ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 26

"އަލިފާން ނިއްވާލާ!" ޢައްމާރު ބުންޏެވެ.

"އެކަމަކު އަލިފާން ނިއްވާލައިފިއްޔާ އަނދިރިކަމުން ގޮސް އެއްވެސް ތަނެއް ނުފެންނާނެ." ޒިޔާދު ބުންޏެވެ.

"މި ތަނުގެ ތެރެ ހުރި ގޮތް އަހަރެމެންނަށް ވަނީ ފެނިފަ. ކޮންއެއްޗެއް ހުރީ ކޮންތަނަކު ކަން އަހަރެމެންނަށް އެނގޭ. އަހަރެމެން އެކަކު އަނެކަކު އަހަރެމެންނަށް ވަނީ ފެނިފަ. ވާހަކަ ދައްކާ އަޑުން ކާކަކީ ކާކު ކަން އެނގޭނެ. ވީމާ މި ވަގުތު ކޮންމެހެން އަލިކަމެއް ބޭނުމެއް ނޫން. ނޭވާ ލާން ބޭނުން ކުރާ ފުރާނަވަޔަކީ އަލިފާން އެނދުމަށް ވެސް ބޭނުން ވާ އެއްޗެއް. ރާބިޙު ބުނި ހެން އަލިފާނުގެ ސަބަބުން ފުރާނަވައިކޮޅު ހުސް ވެދާނެ." ޢައްމާރު ބުންޏެވެ.

"ﷲ އަހަރެމެންނަށް މަގެއް ދައްކަވައިފާނެ. އަދި އަހަރެމެންގެ ކިބައިން މި މުސީބާތް ދުރުކުރައްވައިފާނެ." ރާބިޙު ބުންޏެވެ.

"ވީމާ ﷲއަށް ދުޢާ ކުރޭ! އިހުލާސްތެރިކަމާ އެކު ﷲއަށް ޓަކައި ސޯލިހު އަމަލެއް ކޮށްފައި ވާ ނަމަ އެ އަމަލެއް މެދުވެރިކޮށް ވެސް ދުޢާ ކުރެވޭނެ. ތިޔަ ދެ މީހުންނަކީ ފެންނަ ގޮތުގައި ރަނގަޅު އަދި ހެޔޮލަފާ ދެ މީހުން." ޢައްމާރު ބުންޏެވެ.

"ކީއްވެ އަހަރެމެން ދެ މީހުން އެކަނި. އަހަރެމެންނާ އެކު ދުޢާ ކުރުމުގައި އާރުކާޓީ ބައިވެރި ނުވާން ވީ ކީއްވެ؟" ޒިޔާދު އެހިއެވެ.

"އަހަރެންނަށް ސޯލިހު އަމަލެއް ކުރެވިފައި ވި ނަމަ، ދުޢާ ކުރުމުގައި އަހަރެން އިސް ނެގީމުސް." ޢައްމާރު ބުންޏެވެ.

"ﷲއަށް ޓަކައި އިހުލާސްތެރި ކަމާ އެކު އަހަރެން ކުރި އެއް ކަން ހަނދާނަށް އެބަ އާދޭ. އަހަންނަށް ހީވާ ގޮތުގައި އެއީ ސޯލިހު އަމަލެއް." ރާބިޙު ބުންޏެވެ.

"ކޮބާ އެ އަމަލަކީ؟" ޒިޔާދު އެހިއެވެ.

"އަހަރެން އުޅުނީ ގެރިބަކަރި ހުއިހެއްޕުމާއި އޭގެ ކިރު ވިއްކުމުގައި. އަހަރެންގެ މަންމައާއި ބައްޕައަކީ އުމުރުން ދުވަސް ވެ މުސްކުޅި ވެފައި ތިބި ދެ މީހުން. އެއް ދުވަހަކު ހެނދުނު އަހަރެން ކިރު ފެލާން ހުއްޓައި މީހަކު އައި އަދި އެމީހާ އެހި ތިޔަ ކިރުފޮދު ތިމަންނާއަށް ނުވިއްކާނަން ހޭ؟" ރާބިޙު ކިޔައި ދޭން ފެށިއެވެ.

*****

"ތިޔަ ކިރުފޮދު އަހަންނަށް ނުވިއްކާނަން ތަ؟"

"ސާހިބާ! މާފު ކުރައްވާ!" ރާބިޙު ބުންޏެވެ.

"އަހަރެންގެ ނަމަކީ އަރްސާމް. އަހަރެންނަކީ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ މީހަކީން." އަރްސާމް ބުންޏެވެ.

"ސާހިބާ އަރްސާމް. އަޅުގަނޑުގެ އާދައަކީ ކޮންމެ ދުވަހަކު ވެސް ކިރު ފެލުމަށް ފަހު އެންމެ ފުރަތަމައަށް ގޮޮސް އަޅުގަނޑުގެ މަންމައާއި ބައްޕައަށް ކިރު ބޯން ދިނުން. ދެން ހުންނަ ކިރުން އަޅުގަނޑުގެ ގޭގެ އަހުލުވެރީންނަށް ދީފައި ބާކީ ވާ ކިރު ނޫނީ އަޅުގަނޑެއް ނުވިއްކަން." ރާބިޙު ބުންޏެވެ.

"އެންމެ ރަނގަޅު! ކޮންމެ ދުވަހަކު ތިބާގެ އާދައަކީ ތިޔައީ ކަމަށް ވަންޏާ އަހަންނަށް ޔަގީން ވާ ގޮތުގައި ތިބާގެ މަންމައާއި ބައްޕައަށް އަދި ގޭގެ އަހުލުވެރީންނަށް ބޭނުން ވަނީ ކިހާ މިންވަރެއްގެ ކިރު ކަން މިހާރު ވެސް ތިބާއަށް އެނގޭނެ. ވީމާ އެ މިންވަރު ބަހައްޓާފައި ދެން ހުރި ބައި އަހަންނަށް ވިއްކާ! އަހަރެން އެބަ ޖެހޭ ވަރަށް އަވަހަށް ދާން." އަރްސާމު ބުންޏެވެ.

"ސާހިބާ! އަޅުގަނޑު އަމިއްލަ ނަފްސަށް ކޮށްފައި ވާ އަހުދެއް އެންމެ ފުރަތަމައަށް އަޅުގަނޑުގެ މަންމައާއި ބައްޕައަށް ކިރު ބޯން ދިނުމަކީ. އޭގެ ފަހުގައި ނޫނީ އެހެން ކަމެއް ނުކުރުމަކީ." ރާބިޙު ބުންޏެވެ.

"ތިޔަ ގެއްލުވާލަނީ ވިޔަފާރީގެ ރަނގަޅު ފުރުސަތެއް. އަހަރެން މިއައީ ވީ އެންމެ ރަނގަޅު އަގެއްގައި ކިރު ގަންނާން. ތިބާއަކީ ގެރިބަކަރި ވަރަށް ރަނގަޅަށް ބަލަހައްޓާ އަދި އެތަކެތީގެ ސިއްހަތާ މެދު ވެސް ވަރަށް ފަރުވާތެރި މީހެއް ކަމަށް އެއްމެން ވެސް ބުނޭ. އަދި ކިރު ފެލުމުގައި ސާފުތާހިރުކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރާ މީހެއް ކަމަށް ވެސް ބުނޭ. އެހެން ވެގެން ތިބާގެ ގާތަށް ކިރު ގަންނާން މި އައީ ވެސް." އަރްސާމު ބުންޏެވެ.

"އެންމެ ރަނގަޅު ވިޔަފާރިއަކީ ﷲއަށް ޓަކައި އާޚިރަތަށް އެދިގެން ކުރެވޭ ވިޔަފާރި. މަންމައާއި ބައްޕައަށް ކިރު ބޯން ދިނުމަކީ ﷲގެ ރުއްސެވުން އެދިގެން އަޅުގަނޑު ކުރާ ކަމެއް." އެހެން ބުނެފައި ރާބިޙު އޭނާގެ މައިފުނަގެއާ ދިމާއަށް ހިނގައިގަތެވެ.

"ރާބިޙު މިއަދު ހާދަ ލަސް ވެއްޖެއޭ!" ރާބިޙުގެ ބައްޕަ ބުންޏެވެ.

"އޭ ސަލްމާނު! އަހަރެމެންގެ ދަރިފުޅު ރާބިޙު އަދި ލަހެއް ނުވޭ. އަހަރެމެން ދެ މީހުން މުސްކުޅި ވެ އުމުރުން ދުވަސް ވީމާ އިންތިޒާކީ މާ ދިގު އެއްޗަކަށް ވަނީ." ރާބިޙުގެ މަންމަ ބުންޏެވެ.

"އޭ ލޯބިވާ ޢަތީޤާ! އަހަރެން މުސްކުޅިއޭ ނުބުނޭ. ތިޔަހެން ބުނީމާ އަހަރެންގެ ހިތަށް ތަދު އެބަ ވޭ. މުސްކުޅި ވިއްޔާ މުސްކުޅި ވީ އަހަރެން މުސްކުޅިއޭ ބުނާ މީހަކު. އަހަރެންގެ ހިތް އަދިވެސް ޒުވާން. ތިބާ ދެކެ ލޯބި ނުވާ ނަމަ މިހާރު ވެސް އެންމެ ޒުވާން ކުއްޖަކާ ..." އެ ހިސާބަށް ބުނެފައި ސަލްމާނު ލޯ މަރައިލިއެވެ.

"އަހަރެން ނޫޅެން މުސްކުޅި ނުވާ ކަމަށް ހެދޭ ކަށް. އަހަރެން މުސްކުޅި ވެއްޖެ. އަދި ތިޔައީ އަހަންނަށް ވުރެ ދިހަ އަހަރު ދޮށި މީހެއް. އެ ކަން ހަނދާން ނައްތައި ނުލާ! ސަލްމާނު! ސަލްމާނު! ނިދުނީ ތަ؟" ޢަތީޤާ ބުންޏެވެ.

"އަހަރެމެންގެ ކުޑަކުޑަ ދަރިފުޅު ރާބިޙު ލަސް ވީ ކީއްވެ؟ އޭނާގެ އެކުވެރީންނާ އެކު އޭނާ ކުޅެނީ ކަން ނޭނގެ!" ނިދި ޖެހިފައި އިން ސަލްމާނު ލޯ ހުޅުވާލާފައި ބުންޏެވެ.

"ރާބިޙަކީ މިހާރު ކުޑަ ކުއްޖެއް ނޫނޭ. މީހަކާ އިނދެ އޭނާއަށް ދަރިއަކު ވެސް ލިބިއްޖެ." ޢަތީޤާ ބުންޏެވެ.

"ދަރިއެކޭ. ތިޔައީ ކާކު؟ މިގޭގައި ކީއް ތިޔަ ކުރަނީ؟" ސަލްމާނު އޭނާގެ އަންހެނުންގެ ގާތު އެހިއެވެ.

"އަނެއްކާ ވެސް ހަނދާން ނެތުނީ. އެކަމަކު އަދިވެސް ޒުވާން ކަމަށް ދައުވާ ކުރާނެ." ޢަތީޤާ ބުންޏެވެ. އެބައެއް ފަހަރަށް ސަލްމާނަށް އޭނާގެ އަންހެނުންގެ ނަން ވެސް ހަނދާން ނެތެވެ. އޭނާ ހަނދާން ނުނެތެނީ ﷲއަށް ޒިކުރު ކުރުމާއި އޭނާގެ އަމިއްލަ ނަމާއި އޭނާގެ ދަރިފުޅު ރާބިޙުގެ ނަން އެކަންޏެވެ. އެ ވަގުތަކީ ރާބިޙު އައިސް އޭނާގެ މައިފުނަގޭގެ ދޮރުމައްޗަށް މަޑު ކޮށްލި ވަގުތެވެ. މަންމައާއި ބައްޕަގެ ސަމާސާ ވާހަކަތައް އަޑު އަހާން ކުޑަ އިރުކޮޅަކު ހުރެފައި ގެއަށް ވަދެ އޭނާ ސަލާން ގޮވައި ލިއެވެ.

"އައްސަލާމު ޢަލައިކުމް! މަންމައާއި ބައްޕަ ކިހިނެއް؟ ލަސް ވީތީ ވަރަށް ބޮޑަށް މާފަށް އެދެން." ރާބިޙު ބުންޏެވެ. އެހެން ބުނެފައި ފުރަތަމަ ކިރު ތަށި އޭނާގެ މަންމައަށް ދިއް ކޮށް ލިއެވެ. "މަންމާ. މި ކިރު ތަށި ހިއްޕަވާ! މިއީ ތާޒާ ކިރު. އަދި މިހިރީ ކަދުރު."

"ދަރިފުޅާ މަންމަ ބަނޑުހައެއް ނޫން. އަދި ކަރެއް ވެސް ނުހިއްކާ." ރާބިޙުގެ މަންމަ ބުންޏެވެ.

"ނޫން. މަންމާ! އަޅުގަނޑަށް ޓަކައި. އެންމެ ކޯވަރެއް ނަމަވެސް. އަޅުގަނޑުގެ އަމަލުގައި ބަރަކާތް ލައްވާނީ އޭރުން." ރާބިޙު ބުންޏެވެ.

"ދަރިފުޅަށް ﷲ ބަރަކާތް ލައްވާށި! އަދި އަހަރެމެން ދެ މީހުންނާ މެދުގައި ދަރިފުޅު ތިޔަ ބަހައްޓާ އޯގާވެރިކަމަށް ޓަކައި ﷲ ދަރިފުޅަށް ހެޔޮ ޖަޒާ ދެއްވާށި." ރާބިޙުގެ މަންމަ ލޯތްބާ އެކު ބުންޏެވެ.

"އޭ މިހިރަ ކުޑަކުޑަ ކުއްޖާ! އަހަންނަށް ކިރު ފޮދެއް ދީ ބަލަ!" ރާބިޙުގެ ބައްޕަ ސަލްމާނު ބުންޏެވެ.

"އަޅުގަނޑުގެ ބައްޕަ އަދި ސާހިބާ! ބުނުއްވި ގޮތެއް. ކިރުފޮދު ހިއްޕަވާ! އުފާވެރިކަން ގެނެސް ދޭ އަދި ފުރިހަމަ ސިއްހަތަކަށް މަގު ފަހި ކޮށް ދޭ އެއްޗެއް ކަމުގައި ލައްވާށި!" އޯގާވެރިކަމާއި ކިޔަމަންތެރިކަމާ އެކު ރާބިޙު އޭނާގެ ބައްޕައަށް ކިރު ތަށްޓެއް ދިއް ކޮށް ލަމުން ލޯތްބާ އެކު ބުންޏެވެ.

"ކޮބާ އަހަރެންގެ ފައިވާން؟ އަހަރެން ފާޚާނާއަށް ދާން ވެއްޖެ." ކިރު ތަށި ބޮއިލުމަށް ފަހު ސަލްމާނު ބުންޏެވެ.

"ހިންގަވާ ބައްޕާ! އަޅުގަނޑު ބައްޕަ އުފުލާލައިގެން ގެންގޮސް ދެން ތޯ؟" ރާބިޙު އެހިއެވެ.

"ކީއް ކުރަން؟ އަހަންނަށް ހިނގާފައި ދެވޭނެ." ރާބިޙުގެ ބައްޕަ ބުންޏެވެ.

"އަޅުގަނޑު ދާނަން ބައްޕަގެ އަތުގައި ހިފައިގެން. އަޅުގަނޑަށް އޭރުން ބައްޕައާ ވާހަކަ ދައްކައި ވެސް ލެވޭނެ." ރާބިޙު ބުންޏެވެ.

"އަހަރެމެން ދެ މީހުން އެއްކޮށް މި ތަނުން ގޮސްފިއްޔާ އެހެރަ ބީރަށްޓެހި އަންހެން މީހާ ވައްކަމެއް ނުކުރާނެ ތަ؟" ރާބިޙުގެ ބައްޕަ ސަލްމާނުގެ އަނގައިން ބޭރު ވާ ބައެއް ޖުމްލަތައް އަންނަނީ އޭނާގެ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އެ ކަން ރާބިޙަށް އެނގެއެވެ.

"އެއީ އަޅުގަނޑުގެ މަންމަ ނޫން ތޯ؟ ބައްޕަގެ ލޯބިވާ ޢަތީޤާ. އެއީ ބީރަށްޓެއްސެއް ނޫން." ރާބިޙު ހިނިތުން ވުުމާ އެކު ބުންޏެވެ.

"އެހެން ތަ؟ އެއީ ދަރިފުޅުގެ މަންމަ ތަ؟ އެހެން ވެއްޖެއްޔާ ހިނގާ ދާން. ބިރެއް ނެތް." ރާބިޙުގެ ބައްޕަ ސަލްމާނު ބުންޏެވެ.

ބައްޕަ ފާޚާނާއިން ނިމިގެން ދޮރު ހުޅުވުމުން ރާބިޙު ބައްޕަގެ އަތުގައި ހިފައިގެން އައިސް އުނދޯލީގައި ބޭންދުމަށް ފަހު، މަންމައާއި ބައްޕައަށް ސަލާމް ކޮށް ލުމަށް ފަހު މިސްރާބު ޖެހީ އޭނާގެ އަމިއްލަ ގެއަށެވެ.

ރާބިޙު ސަލާމް ގޮވާލާފައި ގެއަށް ވަނުމާ އެކު ރާބިޙުގެ ދަރިފުޅު އައިސް ލޯބިން ބައްދައިލިއެވެ.

"ދަރިފުޅާ ނައިރާ! ދަރިފުޅުގެ ހާލު ކިހިނެއް؟" ރާބިޙު އޭނާގެ އަންހެން ދަރިފުޅު ނައިރާއަށް ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް