އިނގިރޭސިވިލާތް އިސްލާމީ ނިއުކްލިޔާ ބާރަކަށް ވެދާނެކަމުގެ ބިރު އެބައޮތް: އެމެރިކާގެ ނައިބު ރައީސް

ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށް ވާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް

ލަންޑަން (22 ފެބްރުއަރީ 2025): އިނގިރޭސިވިލާތުގައި މުސްލިމުން ގިނަވެ އެގައުމު އިސްލާމީ ގައުމަކަށް ވެދާނެކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ވާންސް ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި ޔޫރަޕްގެ ގައުމުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކުގައި ވާންސްވަނީ އިނގިރޭސިވިލާތަކީ ދުނިޔޭގެ ނިއުކްލިޔާ އިސްލާމީ ބާރަކަށް ވެދާނެކަމަށް އޭނާ ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވައި މި މައްސަލައިގައި ހުޅަނގަށް އިންޒާރު ދެއްވާ ބީދައަކުން ވާހަކަ ދައްކަވާފައެވެ.

ވާންސް މިވާހަކަ ފުރަތަމަ ދައްކަވާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު އިނގިރޭސިވިލާތުގެ ލޭބާ ޕާޓީ އެގައުމުގެ ވެރިކަމަށް އައުމާ ގުޅިގެންނެވެ. އޭރު ވާންސް ގެންދެވީ ޓްރަމްޕް އާއެކު ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރައްވަމުންނެވެ.

އެ ދުވަސްވަރު ވާންސް އިންޒާރު ދެއްވާފައިވަނީ ހިޖުރަ ކުރުމުގެ ފުރުސަތު ދިނުމަށް ލޭބާ ޕާޓީ ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެގައުމު އިސްލާމީ ނިއުކްލިޔާ ބާރަކަށް ވެދާނެކަމަށް ވިދާޅުވެއެވެ.

ވާންސް އަކީ ޓްރަމްޕް ގޮތަށް ދޮންމީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ހުރިހާ ގޮތަކުން މާމޮޅު އަދި މާފެންވަރު މަތީ ބައެއްކަމުގެ (ވައިޓް ސްޕްރެމަސިސްޓް)ގެ ބޯދާ ހަރުކަށި ފިކުރު ގަބޫލު ކުރައްވާ ބޭފުޅެކެވެ. މިއީ ހިޓްލަރުގެ ދުވަސްވަރު ނާޒީ ޖަރުމަނުންވެސް ގެންގުޅުނު ވިސްނުމެވެ. ނާޒީ ޖަރުމަނުން ގެންގުޅުނީ ޖަރުމަނުގެ ނަސްލުގެ ދަރިކޮޅުގެ މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާ މަތީ ބައެއް ކަމުގެ (ވައިޓް ސްޕްރެމަސިސްޓް) ހައްދު ފަހަނައަޅާފައިވާ ފިކުރެވެ.

މީގެއިތުރުން މިދިޔަ ހަފުތާގައި ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި ވާންސްވަނީ ޔޫރަޕްގެ ގައުމުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ވަޅުޖަހަމުން ދާކަމަށް ވިދާޅުވެ ޔޫރަޕް ވަރަށް ބޮޑަށް ރުޅިއަރުވާލާފައެވެ. ޔޫރަޕްގެ ސަރުކާރުތަކުން އެގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތައް އެއްފަރާތްކޮށް އެކަހެރި ކުރަމުންދާކަމަށްވެސް ވާންސް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިމައްސަލައިގައި ޔޫރަޕްގެ ތެރެއިން ވާންސްއަށް ވަނީ ނުރުހުން ރައްދުވެފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިން ވަނީ ވާންސް އެގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭކަމަށް ތުހުމަތުކޮށް އެކަން ގަބޫލު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޚުދު ޔޫރަޕްގެ ގައުމުތަކަކީވެސް ތިން ވަނަ ދުނިޔޭގެ ގައުމުތަކާ މުޚާތަބުކޮށް މިމޭރުމުން ވާހަކަ ދައްކާ ގައުމުތަކެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބުނެ އަދި ސިޔާސީ އިދިކޮޅު ފަރާތްތައް އެކަހެރި ކުރަމުންދާކަމަށް ބުނެ އެގައުމުތަކަށް ޑިކްޓޭޓްކޮށް އެގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހެމުންދާ ގައުމުތަކެވެ.

އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކަކީވެސް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ ގައުމުތަކެކެވެ. ނަމަވެސް މިގޮތަށް މިކަންކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ޔޫރަޕްގެ ގައުމުތަކުން ހިތްހަމަނުޖެހޭ ގޮތަށް ކަންކަން ކުރާ ގައުމުތަކަށް ފާޑުކިޔައި އެގައުމުތައް ދެރަކޮށްލުމުގެ ގޮތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު