ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 25

"ކިތައްމެ ބައިވަރެއް ހުއްޓަސް ދައުލަތަށް ދައްކާން ޖެހޭ ޚަރާޖު ނެރޭން ވީމާ މީހުން ތިބޭނީ ބުރަ ވެފަ. ވީމާ އަވަސް ކުރޭ." އިސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ތިޔަ ވާހަކަފުޅާ އެއްބަސް. އެކަމަކު މި ވަގުތު މީހުންގެ އަތުގައި އެއްޗެއް ނެތް ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނެތް އެއްޗަކުން ކިހިނެއްތޯ އެމީހުން ޚަރާޖު ނެރޭނީ." މުފްތާޙު އަނެއްކާ ވެސް ވިދާޅުވިއެވެ.

"އެމީހުން ނެރެނީ ކިހިނެއް ތޯ ނުވަތަ ކޮންތާކުން ތޯ ބެލުމަކީ އަހަންނަކަށް މުހިއްމު ކަމެއް ނޫން. އަދި އިތުރު ވާރެއް ވެސް ދަނޑުވެރީން ދައްކާން ޖެހޭ ކަމަށް ނިންމައިފިން. މި ކަމާ ދެކޮޅު ހަދައިފި މީހެއްގެ ދަނޑުބިމާއި ގެރިބަކަރިއާއި ގެ ވެސް ދައުލަތަށް ނަގާ! މި ބުނީ އެމީހުން ދެކޮޅު ވެރި ވެ އެ ފިޔަވަޅު ވެސް އަޅާން ޖެހިއްޖެ ނަމަ." ވަޒީރު ބުުންޏެވެ.

"މި ކަމާ މެދު އަމީރު މުރާދު ޚާލިދާ މަޝްވަރާ ކޮށް ލުން ރަނގަޅު ވާނެ ނޫން ތޯ؟" އަމަނުގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ.

"ދައުލަތުގެ ކަންކަން އަހަރެން ބޭނުން ވާ ގޮތަކަށް ހިންގުމުގެ އިހުތިޔާރާއި ބާރު އަހަންނަށް ދެއްވީ ޚުދު އަމީރު މުރާދު. ވީމާ އަހަރެން ނިންމާ ކަމެއްގައި އެމަނިކުފާނާ މަޝްވަރާ ކުރާން ޖެހޭ އިތުރު ކަމެއް އޮތް ކަމަކަށް ނުދެކެން. އަނެއްކާ މި ކަމުގައި މުފްތާޙުގެ އިތުރު ހިޔާލެއް އޮތީ ތަ؟" ވަޒީރު ވިދާޅުވިއެވެ.

"ނޫން. އަޅުގަނޑު އަމިއްލަ ގޮތެއް ދަންނަވާކަށް ނެތް. އަމުރު ކުރެއްވި ކަމެއް ތަންފީޒު ކުރުން އަޅުގަނޑަށް އޮތީ." މުފްތާޙު ވިދާޅުވިއެވެ.

"ކުރީ ދުވަހު ދެއްކީމެއް ނު ފުލުހުންގެ މުސާރައިގެ ވާހަކަ. އެހެންނެއް ނޫންް ތަ؟" ވަޒީރު ވިދާޅުވިއެވެ.

"ނޫން. އަޅުގަނޑު ދެންނެވިން. އެހެންނަމަވެސް މި ވަގުތަކީ އެ ވާހަކަ އިތުރަށް ދެއްކުމަށް މުނާސިބު ވަގުތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދައުލަތުގެ މާލިއްޔަތުގެ ކަންކަން ހުރި ގޮތުން." މުފްތާޙު ވިދާޅުވިއެވެ.

