ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްފާން އަކީ މިހާރު ކެޓެގަރީ ފަހެއްގެ އެންމެ ވަރުގަދަ ދޫފާންތަކާ އެއްވަރު ތޫފާނެއްކަމަށް މީޓިއޮރޮލޮޖިސްޓުން ބުނެފިއެވެ.
އެޓްލާންޓިކް ކަނޑުގައި އާންމުކޮށް އުފެދޭ ތޫފާންތަކުގެ ނުރައްކާ އަންދާޒާކުރުމަށް ބޭނުންކުރެވޭ ކެޓެގަރީތަކުގައި ހިމެނޭ އެންމެ ނުރައްކާތެރި ގިންތިޔަށް މި ތޫފާން މިހާރު ވަރުގަދަވެފައިވާއިރު ބުދަ ނުވަތަ ބުރާސްފަތި ދުވަހު ބަންގްލަދޭޝް އަދި އިންޑިޔާގެ އައްސޭރިފަށާ ހަމަޔަށް މި ތޫފާން ފޯރާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންދާޒާކޮށްފަ އެވެ.
ތޫފަން އަމްފާން ގެ މިސްރާބު މިވަގުތު ހުރި ގޮތުން އެންމެ އަވަހަށް ފޯރާނީ އިންޑިޔާގެ ކަލްކަޓާގެ ސަރަހައްދު އަދި ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކަށެވެ. ތުފާނުގެ ބާރު އެހާއިރަށް ކޮންމެވެސް ވަރަކަށް ދަށްވެދާނެކަމަށް ސީއެންއެންގެ މީޓިއޮރޮލޮޖިސްޓުން ލަފާކުރިނަމަވެސް މިވަގުތު އެ ތޫފާނުގެ ސަބަބުން 260 ކިލޯމީޓަރުގެ ބާރުމިނުގެ ވައި އުފެދެމުންދާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ވިލާގަނޑުގައި ވައިގެ ބާރުމިން 315 ކިލޯމީޓަރަށް އިތުރުވެދާނޭކަމަށް ލަފަކުރެވިފައިވާއިރު މީޓިއޮރޮލޮޖިސްޓުން ބުނާގޮތުގައި މި ތޫފާނަކީ ލަސް ލަހުން ދަތުރުކުރާ ތޫފާނެކެވެ.
ތޫފާނުގެ 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްއަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެދާނެއެވެ. އެގޮތުން މީޓިއޮރޮލޮޖިސްޓުން ވަނީ މިވަރުގެ ބޮޑު އާބާދީއެއް ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަ ސަރަހައްދެއްގައި ދިރިއުޅެމުންދާތީވެ މި ތޫފާނުގެ އަސަރު އާބާދީގެ ބޮޑު ބަޔަކަށް ކުރާނޭކަމަށް އަންދާޒާކޮށްފަ އެވެ.
ތައްޔާރުނުވެވިއްޖެ ހާލަތެއްގައި މިއަށްވުރެ ދަށް ގިންތީގެ ތޫފާންތަކުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއިރު މިވަގުތު ތޫފާނުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް އަދި އެތައް ފުރާނައަކަށް ނުރައްކާވެ އަންދާޒާވެސް ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ތައްޔާރު ނުވެވިއްޖެ ނަމަ ކުރިމަތިވެދާނޭކަމަށް މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާކޮށްފަ އެވެ.
ބަންގްލަދޭޝްއަކީ ކޯރު އަދި ގުދުރަތީ ފެނުގެ ވަސީލަތްތައް ގިނަ ގައުމަކަށްވުމާއިއެކު ވިއްސާރަ މޫސުމުގައި ފެންބޮޑުވުން އަދި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކަކީ އެގައުމުގައި އާންމު ކަމެކެވެ. އެއާއިއެކު މިފަދަ ނުރައްކާތެރި ތުފާނެއްގެ ސަބަބުން މިފަދަ ހާދިސާތަކުގެ ނުރައްކާ އެތައް ގުނަޔަކަށް އިތުރުވެފައިވާކަމަށްވެސް މީޓިއޮރޮލޮޖިސްޓުން ވަނީ ބުނެފަ އެވެ.
ތޫފާން އަމްފާންގެ ސަބަބުން ރާއްޖެއަށްވެސް ދަނީ ނުސީދާގޮތުން ވިއްސާރައިގެ އަސަރުކުރަމުންނެވެ.