ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 24

"ކިހިނެއް މި ވަނީ؟ ބިންހެލުމެއް ތަ؟" ރާބިޙު ކަންބޮޑުވުމާ އެކު ޢައްމާރު ކުރެން އެހިއެވެ.

"ހިލަތަކެއް ފައިބައި ގަތް އަޑު. ސުބްޙާނަ ﷲ. މި ހޮހޮޅައަށް ވަންނަން ހުރި ތަން އެ ބަންދު ވީ." ހޮހޮޅައަށް ވަންނާން ހުރި އާނގައާ ދިމާއަށް ބަލާން ހުރި ޢައްމާރަށް ބުނެވުނެވެ. އަދި ބުންޏެވެ.

"ހިނގާ އެ ހިލަގަނޑު ދުރަށް ލެވޭ ތޯ ބަލަމާ."

"ކޮން ހިލައެއް؟" ރާބިޙު އެހިއެވެ.

"ތެދުވެ ބަލަ! އަހަންނާ އެކު ހިނގާ ބަލަ އެ ހިލަގަނޑު ދުރަށް ލެވޭ ތޯ؟ ނުވަތަ މި ތާ ތެރޭ ތިބެ މަރު ވާން ތަ ބޭނުމީ؟" ޢައްމާރު އަނެއްކާ ވެސް ބުންޏެވެ. "ހާދަ ބޮޑު ހިލަގަނޑެކޭ. ހިނގާ ބަލަ އެއްމެން އެއް ފަރާތަކުން ކޮއްޕަމާ!"

"ތިޔަ ހިލަގަނޑު ގުޑުވައި ލެވޭނެ ބާރެއް އަހަރެމެންގެ ކިބަޔަކު ނެތް. ތިޔައީ ތިން މީހުންނަށް ގުޑުވައި ލެވޭ ވަރަށް ވުރެ ބޮޑު ހިލަގަނޑެއް." ރާބިޙު ބުންޏެވެ.

"އޭރު ގެނައި ދަނޑިގަނޑު ދީ ބަލަ!" ޢައްމާރު ބުންޏެވެ.

"އެ ދަނޑިގަނޑުން ކީއް ކުރެވޭނީ." ރާބިޙު އެހިއެވެ.

"މާ ގިނަ ވާހަކަ ނުދައްކައި ބުނާ ގޮތަށް ހަދާ ބަލަ! ދަތުރުގެ އާރުކާޓީއަކީ އަހަންނެއް ނޫން ތަ؟ މަތާ ލައިގެން ވެސް މި ހިލަގަނޑު ދުރު ކުރެވޭ ތޯ! އަދި އުފުއްލާލައިގެން މި ހިސާބަށް ގެނެވޭނެ އެންމެ ބޮޑު ހިލައެއް ގެނޭ." ޢައްމާރު ބުންޏެވެ.

"އާނ. މި ގެންނަނީ." ރާބިިޙު ބުންޏެވެ.

"ތިޔަ ހިލަގަނޑު ތި ތާ ބާއްވާ!" ޢައްމާރު ބުންޏެވެ.

"ވާން އުޅޭ ގޮތެއް އަދި އަހަންނަކަށް ނުވިސްނޭ!" ހައިރާން ވެފައި ހުރި ޒިޔާދު ބުންޏެވެ.

"މި ހިލައާއި ދަނޑިގަނޑު ބޭނުން ކޮށްގެން މަތާ ލައިގެން އެ ހިލަގަނޑު ދުރު ކުރެވޭ ތޯ މި އުޅެނީ." ޢައްމާރު ބުންޏެވެ.

"ދަނޑިގަނޑު އެ ދިޔައީ ބިންދައިގެން. އަހަރެންގެ އަތަށް ތަދު ވެސް ވެއްޖެ. ވެލިފުކެއްގެ މިންވަރު ވެސް އެ ހިލަގަނޑު ދުރެއް ނުވޭ." ރާބިޙު ބުންޏެވެ.

"ދެން ކުރާނީ ކީއް؟" ޒިޔާދު އެހިއެވެ.

"އަހަންނަކަށް ނޭނގޭ." ޢައްމާރު ބުންޏެވެ.

"ކީއް ވެ ނޭނގޭން ވީ. ތިޔައީ އަހަރެމެންގެ އާރުކާޓީއެއް ނޫން ތަ؟" ރާބިޙު ބުންޏެވެ.

"މިހާރު ކަލޭމެންނެކޭ އަހަންނެކޭ ތަފާތެއް ނެތް. ކަން ކުރާނެ ގޮތް އެނގުނަސް އެ ކަމަށް ބޭނުން ވާ ސާމާނާއި ބާރު ނެތިއްޔާ އާރުކާޓީއަކަށް ވެސް ދެއްކޭނެ މަގެއް ނޯންނާނެ." ޢައްމާރު ބުންޏެވެ.

"ދެނޯ؟" ކަންބޮޑުވުން އެކުލެވިފައި ވާ ރާގެއްގައި ޒިޔާދު އެހިއެވެ.

"އަހަރެމެން ތިން މީހުން މި ތިބީ މި ހޮހޮޅައިގެ ތެރޭގައި ބަންދު ވެފައި." ޢައްމާރު ބުންޏެވެ.

"ތީގެ މާނައަކީ ... ދެން ނިމުނީއޭ ތަ؟ ގޮސް ހުސް ވީއޭ ތަ؟ ކޮންމެވެސް ގޮތެއް އޮންނާނެ. ކޮންމެވެސް އެއްޗެކޭ ބުނެ ބަލަ، ރާބިޙު!" ޒިޔާދު ބުންޏެވެ.

"އޭ އެކުވެރިޔާ! ﷲ މިންވަރު ކުރެއްވި ކަމަކާ މެދު އަހަރެން ބުނާނީ ކީކޭ." ރާބިޙު ބުންޏެވެ.

*****

"ހާދަ ބޮޑު ބަދުނަސީބެކޭ!" އަމީރާ ޞަފާ ވިދާޅުވިއެވެ.

"ދަރިފުޅާ ޞަފާ! އެއީކީ ބަދުނަސީބެއް ނޫން. އެއީ ﷲ އެމީހުންނަށް ކުރިމަތި ކުރެއްވި އިމްތިހާނެއް. ﷲ އެއިލާހުގެ އަޅުތަކުންނަށް ކުރިމަތި ކުރައްވާ އިމްތިހާނުތަކުގެ ތެރެއިން އިމްތިހާނެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަހަރެމެންނަށް އިމްތިހާނެއް ކުރިމަތި ކުރައްވައިފި ނަމަ އަހަރެމެން ކިހިނެއްތޯ ހަދާން ޖެހެނީ." އަމީރު މުޙައްމަދު އެއްސެވިއެވެ.

"އޮތީ ކެތްތެރި ވުން. މަރު ވުމަކީ ނިމުމެއް ނޫން ކަން ހަނދާން ކުރުން. ﷲ މިންވަރު ކުރެއްވި ގޮތަކާ މެދު ރުހުން. މުސްލިމުންނަށް ﷲ ކޮންމެ ކަމެއް ވެސް މެދުވެރި ކުރައްވަނީ އެއަށް ވުރެ ބޮޑު ނުރައްކަލަކުން މިންޖު ކުރެއްވުމަށް ކަން ގަބޫލު ކުރުން. އަދި އޭނާގެ ކިބައިން އުނދަގޫތަކާއި މުސީބާތްތައް ދުރު ކުރެއްވުމަށާއި ދުނިޔެއާއި އާޚިރަތުގައި ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދި އަދަބުވެރިކަމާ އެކު ﷲ އަށް ދުޢާ ކުރުން. ބަޤަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ހަވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައި ވަނީ - އަދި ތިމަންއިލާހާ މެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންއިލާހު އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންއިލާހުގެ އަޅުން) ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން އިލާހަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. (186)- ޞަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ޔާ އަކްރަމަލް އަކްރަމީން! މިއަޅާގެ ކާފަގެ ބައްޔަށް ޝިފާ ދެއްވައިފާނދޭ! އާމީން. ލާ-އިލާހަ އިއްލާ އަންތަ ޔާ ރައްބަލް ޢާލަމީން." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އާމީން!" އަމީރާ ޞަފާގެ ދުޢާއަށް ގާޒީ ޞަފިއްޔުއްދީނު އާމީން ވިދާޅުވިއެވެ.

"ދެން ކާފާ ވިދާޅު ވެ ދެއްވަ ބައްލަވާ! ހޮހޮޅައިގައި ބަންދު ވީ މީހުންނަށް ވީ ކީއް ކަން." އަމީރު މުޙައްމަދުގެ ޝައުގުވެރިކަން ހުރީ ކާފަ ކިޔައި ދެއްވި ވާހަކައިގެ ދެން އޮތް ބަޔަށެވެ.

"ދަރިފުޅާ! އެމީހުންގެ ވާހަކަ މި ވަގުތަކު ނިންމައެއް ނުލެވޭނެ. މާދަމާ އެ ވާހަކައިގެ އިތުރު ބައެއް ކިޔައި ދޭނަން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

*****

"ބައްޕާފުޅާ! އަޅުގަނޑާ ވާހަކަ ދައްކަވަ ބައްލަވާ! ތިޔަ ބަލީގެ ކުރިމަތީގައި ހިތްވަރުފުޅު ބަލި ނުކުރައްވާ!" ސުލްޠާން ސަލީމުގެ އޮންނެވި އެނދުދާންކޮޅުގެ ކައިރީގައި ހުންނަވައިގެން އަމީރު މުރާދު ވިދާޅު ވަމުން ގެންދެވިއެވެ.

"ޚާލިދު! ބައްޕާފުޅު އަވަހާރަލައްޕަވާން ބާއްވަވާ!" ސަލްމާ ވިދާޅުވިއެވެ.

"އެއީކީ އަވަހާރަ ލެއްޕެވުމެއް ނޫން. ބައްޕާފުޅުގެ ހޭފުޅެއް ނެތް." އަމީރު މުރާދު ވިދާޅުވިއެވެ.

"އަޅުގަނޑާ އެކު ވަޑައި ގަންނަވާ! ވާހަކަ ދައްކާލަން ބޭނުން. ހަމަޖެހިވަޑައިގެން ނަފްސުގެ މައްޗަށް ބާރު ހިންގެވުމަކީ މަނިކުފާނުގެ މައްޗަށް ވެސް ލާޒިމު ކަމެއް. އެހެން ނޫނީ ނަފްސާނީ ގޮތުން ބަލިކަށި ވެ ވަޑައި ގެންފާނެ." އަމީރު މުރާދުގެ އަތްޕުޅުގައި ހިއްޕަވަމުން ސަލްމާ ވިދާޅުވިއެވެ.

"ބޭސްވެރިޔާއަށް އެއްވެސް ކުރިއެރުމެއް ނުހޯދިގެން އުޅެނީ ކީއްވެ؟" އަމީރު މުރާދު ވާހަކަ ދައްކަވަމުން ގެންދެވިއެވެ.

"ޔަގީން ކުރައްވާ! ކޮންމެ މީހަކު ވެސް އެ ދަނީ އެމީހަކަށް ކުރެވޭން އޮތް ކަމެެއް ކުރަމުން." ސަލްމާ ވިދާޅުވިއެވެ.

"ދެން ކޮބައިތޯ ނަތީޖާއަކީ؟" އަމީރު މުރާދު އެއްސެވިއެވެ.

"ކޮންމެ އުނދަގުލަކަށް ފަހު ދެން އަންނާނީ ފަސޭހައެއް. އިންޝާ ﷲ. އަހަރެމެންނަށް އޮތީ ދުޢާ ކުރުން." ސަލްމާ ވިދާޅުވިއެވެ.

"ތެދުފުޅެއް. އަހަރެމެންނަށް އޮތީ ދުޢާ ކުރުން." އަމީރު މުރާދު ވިދާޅުވިއެވެ.

"އަދި މަނިކުފާނުގެ ޒިއްމާއާއި މަސްއޫލިއްޔަތު މި ވަގުތު ވަރަށް ބޮޑު. ބައްޕާފުޅުގެ އާލާސްކަންފުޅުގެ ވަގުތުގައި ވެރިކަމުގެ ހުރިހާ ކަމެއް ކުރައްވާން ޖެހި ވަޑައި ގެންފައި ވަނީ މަނިކުފާނު. ވީމާ ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމުގެ މައްޗަށް ހާއްސަ ސަމާލުކަމެއް ދެއްވާން އެބަ ޖެހި ވަޑައި ގަންނަވާ. މި ވަގުތު ބައްޕާފުޅުގެ އާލާސްކަންފުޅުގެ ސަބަބުން ޖެހި ވަޑައި ގެންފައި ވާ ހިތާމަފުޅުގައި ހިތްވަރުފުޅު ގަދަ ނުކުރައްވައިފި ނަމަ ރައްޔިތުންގެ ރައްޔިތުންގެ ކަންކަމުގައި ފަރުވާ ކުޑަ ކުރެއްވިދާނެ." ސަލްމާ ވިދާޅުވިއެވެ.

"ކިހިނެއް އަހަރެން ހިތްވަރު ގަދަ ކުރާނީ. ބައްޕާފުޅު އެ ހާލުކޮޅުގައި އޮންނަ މަންޒަރު ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން. މުސްތަހީލު!" އަމީރު މުރާދު ވިދާޅުވިއެވެ.

"ތިޔަ ހެން ވިދާޅު ނުވޭ! ހިތްވަރުފުޅު ގަދަ ކުރައްވާން އެބަ ޖެހި ވަޑައި ގަންނަވާ." ސަލްމާ ވިދާޅު ވިއެވެ.

"ވަޒީރު އެ ގެންދަވަނީ ހުރިހާ ކަމެއް ބައްލަވަމުން، ކަންކަން ހިންގަވަމުން. އަހަރެން ހުންނާނީ ބައްޕާފުޅުގެ އަރިހުގަައި." އަމީރު މުރާދު ވިދާޅުވިއެވެ.

"ވަޒީރުންނަކީ ކަންކަން އަމިއްލައަށް ނިންމަވާ ބޭފުޅުންނެއް ނޫން. އެންގެވީމާ އަންގަވާ ދާއިރާއަކުން އަދި ދެއްވި އިހުތިޔާރަކާ އެކު ކަންކަން ހިންގަވާން ތިއްބަވާ ބޭފުޅުން އެއީ." ސަލްމާ ވިދާޅުވިއެވެ.

"މި ވަގުތު އަހަރެން ވަނީ އިސް ވަޒީރަށް ހުރިހާ ބާރެއް ދީފައި." އަމީރު މުރާދު ވިދާޅުވިއެވެ.

"އިސް ހޫރުފާފުޅު އަދި މަތިވެރި ޒައީމު އަރްތުޣްރުލް އާއި އިސް މުނިކާފާފުޅު ސުލްޠާން އުސްމާން އާއި އިސް ކާފާފުޅު ސުލްޠާން މުޙައްމަދު އަލްފާތިޙު ބިނާ ކުރެއްވި މި ދައުލަތް އެހެން ޚާންދާނަކުން އައިސް ހުރި ވަޒީރެއްގެ އަތް މައްޗަށް ދޫކޮށް ނުލައްވާތި!" ސަލްމާ ވިދާޅުވިއެވެ.

*****

"ވާރު ޚަރާޖު ނަގައި އެއް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ލަސް ވަނީ ކީއްވެ؟" އަމަނުގެ ވެރިޔާ މުފްތާޙާ އިސް ވަޒީރު ސުވާލު ކުރެއްވިއެވެ.

"މަތިވަރު ކަނޑާ ދުވަސްވަރު ޖެހޭން ދެން އަޅުގަނޑުމެން މަޑު މި ކުރަނީ. ދަނޑުވެރީންނަށް ބުރަ ނުވެ ދައުލަތަށް ދެއްކުމަށް ނެރޭން ޖެހޭ ޚަރާޖުގެ ކަންކަން ފަސޭހަކަމާ އެކު ކުރިޔަށް ގެންދެެވޭނީ އޭރުން ކަމަށް ފެންނާތީ. އަދި މިއަދާ ހަމަޔަށް އަމަލު ކުރަމުން އަންނަނީ ވެސް އެހެން ކަމަށް ވާތީ." އަމަނުގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ.

"މި ވަގުތު ވެރިކަމުގެ ހުރިހާ ކަމެއް މި ހިންގަނީ އަހަރެން. އަހަރެން ނާންގަން ލަސް ކުރާކަށް." އިސް ވަޒީރު ވިދާޅުވިއެވެ.

"މި ދިޔަ އަހަރު ވެސް ޚަލީފާ ވިދާޅު ވީ އެ ގޮތަށް ކުރިޔަށް ގެންދާން." މުފްތާޙު ވިދާޅުވިއެވެ.

"އެއީ އިސްތިސްނާ ހާލަތެއް ދިމާ ވެގެން ޚަލީފާ އެންގެވި އިސްތިސްނާ އެންގެވުމެއް. އަދި މި ވަގުތު ކަންކަން ހިންގަވާން ހުރީކީ ޚަލީފާއެއް ވެސް ނޫން އަދި ވަލީއަހުދެއް ވެސް ނޫން. މީގެ ފަހުން ވެސް ހަނދާނުގައި ބަހައްޓާތި! ވާރު ޚަރާޖުގެ ކަންކަން ނިންމާން ޖެހޭ ވަގުތަކީ މާލީ އަހަރު ފެށުމުގެ މަސް ދުވަސް ކުރި ކަން. މިހާރު މި ވަނީ މާލީ އަހަރު ފެށޭން އެއްމެ ދެ ހަފްތާއަށް ވެފައި. މި ވަގުތު އަހަރެންގެ ކޮނޑުގައި އެޅިފައި ވާ މަސްއޫލިއްޔަތެއް ދައުލަތުގެ ކަންކަން ރަނގަޅަށް ގެންދިއުމަކީ. ދައުލަތުގެ އިސް ބޭފުޅުންގެ މުސާރަތައް ވަގުތަށް ދެވޭ ކަން ކަށަވަރު ކުރާން ޖެހޭ." އިސް ވަޒީރު ވިދާޅު ވިއެވެ.

"ޚަލީފާ ވިދާޅު ވަނީ ރައްޔިތުންނަށް ބުރައަކަށް ނުވާ ގޮތަށޭ ދައުލަތުގެ ޚަރަދުތައް ކުރުމަށް ފައިސާ ހޯދާން ވާނީ." މުފްތާޙު ވިދާޅުވިއެވެ.

"ކިތައްމެ ބައިވަރެއް ހުއްޓަސް ދައުލަތަށް ދައްކާން ޖެހޭ ޚަރާޖު ނެރޭން ވީމާ މީހުން ތިބޭނީ ބުރަ ވެފަ. ވީމާ އަވަސް ކުރޭ." އިސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ތިޔަ ވާހަކަފުޅާ އެއްބަސް. އެކަމަކު މި ވަގުތު މީހުންގެ އަތުގައި އެއްޗެއް ނެތް ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނެތް އެއްޗަކުން ކިހިނެއްތޯ އެމީހުން ޚަރާޖު ނެރޭނީ." މުފްތާޙު އަނެއްކާ ވެސް ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް