ކޮވިޑް-19 އަކީ ސްޓްރެޓީޖިކް ރޭވުމެއްގެ ދަށުން އެމެރިކާއާއި ޔޫރަޕްގައި ޗައިނާ ފެތުރި ވަބާއެއް: އެމެރިކާ

ލިޒް ޗޭނީ

ވޮޝިންޓަން (18 މެއި 2020): ޗައިނާއިން އެމެރިކާއާއި ޔޫރަޕްގައި ކޮރޯނާ ވައިރަސް "ކޮވިޑް-19" ފެތުރީ ކަމަށާއި އެއީ ސްޓްރެޓީޖިކް ބޭނުމެއްގައި ޗައިނާ ކުރި ކަމެއްކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރާ ހަރުކަށި ފިކުރުގެ މެންބަރެއްކަމަށްވާ ލިޒް ޗޭނީ ވިދާޅުވީ ޗައިނާއިން އެމެރިކާއާއި ޔޫރަޕްގައި ކޮވިޑް-19 ފެތުރީ ގަސްދުގައި ކަމަށާއި ޗައިނާ އެކަން ކުރިއިރު އެއިން ރައްކާތެރިވާނެ ފުރުސަތުވެސް އެމެރިކާއާއި ޔޫރަޕަށް ނުލިބުނު ކަމުގައެވެ.

ފޮކްސް ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި ލިޒް ޗޭނީ ވިދާޅުވީ އަސްކަރި އަދި އިގްތިސާދީ ބާރުވެރިކަމާއި ޓެކްނޮލޮޖީ ޗައިނާ ހޯދި ނަމަވެސް އެމެރިކާއާއި ޔޫރަަޕްގެ ގައުމުތައްފަދަ ތަހުޒީބު ގައުމަކަށް ޗައިނާއަށް ނުވެވޭނެ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ޗައިނާގައި ކުރިން ފެތުރުނު ނަމަވެސް ޗައިނާ ބޭނުންނަމަ އެމެރިކާއާއި ޔޫރަޕަށް އެވައިރަސް އައުން ހުއްޓުވުނީސްކަމަށް ލިޒް ޗޭނީ ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާއާއި ޔޫރަޕްގައި ކޮވިޑް-19 ފެތުރީ ޗައިނާގެ ކަމުގެ އެއްވެސް ހެއްކެތް ލިޒް ޗޭނީއަށް ދެއްކިފައެއް ނުވެއެވެ. އަދި ކޮވިޑް-19 އެމެރިކާގައި ފެތުރުނުއިރު އެކަން އެމެރިކާއަށް ނުހުއްޓުވުނީ ކީއްވެގެންކަމާ އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑުބާރު ކަމަށްވެފައި އެންމެ ވަސީލަތްތަކާއި ޖާސޫސީ ގޮތުން ކުރިއަރާފައިވާ ގައުމު ކަމަށްވާއިރު އެވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވީ ކީއްވެގެންކަން ލިޒް ޗޭނީ ވިދާޅެއްނުވެއެވެ.

ނަމަވެސް ޗައިނާ މައިތިރި ކުރުމަށްޓަކައި އަސްކަރީ ގޮތުންނާއި ސިއްހީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން މިހާރަށްވުރެ އެމެރިކާ ބާރުގަދަ ކުރަންޖެހޭ ކަމަށާއި އެމެރިކާގެ އިގްތިސާދުވެސް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ލިޒް ޗޭނީ ވިދާޅުވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާ އެއްގޮތް ކަނާތު ފިޔައިގެ ޕޮޕިއުލިސްޓް ފިކުރު ގެންގުޅުއްވާ ލިޒް ޗޭނީ އަކީ އެމެރިކާގެ ކުރީގެ ނައިބު ރައީސެއް ކަމަށްވާ ޑިކް ޗޭނީގެ ދަރިކަނބަލެކެވެ. ޑިކް ޗޭނީއަކީ ޖޯޖް ޑަބްލިޔުބުޝްގެ ރައީސްކަމުގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށްބުނެ ދޮގުހަދައިގެން އެމެރިކާ އިރާގަށް އަރައިގަނެ އިރާގުގެ ސަރުކާރު ވައްޓާލައި އިރާގުގެ އެތަށް ލައްކަބަޔަކު މެރުމުގެ ޖަރީމާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

މީގެއިތުރުން އިރާގު އާރާސްތު ކުރުމުގެ ނަމުގައި އެމެރިކާއިން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ބުޝްގެ ވެރިކަމުގައި ހިންގިއިރު އެއިން ކޮރަޕްޝަނުގެ ގޮތުގައި ބޮޑު އެއްޗެއް ހޯއްދެވި ކަމުގެ ތުހުމަތު އެމެރިކާގެ އެތެރެއިން ޑިކްޗޭނީގެ މައްޗަށްވަނީ ކުރެވިފައެވެ.

އެއްވެސް ހައްގަކާނުލައި އެމެރިކާއިން އިރާގުގައި ހިންގި ޖަރީމާތަކަށް ބަދަލުގެ ގޮތުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ދޭންޖެހޭ ދުވަހެއް އައުމަކީ ދުނިޔޭގެ ކަންތައްތައް ދާގޮތުން އެކަށީގެންވާ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ނުވެ އެ ރޯގާގައި އެމެރިކާގެ 90 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެކަމުގެ ޒިންމާ ސީދާ ގޮތެއްގައި ޗައިނާގެ ބޮލުގައި އަޅުއްވާފައެވެ.

މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބާ ގާތްވެފައިވާ މިދުވަސްވަރު ޓްރަމްޕްގެ މަގްބޫލުކަން ދަށްވެފައިވާތީ ޗައިނާގެ ބޮލުގައި ކޮވިޑް-19 ގެ ޒިންމާ އަޅުވައި ޒިންމާއިން ރެކިވަޑައިގަތުމުގެ ސިޔާސީ މަގްސަދުގައި ޓްރަމްޕާއި އޭނާގެ ބައިވެރިން ކުރާ ކަމެއްކަމަށާ ރިޔާސީ އިންތިޚާބު ނިމެންދެން ޗައިނާއަށް ބަހުގެ ޙަމަލާތައް ދިނުމުގެ ކަންތައް ޓްރަމްޕާއި އޭނާގެ ޓީމުން ކުރިޔަށް ގެންދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބު ވުމުން ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ ރައްޔިތުންގެ މެދުގައިވަނީ ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ. (ނޫސްއެޖެންސީތައް + އަލްޖަޒީރާ)

comment ކޮމެންޓް