"ނޫން. އޭގެ އަނެއްކޮޅަށް. ތިޔަ ކަމުގައި އަހަރެން ދެކެނީ މިއީ އެ ކަމަށް އެންމެ މުނާސިބު ވަގުތޭ. ފުލުހުންނަށް މުސާރަ އިތުރު ކުރާން ވީ މި ވަގުތު. އޭރުން ދައުލަތަށް ފައިސާ ހޯދުމުގެ ކަންކަމުގައި ވެސް އެމީހުން އިތުރަށް މަސައްކަތް ކުރާނެ." ވަޒީރު ވިދާޅުވިއެވެ.

"އަސްލު ވެސް ތޯ؟ މި ވަގުތު އެ ކަން ކުރާން ހަމަ މުނާސިބު ތޯ؟" މުފްތާޙު އެއްސެވިއެވެ.

"އެކަމާ މެދު ގޮތެއް ކަނޑަ އަޅައި، ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވާ ވަރަށް ވުރެ ވެސް އިތުރު ކޮށް ދިނުމަށް އަހަރެން ވައުދު ވަން. އެހެންނަމަވެސް އެ ކަން ވާނީ ދައުލަތުގެ ޚަޒާނާގައި ފައިސާ ހުރެގެން. ވީމާ ފައިސާ ޖަމާ ކުރުމުގެ ގޮތުން ވާރު ޚަރާޖުގެ ކަންކަން ބަރާބަރަށް ހަމަ ޖެއްސުމަކީ ފުލުހުން ކުރާން ޖެހޭ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

"ރަނގަޅު ވާހަކަފުޅެއް. މަނިކުފާނަށް ﷲ ބަރަކާތް ލައްވާށި! އަޅުގަނޑު މި ވަގުތު ނުކުމެ ލުމުގެ އިޒުނައަށް އެދެން." މުފްތާޙު ވިދާޅުވިއެވެ.

"އަމަނުގެ ވެރިޔާ! އަދި މަޑު ކުރޭ! ޚަލީފާގެ އާލާސްކަންފުޅުގެ ވާހަކަ އެއްވެސް ވަރަކަށް އާއްމު ވެގެން ނުވާނެ." ވަޒީރު ވިދާޅުވިއެެވެ.

"އެއީ ކީއްވެ ތޯ؟ އަޅުގަނޑު މި ދެންނެވީ އާލާސްކަންފުޅުގެ ބާވަތުން މީހުންނަށް އެނގޭން ނުޖެހޭ އައިބު ކަމެއް އޮތީ ތޯ؟" މުފްތާޙު އެއްސެވިއެވެ.

"މުފްތާޙަކަށް ނުވިސްނޭތަ؟ ދައުލަތުގެ ހައިބަތާއި ވެރިމީހާއާ މެދު އާއްމުންގެ ތެރޭގައި އޮންނާން ޖެހޭ ތަސައްވުރު." ވަޒީރު ވިދާޅުވިއެވެ.

"އާދެ! އާދެ! ވިސްނިއްޖެ. ދައުލަތުގެ ހައިބަތު. ޒައީމުގެ ތަސައްވުރު. ރަނގަޅު ވާހަކަފުޅެއް. ދައުލަތުގެ ހައިބަތު. ޒައީމުގެ ތަސައްވުރު." މުފްތާޙު ވިދާޅުވިއެވެ.

"ޚަބަރުދާރު! ޚަލީފާގެ އާލާސްކަންފުޅުގެ ޚަބަރު ގަނޑުވަރުން ބޭރަށް ގޮސްގެން ނުވާނެ. އާއްމުންނަށް އެނގޭން ޖެހޭނީ ދައުލަތުގެ ހުރިހާ ކަމެއް ވެސް ހިންގަވަމުން ގެންދަވަނީ ޚުދު ޚަލީފާއޭ." ވަޒީރު ވިދާޅުވިއެވެ.

"އެންމެ ރަނގަޅު ސާހިބާ! ކަންބޮޑުވެ ވަޑައި ނުގަންނަވާ! ތިޔަ ކަން ތިޔަ ގޮތުގައި ބޭއްވުމުގެ ގޮތުން އަޅާން ޖެހޭ އެއްމެހައި ފިޔަވަޅެއް އަޅުގަނޑު އަޅާނަން." މުފްތާޙު ވިދާޅުވިއެވެ.

"ދެން ދިޔަޔަސް އެންމެ ރަނގަޅު!" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ އިޒުނަ ލިބިވަޑައިގަތުމުން މުފްތާޙު ނުކުމެ ވަޑައިގަތެވެ. އަަދި މަޑުުމަޑުން ވިދާޅުވަމުން ގެންދެވިއެވެ. "ޚަލީފާ ވިދާޅުވާނެ. ރައްޔިތުންނަކީ ދައުލަތް. ދައުލަތަކީ ރައްޔިތުން. ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ މުވައްޒަފުން. އެކަމަކު ..."

*****

"ބައްޕާ! ތިޔަ ވަޑައިގަންނަވަނީ ފަނޑިޔާރުގެއަށް ތޯ؟" ސަލްމާ އެއްސެވިއެވެ.

"އާނ! ދަރިފުޅާ! ނިންމާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެން ވެއްޖެއްޔާ މަޑެއް ނުކުރުވާނަން." ސަލްމާ ވިދާޅުވިއެވެ.

"ޚަލީފާގެ ހާލުކޮޅު ކިހިނެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އާ ކުރިއެރުމެއް ނެތް. ހިތާމައާ އެކު ދަންނަވާން ޖެހެނީ ހާލުކޮޅު އެއްވެސް ވަރަކަށް ރަނގަޅު ނުވާ ވާހަކަ." ސަލްމާ ވިދާޅުވިއެވެ.

"އެމަނިކުފާނަށް ﷲ ޝިފާ ދެއްވާށި! ޚަލީފާއަކީ ހެޔޮލަފާ ސޯލިހު ބޭފުޅެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދެ ކުދީީން ނުފެނިގެން މި އުޅެނީ. ކޮންތާކަށް ބާ ދިޔައީ. ކޮންތާކު ބާ ވީ؟" ސަލްމާ ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކު ވެސް ވީ އެ ކުއްޖެއްގެ ކޮޓަރީގައި. ބައްޕަ މި އައި އިރު ދެބެން ވެސް ތިބީ ޤުރްއާން ކިޔަވާން. އަދި އަނެއް ކާފައަށް ޝިފާ ދެއްވުން އެދި ދުޢާ ކުރާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ބައްޕައަށް ﷲ ބަރަކާތް ލައްވާށި! އަހަރެމެން ބައްޕައަށް ވަރަށް ބުރަ އެބަ ކުރަމު!" ސަލްމާ ވިދާޅުވިއެވެ.

"ތިޔަ ހެން ނުބުނޭ ދަރިފުޅާ! މިހާރު ދެން މި ދަނީ. މަސައްކަތް ނިމުނު ހާ އަވަހަކަށް އަންނާނަން. އަވަހަށް ބައްދަލުވުމުގެ އުއްމީދުގައި ވަކިވެލަން." ސަވާރު ވެ ވަޑައިގެން އިންނެވި އަސް ދުއްވާލަމުން ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

*****

"އަޅުގަނޑު ދަން ތޯ މަނިކުފާނާ އެކު. ގެކޮޅަށް ނޫން ތޯ ތިޔަ ވަޑައިގަންނަވަނީ. ސަލްމާއާއި ދެ އަމީރުން ވެސް ގަނޑުވަރަށް ވަޑައިގެންފި ނޫންތޯ؟ މީހަކު ގޭގައި ނެތިއްޔާ އެކަނިވެރި ވާނެ ނޫން ތޯ؟" ޒަޣުލޫލު ދެންނެވިއެވެ.

"ނޫން. އަހަރެން ގެއަކަށް ނުދަން. ދުވަސްކޮޅަކު ދަރިފުޅު ސަލްމާގެ ގާތުގައި ހުރެލާން ނިންމާފައި އޮތީ. އެކަމަކު ޒަޣުލޫލު ގެޔަށް ގޮސް ގޭގެ ކަންތައްތައް ބަލާތި. ހުއްމުސްއަށް ކާން ދޭތި. އަދި ގުރާކޮށީގެ ދޮރު ހުޅުވާފައި ބަހައްޓާތި. އޭރުން އޭއްޗަށް ވެސް މިނިވަންކަމާ އެކު އުދުހި ލެވޭޭނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ވިދާޅުވި ގޮތެއް. ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ.

"އަދި ގަސްތަކަށް ފެން ވެސް ދޭތި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އާދެ! ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ.

"ތިބާއަށް ﷲ ބަރަކާތް ލައްވާށި! އަލްވަދާއު!" ގާޒީ ޞަފިއްޔުއްދީނު އަސް ދުއްވައިލަމުން ވިދާޅުވިއެވެ.

"އަލްވަދާއު! ސާހިބާ!" ޒަޣުލޫލު ވެސް އަލްވަދާއު ދެންނެވިއެވެ.

*****

"ދަރިފުޅުމެންގެ ހާލު ކިހިނެއް؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"އަލްޙަމްދު ލި ﷲ ކާފާ! ބައްޕައާ އެކު އަޅުގަނޑުމެން ޤުރްއާން ޚަތިމުކޮށް ޚަތިމު ދުޢާ ވެސް ކިޔައިފީމު." އަމމީރާ ޞަފާ ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު. ވަރަށް ރަނގަޅު. ދަރިފުޅާ ޞަފާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ! އަޅުގަނޑު ވެސް ކުރީމޭ!" ޝަކުވާގެ ރާގުގައި އަމީރު މުޙައްމަދުު ވިދާޅުވިއެވެ.

"ދަރިފުޅު ވެސް ވަރަށް ރަނގަޅު." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެންވިއްޔާ އަޅުގަނޑުމެންނަށް ހޮހޮޅައިގައި ބަންދު ވި ތިން މީހުންގެ ވާހަކަ ކިޔައި ދެއްވާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އެއީ ކޮން ވާހަކައެއް ތޯ؟" ސަލްމާ އެއްސެވިއެވެ.

"އެއީ ދަތުރުމަތީގައި ވިއްސާރަ ވެގެން ހޮހޮޅައަކަށް ވަނުމުން އެ ހޮހޮޅައިގައި ބަންދު ވި ތިން މީހުންގެ ވާހަކަ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެއީ ވަރަށް ޝައުގުވެރި ކުރުވަނިވި ވާހަކައެއް." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ކިހިނެއް އެމީހުން އެ ހޮހޮޅައިގައި ބަންދު ވީީ؟" ސަލްމާ އެއްސެވިއެވެ.

"އެމީހުން ހޮހޮޅައިގައި ތިއްބާ މަތީން ހިލަގަނޑެއް ނެއްޓިގެން އައިސް ހޮހޮޅައިގެ އާނގަ ބަންދު ވީ." އަމީރުު މުޙައްމަދު ވިދާޅުވިއެވެ.

"ދެން ކީއްވެ އެ މީހުން އެކަކު އަނެކަކަށް އެހީތެރި ވެގެން އެ ހިލަގަނޑު ދުރު ނުކުރީ؟" ސަލްމާ އެއްސެވިއެވެ.

"އެއީ މާ ބޮޑު ބިޔަ ހިލައެއް. ސަތޭކަ މީހުންނަށް ވެސް އެ ހިލަ ގުޑުވައި ލެވޭނެ ކަމެއް ނޭނގޭ. ވީ އިރު، ކިހިނެއް ތޯ ތިިން މީހަކު ވެގެން އެ ހިލަގަނޑު ދުރު ކުރާނީ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ދެން ވީ ކިހިނެއް؟" ސަލްމާ އެއްސެވިއެވެ.

"އެ ބައި އެނގި ވަޑައިގަންނަވާނީ ކާފައަށް. އަޅުގަނޑުމެން ވެސް މި އިންތިޒާރު ކުރަނީ އެ ބަޔަށް މަންމާ!" އަމީރާ ޞަފާ ވިދާޅުވިިއެވެ.

"ރަނގަޅު. އަވަހަށް އިށީނދޭ. ކާފަ ތިޔަ ކުދީންނަށް ކިޔައި ދޭނަން ދެން ވީ ގޮތް." ގާޒީ ޞަފިއްޔުއްދީނު އެހެން ވިދާޅުވެފައި ވާހަކަ ކިޔައި ދެއްވާާން ފެއްޓެވިއެވެ.

*****

ހޮހޮޅައަށް ވަންނާން ހުރި އާނގަ އެއްކޮށް ވަނީ އެ ބިޔަ ހިލަގަނޑުގެ ސަބަބުން ބަންދު ވެފައެވެ. ވައި ވަންނާނެ ތަންކޮޅެއް ވެސް އަދި އަލިކަމެއް ވަންނާނެ މިންވަރު ވެސް ހުޅުވިފައެއް ނެތެވެ.

"އަހަންނާ އެކު މި ހިލަ ދުރަށް ޖެއްސޭ ތޯ މަސައްކަތް ކޮށް ބަލަ!" ހިލަގަނޑުގައި ދެ އަތް އަޅައި ކޮއްޕޭ ތޯ މަސައްކަތް ކުރަމުން ޒިޔާދު ބުންޏެވެ.

"އަހަރެމެން އެތައް ފަހަރަކު މަސައްކަތް ކޮށްފިން. ވީ ކަމެއް ނެތް." ޢައްމާރު ބުންޏެވެ.

"މިހާރު ހޮހޮޅައިގެ ތެރެ ހޫނު ވާން ވެސް ފަށައިފި. ރޯކޮށްފައި ހުރި އަލިފާނުގެ ސަބަބުން ހޮހޮޅައިގެ ތެރޭގައި ނޭވާލާން ހުރި ވައިކޮޅު ވެސް ހިނދި ހުސްވަނީ." ރާބިޙު ބުންޏެވެ.

"ކުރީން އަހަރެމެން އުޅޭން ޖެހުނީ ފިނީގެ ސަބަބުން ކެތް ނުވެގެން. މިހާރު ހޫނުގެ ސަބަބުން ކެތް ނުވެގެން." ޒިޔާދު ބުންޏެވެ.

"އަލިފާން ނިއްވާލާ!" ޢައްމާރު ބުންޏެވެ.

"އެކަމަކު އަލިފާން ނިއްވާލައިފިއްޔާ އަނދިރިކަމުން ގޮސް އެއްވެސް ތަނެއް ނުފެންނާނެ." ޒިޔާދު ބުންޏެވެ.

"މި ތަނުގެ ތެރެ ހުރި ގޮތް އަހަރެމެންނަށް ވަނީ ފެނިފަ. ކޮންއެއްޗެއް ހުރީ ކޮންތަނަކު ކަން އަހަރެމެންނަށް އެނގޭ. އަހަރެމެން އެކަކު އަނެކަކު އަހަރެމެންނަށް ވަނީ ފެނިފަ. ވާހަކަ ދައްކާ އަޑުން ކާކަކީ ކާކު ކަން އެނގޭނެ. ވީމާ މި ވަގުތު ކޮންމެހެން އަލިކަމެއް ބޭނުމެއް ނޫން. ނޭވާ ލާން ބޭނުން ކުރާ ފުރާނަވަޔަކީ އަލިފާން އެނދުމަށް ވެސް ބޭނުން ވާ އެއްޗެއް. ރާބިޙު ބުނި ހެން އަލިފާނުގެ ސަބަބުން ފުރާނަވައިކޮޅު ހުސް ވެދާނެ." ޢައްމާރު ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް