އެއްމަހުގެ ކާބޯތަކެތި ފޯރުކޮށްދޭނެ ފަންޑު ލިބިއްޖެ: މަހަލްދީބު ފައުންޑޭޝަން

މަހަލްދީބް ފައުންޑޭޝަނުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކަށް ހިލޭ ސާބަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި މަސައްކަރތަށް ބޭނުންވާ ވަރަށް ފަންޑު ހަމަޖެހިފައވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފިއެވެ.

"ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދޭނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ:

1. އެކަނިވެރި މައިން (އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލަމުންދާ އެކަނިވެރިން މައިން)

2. ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ އާއިލާތައް (ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކަންކަމުގައި ބައިވެރިވެ އުޅުމާއި، ހަރަކާތްތެރިވެ އުޅުމުގައި ދަތިތަކެއް ދިމާވާ ފަރާތްތައް ހިމެނޭ އާއިލާތައް)

3. ޔަތީމުން ބަލާ އާއިލާތައް (ބައްޕަ ނިޔާވެފައިވާ އުމުރުން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ އާއިލާތައް)

4. ދަށް އާމްދީ ލިބޭ އާއިލާތައް (ގޭބިސީއެއްގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު 1300ރ އަށްވުރެ މަދު ނުވަތަ ގޭބިސީތަކަށް ލިބޭ ޖުމުލަ އާމްދަނީގެ 80 ޕަސެންޓު ކުއްޔާއި ބޭސްފަރުވާއަށް ހަރަދުކުރާ އާއިލާތައް)

މަހަލްދީބް ފައުންޑޭޝަނުން ބުނީ މިއީ މި މަޝްރޫއު ހިންގާތާ ފަސްވަނަ އަހަރު ކަމަށާއި އެ ޖަމިއްޔާގެ ދަފްތަރުގައި މިހާރު ވެސް 250 އާއިލާއެއް ރަޖިސްޓްރީވެފައިވާ ކަމަށެވެ.

މި އާއިލާތަކުގެ ހާލަތު ލިޔެކިޔުންތަކުގެ އެހީގައި ކަށަވަރުކޮށްފައިވާ ކަމަށާއިޖެންޑާ މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މިނިސްޓްރީއިން ވެސް އެކަން ބަލައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެހެން ނަމަވެސް އާ އާއިލާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ދުވަސްވަރު ހުޅުވާލާފައި ނުވެ އެވެ.

މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 340 އަށްވުރެ ގިނަ އާއިލާއަކުން 2000އަށް ވުރެ ގިނަ މީހުންނަށް ތިންލައްކަ ރުފިޔާއަށްވުރެ އަގުހުރި ތަކެތި މަހަލްދީބް ފައުންޑޭޝަނުން ވަނީ ހަދިޔާކޮށްފަ އެވެ.

އެޖަމިއްޔާގެ އަމާޒަކީ ކުރިއަށް މި އޮތް ފިތުރު އީދު އައުމުގެ ކުރިން އެ ޖަމިއްޔާގެ ދަފްތަރުގައި ހިމެނޭ އާއިލާތަކަށް އެއްމަސް ދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

އެގޮތުން އެއްމަސް ދުވަހަށް 165 ޕެކްސް ފޯރުކޮށްދެވޭ ވަރަށް ފަންޑު ލިބިފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް އެހީދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. އެހީ ދިނުމަށް ކަނޑައަޅާފައިވާ ވަރަށްވުރެ ފައިސާ އިތުރުވެއްޖެ ނަމަ ހުޅުމާލޭގައި ހުންނަ މަމަކް ރެސްޓޯރެންޓާ ގުޅިގެން އެހީ ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށްވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް