުގައި އަހަރެންގެ މަންމައާއި ބައްޕަގެ އުނި ވާހަކަ ނުދެއްކިއްޔާ. އެ ކަމުން އަހަންނަށް ވަރަށް އަސަރު ކުރޭ. އަހަރެމެންގެ ދަރީންގެ ހެޔޮކަން އަހަރެމެން ބޭނުމިއްޔާ، އަހަރެމެން ޖެހޭނެ އެ ކުދީންނަށް ނަމޫނާއެއްގެ ގޮތުން އަހަރެމެންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާން. އަހަރެމެން ދެ މީހުން ދެބަސްވެ ޒުވާބު ކުރާ އަޑު އިވުމަކީ ނައިރާއަށް ހިތާމަ ލިބޭނެ ކަމެއް. އޭގެ ސަބަބުން ދިރިއުޅުމާ މެދު މާޔޫސްވެ އޭނާގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެ." ރާބިޙު ބުންޏެވެ. އެހެން ބުނެފައި ރާބިޙު ގެއިން ނުކުތީ ވަރުބަލި ފިލުވައިލާން އޮށޯންނާން އުޅެފައި އެކަން ވެސް ނުކޮށެވެ.
*****
"ރާބިޙު އައިތަ؟ އޭނާ ދިޔައީ އަހަންނަށް ނުވެސް ފެނިތަ؟" ރާބިޙުގެ ބައްޕަ ސަލްމާނު ބުންޏެވެ.
"ނޫން. އަދިއެއް ނާދޭ. އެ ކުއްޖާފުޅު ހުންނަނީ މަސައްކަތް ކޮށްކޮށް ވަރުބަލި ވެފަ. އެހެން ހުރެފަ އައިސް އަހަރެމެންނަށް ކާންބޯން ދީ އަހަރެމެންނަށް ނުވެފަައި ހުންނަ ކަންކަން ކޮށް ދޭނެ. އެކަމުގައި އެއްވެސް ވަރަކަށް ފަރުވާ ކުޑައެއް ނުކުރޭ." ރާބިޙުގެ މަންމަ ޢަތީޤާ ބުންޏެވެ. "ވާހަކަ ދައްކަދައްކާ އޮވެފައި އެއްކަލަ ހެން ނިދީ ދޯ؟" ޢަތީޤާ އެހެން ބުނި އިރު ސަލްމާނުގެ ގުގުރީގެ އަޑު އިވެއެވެ.
"އަހަރެންގެ ވެސް ނިދި އަތުވެއްޖެ. އަހަރެމެން އަވަހަށް ނިދުމުން އަހަރެމެންގެ ދަރިފުޅަށް ވެސް އިތުރު ބުރައެއް ނުޖެހޭނެ." ރާބިޙުގެ މަންމަ ޢަތީޤާ އަމިއްލަ ނަފްސަށް ބުންޏެވެ.
އޭގެ އިިރުކޮޅެއް ފަހުން ރާބިޙު އައިސް ދޮރުން ވަނެވެ.
"އައްސަލާމު ޢަލައިކުމާ......." އެ ހިސާބަށް ބުނެވުުނު އިރަށް މަންމައާއި ބައްޕަ ނިދާފައި ތިބި ތަން ރާބިޙަށް ފެނުމުން އޭނާގެ އަޑު މަޑު ކުރިއެވެ.
"މަންމައަށް ވެސް އޮތީ ނިދިފަ. ވީމާ މަންމައާއި ބައްޕަ ހޭލާން ދެން އަހަރެން އިންތިޒާރުގައި މަޑު ކުރާނީ. މަންމައާއި ބައްޕައަށް ކާން ދީފައި ނޫނީ އަހަރެން އަހަރެންގެ އަހުލުންގެ ކައިރިއަކަށް ވެސް ނުދާނަން." ރާބިޙު އަމިއްލަ ނަފްސަށް ބުންޏެވެ.
ރާބިޙު އޭނާގެ މަންމައާއި ބައްޕަ ހޭލުމުގެ އިންތިޒާރުގައި ހުއްޓާ އޭނާގެ ދަރިފުޅު ނައިރާ އައިސް އެ ގެއަށް ވަނެވެ. އަދި ބުންޏެވެ. "ބައްޕާ! ބައްޕަ ލަސް ވެގެން. މި ގޭގައި އުޅޭ ތޯ ބަލާން އަޅުގަނޑު މި އައީ. ވަރަށް ބޮޑަށް ބަނޑުހައި ވެގެން. އަޅުގަނޑު ބޭނުން ކިރުފޮދެއް."
ދަރިފުޅާ! ކެތްކޮށްލާ! ދަރިފުޅުގެ މާމައާއި ކާފައަށް ބޯން ދީފައި ނޫނީ ބައްޕައަކަށް ދަރިފުޅަށް ވެސް ނުދެވޭނެ. އެއީ ބައްޕަ އަމިއްލަ ނަފްސަށް ހިފައިފައިވާ އަހުދެއް." ރާބިޙު ބުންޏެވެ.
"ބައްޕާ! އަހަންނަކަށް ކެތެއް ނުކުރެވޭނެ. އެހެން ވެގެން އެކަނި މި ގެއަށް މި އައީ ވެސް. މަންމަ ބުނުއްވީ ގޭގައި އެއްވެސް އެއްޗެއް ނެތޭ." ނައިރާއަށް ހުރީ ރޮވިފައެވެ.
"ދަރިފުޅަކީ ބައްޕައަށް އިމްތިހާނެއް ކަމުގައި ނުލައްވާށި! ދަރިފުޅު ދޭ ގެއަށް. ގޮޮސް އޮށޯވެލާ. މާމައާއި ކާފަ ހޭލީމާ ކިރު ބޯން ދީފައި ބައްޕަ ދާނަން." ރާބިޙު އޭނާގެ ދަރިފުޅުގެ ބޮޮލުގައި ފިރުމާލަމުން ބުންޏެވެ.
އެއްވެސް ބޮޑާ ހޭކުމެއް ނެތި ބައްޕަގެ ބަސް އަހައިގެން ނައިރާ މާމަމެންގެ ގެއިން ނުކުތެވެ.
މަންމައާއި ބައްޕައަށް ހޭ ނުލެވޭތީ ރާބިޙު އިންތިޒާރުގައި އިންނަ ތާ ކިތައްމެ އިރެކެވެ. އެމީހުންނަށް ހޭ ލެވުުނީ ފުރިހަމަ ނިންޖަކުން ނިދުމަށް ފަހުގައެވެ.
"ދަރިފުޅާ ރާބިޙު! މިއަދު ހެނދުނު ހެނދުނާ އައީ ކީއް ކުރަން؟ އިއްޔެ އިރު އޮއްސުނު އިރު ނާދެެވުނީ މާ ތަ؟" ރާބިޙުގެ މަންމަ ޢަތީޤާ އެހިއެވެ.
"ބާއްޖަވެރި ހެނދުނެއް މަންމާ! ބާއްޖަވެރި ހެނދުނެއް ބައްޕާ! އަވަހަށް ކިރު ހިއްޕަވާ! އުފާވެރިކަމާއި ފުރިހަމަ ސިއްހަތު ލިއްބައިދޭ އެއްޗެއް ކަމުގައި ލައްވާށި!" ރާބިޙު ބުންޏެވެ.
"ޔަގީން! އަހަރެމެންގެ ދަރިފުޅު ނުވެސް ނިދައި އެ ކިރު އެތި ހިފައިގެން މިތާ މުޅި ރޭގަނޑުު އެ ހޭދަ ކުރީ." ރާބިޙުގެ މަންމަ ބުންޏެވެ.
"ކީއްވެ ދަރިފުޅުގެ ގެއަށް ދަރިފުޅު ނިދާން ނުދިޔައީ." ރާބިޙުގެ ބައްޕަ ސަލްމާނު އެހިއެވެ.
"އަހަރެމެންނަށް ޓަކައި ތިޔަ އުފުލާ ބުރައަށް ﷲ ހެޔޮ ޖަޒާ ދެއްވާށި! ދަރިފުޅަށް ﷲ ބަރަކާތް ލައްވާށި!" ރާބިޙުގެ މަންމައަށް އުފަލުން ގޮސް ރޮވުނެވެ.
"މަންމާ! ބުރަވެގެން އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެއް ނު." ރާބިޙު ބުންޏެވެ.
"ދަރިފުޅު ނުބުންޏަސް މަންމައަށް އެނގޭ ދަރިފުޅު ތިހިރީ ނުނިދައި ކަން. އަދި ދަރިފުޅު ތި ކިރު އެތި ތަނެއްގައި ބަހައްޓާ ވެސް ނުލައި ހިފައިގެން މުޅި ރޭގަނޑު ތިޔަ އިނީ މި އެނދުގެ ކައިރީގައި ކަން." ރާބިޙުގެ މަންމަ ބުންޏެވެ.
"ދަރިފުޅު ތިޔަ ހުރިހާ ބުރައެއް ތިޔަ އުފުލަނީ ހަމަ އަހަރެމެންގެ ހިތްހަމަ ޖެއްސުމަށް ޓަކައި ތަ؟ ﷲ މިއަޅާގެ ދަރިފުޅަށް ހެޔޮ ޖަޒާ ދެއްވާށި!" ރާބިޙުގެ ބައްޕަ ބުންޏެވެ.
*****
"ޔާ ރަޙްމާނު! ޔާ ރަޙީމު! މި އަޅާގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި މި އަޅާ ކުރި އެ އަމަލަކީ އިބަ އިލާހަށް ޓަކައި އިހުލާސްތެރިކަމާ އެކު ކުރި އަމަލެއް ކަމުގައި ވާ ނަމަ، އެ އަމަލުގެ ސަބަބުން އަޅަމެންނަށް ރަހުމަތް ލައްވައި އަހަރެމެންނަށް ދިމާވެފައިވާ މުސީބާތް ފިއްލަވައި ފާނދޭ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވޭ!" ރާބިޙު ދުޢާ ކުރިއެވެ.
- ނުނިމޭ -