ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 23

"އެހެންވީމާ ބޭސްކުރުން ނޫން އިތުރު ކަމެއް އަހަރެމެންނަކަށް ނުކުރެވޭނެ. އެހެން ނޫންތޯ؟" އަމީރާ ޞަފާ ވިދާޅުވިއެވެ.

"އާނ. ދަރިފުޅާ! ކުރެވޭނެ އިތުރު ކަންކަން އެބަ ހުރި. ދުއާ ކުރުމާއި ކާފައަށް ހެޔޮ އެދިގެން ސަދަގާތް ކުރުން. ދަރިފުޅުމެންގެ އެ ކާފައަކީ ސޯލިހު ބޭފުޅެއް. އެމަނިކުފާނުގެ ހެޔޮ އަމަލުތަކަށް ޓަކައި ވެސް ﷲ އެމަނިކުފާނަށް ޝިފާ ދެއްވުން ގާތް. ހިނގާ އެ ކާފައަށް ޝިފާ ދެއްވުން އެދި ﷲއަށް ދުއާ ކުރަމާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ހެޔޮ އަމަލުތަކުގެ ބަދަލުގައި މި ދުނިޔޭގެ ކަންކަން ވެސް ފުއްދަވައި ދެއްވާ ތޯ؟ އަޅުގަނޑަށް ހީ ވެފައި އޮންނަ ގޮތުން ހެޔޮކަމުގެ ބަދަލު ލިބޭނީ އާޚިރަތުގައި." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ނޫނޭ ދަރިފުޅާ! ދުއާ ކުރާ އިރު ވެސް އެމީހަކު ކޮށްފައި ހުންނަ ސޯލިހު އަމަލުތައް މެދުވެރިކޮށް ދުއާ ކުރެވޭނެ. ތިޔަ ދެ ކުދީންނަށް އެ ކަން ރަނގަޅަށް ފަހުމު ވާނޭ ފަދަ ވާހަކައެއް ކާފަ ކިޔައި ދޭނަން. މި ވާހަކަ ﷲގެ ރަސޫލާ ވެސް ވަނީ އެކަލޭގެފާނުގެ ސަހާބީންނަށް ކިޔައި ދެއްވާފައި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

*****

އެއީ މުޙައްމަދު ނަބިއްޔާ ނަބީކަމާއިގެން ފޮނުއްވުމުގެ ކުރީގެ ހާދިސާއެކެވެ. އެއީ ތިން ދަތުރުވެރިއެއްގެ ވާހަކައެވެ.

"މިއީ ހާދަ އަޖައިބު ދުވަހެކޭ. ވާރޭ ވެހެނީ ތުނިކޮށް. އެކަމަކު ..." ޒިޔާދު ބުންޏެވެ.

"އާނ! ވާރޭ ވެހެނީ ތުނިތުނިކޮށް. އެހެންނަމަވެސް މުޅި އުޑުމަތި ވަނީ ބޯ ވިލާތަކުން ފުރިފަ. މެންދުރުގެ ވަގުތު ކަމަށް ވުމާ އެކު ވެސް އަލިކަމެއް ނެތް. އަނދިރިކަމުން ރަނގަޅަށް ތަނެއް ފެންނަނީ ކީ ނޫން." ރާބިޙު ބުންޏެވެ.

"ވިދުމާ އެކު ގުގުރާން ވެސް ފަށައިފި. އަދި ވާރޭ ވެސް ބޯކޮށް ވެހޭން ފެށުމުގެ ކޮޅުމަތި އެބަ ފެނޭ. އަވަހަށް އެހެރަ ފަރުބަދައިގެ ކައިރިއަށް ދަމާ ހިނގާ! އަހަރެމެންގެ ދަތުރުގެ އާރުކާޓީ ޢައްމާރު މި ކަމާ މެދު ބުނަނީ ކީކޭ؟" ޒިޔާދު ބުންޏެވެ.

"އޭނާ އެއްޗެކޭ އެބަ ކިޔާ. އެކަމަކު އޭނާ ދައްކާ ވާހަކަ އަހަންނަށް ރަނގަޅަކަށް ސާފެއް ނުވޭ. ވާރޭ ވެސް ބޯކޮށް ލައިފި. އޭނާ އިޝާރާތުން އެބަ ބުނޭ އަންނާށޭ. ހިނގާ އަވަސް ކުރަމާ!" ރާބިޙު ބުންޏެވެ.

ތިން މީހުން ވެސް ދުއްވައިގަތީ ވަރަށް ކައިރީގައި ހުރި ފަރުބަދައަކާ ދިމާއަށެވެ. އެ ހިސާބަށް ދެވުމުން ރާބިޙު އެހިއެވެ.

"މޫސުމަށް ބަލާ އިރު އަހަރެމެން މި ތަނުގައި ގިނަ އިރުތަކެއް ވާން ދެން ތިބޭން ޖެހޭނެ ހެން ހީވޭ ތަ؟"

"މިއީ މޫސުމީ ކަމަކަށް ވުރެ ނުމޫސުމީ ކަމެއް. ވީމާ އެއްޗެއް ބުނާކަށް ނޭނގޭ. މިހާ ބޯކޮށް ވާރޭ ވެހޭން ފެށުމުން ފަރުބަދަ މަތީން މާ ގިނަ އިރެއް ނުވަ ވަރަށް ގަދައަށް ފެންގަނޑު ދެމިގެން އަންނާން ފަށާނެ. އެއާއެކު ހިލަތައް ވެސް ފައިބައި ގަންނާނެ. ވީމާ މިހެން ފަރުބަދަ ކައިރީގައި ބޭރުގައި ތިބުން ރައްކާތެރިިއެއް ނޫން." ޢައްމާރު ބުންޏެވެ.

"އަހަރެން ލައިގެން މިހިރަ ހެދުން ވެސް އެއްކޮށް ތެމި ފޯ ވެއްޖެ. ރޯގާ ޖެހި ދާނެތީ ވެސް ބިރު އެބަ ގަނޭ." ޒިޔާދު ބުންޏެވެ.

"އަހަރެން ވެސް ބިރު އެބަ ގަނޭ. ލާ ޙައުލަ ވަލާ ޤުއްޥަތަ އިއްލާ ބިﷲ!" ރާބިޙު ހެޔޮ އެއްޗެއް ކިޔޭ ތޯ ބެލިއެވެ.

"ވިދުމަކީ އޭގެ ބިރުވެރިކަން މާ ބޮޑު ކަމެއް. އެހެނީ ވިދުމާ އެކު ހޮނު އަޅައި ފާނެ. މީހެއްގެ ގަޔަށް ހޮނު އަޅައިފި ނަމަ އެ މީހަކު ވަގުތުން މަރުވާނެ." ޢައްމާރު ބުންޏެވެ.

"ރައްބީ! އަޅަމެން ރައްކާތެރި ކުރައްވާނދޭ. ނެތްތަ އަހަރެމެން ވަދެ ތިބޭނެ ރަނގަޅު ހޮހޮޅައެއް ވެސް." ޒިޔާދު އެހިއެވެ.

"އެހެރަ އުސްތަނުގައި ރަނގަޅު ހޮހޮޅައެއް ހުންނާނެ. އެކަމަކު އަހަރެމެންގެ ޖަމަލުތަކުގައި އަހަރެމެންނަކަށް އެ ތަނަކަށް ނޭރޭނެ." ޢައްމާރު ބުންޏެވެ.

"ތިރީގައި ޖަމަލުތައް ރަނގަޅަށް ބަނދެފައި. އަހަރެމެން ހޮހޮޅައަށް ވަންނާން ދާނީ." ރާބިޙު ބުންޏެވެ.

"ޖަމަލުތަކަށް ދެރަ ގޮތެއް ވުމަކީ ވެސް އެކަށީގެން ވާ ކަމެއް." ޢައްމާރު ބުންޏެވެ.

"މި ވަގުތު ވިސްނާން ވީ ޖަމަލުތަކަށް ދެރަ ގޮތެއް ވެދާނެ ތޯއާ މެދަކު ނޫން. އަހަރެމެންގެ ފުރާނަ ސަލާމަތް ކުރެވޭ ތޯ ބަލާން ވީ. ހީ ކަރުވައިގެން ގޮސް އަހަރެން މިހާރު ވެސް މިހިރަ ހަލާކު ވަނީ." ޒިޔާދު ބުންޏެވެ.

"އާނ! އެ ދިމާއަށް ހިނގައި ގަނޭ. މި ޖަމަލުތައް ބަނދެފައި އަހަރެން މި އަންނަނީ." ޢައްމާރު ބުންޏެވެ.

"އަހަރެން ކުޑަކޮށް ހަށިގަނޑަށް ލުއި ކުރި ކުރުމުގެ ގޮތުން ބައެއް އެއްޗެހި މި ތަނަށް ދޫ ކޮށް ލާނަން. ހަމައެކަނި ކިރު އަޅާފައި އޮތް ހަން އަހަރެން ގެންދާނީ." ރާބިޙު ބުންޏެވެ.

"އަހަރެން ގެންދާން އޮތީ މި ނުވަ ގުޅަ. އަހަރެމެން ކޮންމެ މީހަކަށް ތިން ގުޅަ." ޒިޔާދު ބުންޏެވެ.

"އަހަރެން ގެންދާނަން ބޯ ފެން އަޅާފައި ހުރި ހަމެއް." ޢައްމާރު ބުންޏެވެ.

"ހިނގާ އަވަހަށް އަރަމާ!" ޒިޔާދު ބުންޏެވެ.

"ވަރަށް ބަލައިގެން އަރާތި. އެހެން ނޫނީ ކައްސާލަފާނެ." ޢައްމާރު ބުންޏެވެ.

"އަހަރެންގެ މުޅި ހަޔާތުގައި ވެސް މިފަދަ ވާރެއެއް ނުދެކެން." ޒިޔާދު ބުންޏެވެ.

މައްޗަށް އަރަމުން ދަނިކޮށް ރާބިޙުގެ ފައި ކައްސާލިއެވެ. ނަސީބަކުން މަތީގައި ހުރި ހިލަގަނޑެއްގައި އޭނާގެ އަތް ޖެހުނެވެ. އެ ވަގުތު ޢައްމާރު އޭނާގެ ހިމުގައި އައްސާފައި ހުރި ވާގަނޑު ތިރިއަށް އެެއްލިއެވެ. އަދި ރާބިޙު އެ ވާގަނޑުގެ އެހީގައި މައްޗަށް އެރިއެވެ.

"ފިނިގަދަކަމުން ގަނޑުވެދާނެހެން ހީވަނީ." ޒިޔާދު ބުންޏެވެ.

"އަން. ވާގަނޑުގައި ހިފައިގެން އެރޭ ތޯ ބަލާ!" ޒިޔާދަށް ވާގަނޑުގެ ކޮޅު އެއްލަމން ޢައްމާރު ބުންޏެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! މި ވާގަނޑު ދިއްކޮށް ނުލި ނަމަ އަހަރެންނަކަށް މައްޗަކަށް ނޭރުނީސް." ޒިޔާދު ބުންޏެވެ.

"މިހާރު އަހަރެމެންނަށް މި ތިބީ މި ފަރުބަދަގަނޑުގެ ކުންނަށް އެރިފައި. ހޮހޮޅަ އެހެރީ އެ އޮތް ބޮޑު ހިލައިގެ ދަށުގައި." ޢައްމާރު ބުންޏެވެ.

"ހޮހޮޅައާ ދިމާއަށް ނުގޮސް ކީއް ތިޔަ ކުރަނީ." ޢައްމާރު ކުރެން ރާބިޙު އެހިއެވެ.

"އަހަރެން މި އުޅެނީ އަލިފާން ރޯ ކުރާން މި ތަނުން ލަކުޑިކޮޅަކާއި ކުދި ހިލަކޮޅުތަކެއް ހޮވަން." ޢައްމާރު ބުންޏެވެ.

"ތިޔައީ ބޭކާރު ކަމެއް. ހުރިހާ އެއްޗެއް އެހެރީ ތެތްކޮށް." ރާބިޙު ބުންޏެވެ.

"ތި ދެ މީހުން ދޭ ހޮހޮޅައަށް. އަހަރެން މި ދަނީ." ޢައްމާރު ބުންޏެވެ.

"އެ ހޮހޮޅައިގެ ތެރޭގައި ހަރުފައާއި ނަގުލަންދާށި ނުވަތަ އޭޭގެ ތެރެއިން އެއް ވައްތަރު ނަމަވެސް ނޫޅޭނެ ތަ؟" ރާބިޙު އެހިއެވެ.

"ނަގުލަންދާށްޓެއްގެ ކަށި ޖެހުން ވެސް މި ގަދަ ފިންޏަށް ވުރެ ވޭން ކުޑަ ވާނެ. އަހަރެން މި ދަނީ ވަންނާން." ޒިޔާދު ބުންޏެވެ.

"އަހަރެން އެހީތެރި ވެ ދެން ތަ؟" ޢައްމާރު ކުރެން ރާބިޙު އެހިއެވެ.

"ބޭނުން ވާ ތަކެތި އަހަރެން ހޯދައިފިން." ޖަވާބުގައި ޢައްމާރު ބުންޏެވެ.

"އަހަރެން މި ދަނޑިގަނޑު ވެސް ގެންދާނަން. ހަރުފަ ފަދަ އެއްޗެއް އުޅެންޏާ މީގެ ބޭނުން ޖެހިދާނެ." ރާބިޙު ބުންޏެވެ.

"މައްސަލައެއް ނެތް. ހިނގާ އަވަހަށް ހޮހޮޅައަށް ވަންނަމާ!" ޢައްމާރު ބުންޏެވެ.

"މިއީ އަމާން އަދި ތަނަވަސް ހޮހޮޅައެއް. ހަމަ ގައިމުވެސް ހަރުފައެއް ނެތް. ނަގުލަންދާށި ވެސް އުޅޭ ހެނެއްް ހިއެއް ނުވޭ." ހޮހޮޅައަށް ވަދެ އެތެރެއަށް ނަޒަރު ހިންގާލަމުން ރާބިޙު ބުންޏެވެ.

"އެއީ ކޮން އެއްޗެއް؟" ޒިޔާދު އެހިއެވެ.

"އަހަންނަށް ހީވަނީ އެއީ ކޮންމެވެސް ދޫންޏެއްގެ ދުވަސް ވީ ހާއްޔެއް ހެން." ރާބިޙު ބުންޏެވެ.

"ރަނގަޅު. އަހަރެމެން އަލިފާން އެންދުމަށް ދަރުގެ ގޮތުގައި ބޭނުން ކުރެވޭނެ." ޢައްމާރު ބުންޏެވެ.

"ފިނިކަމުން އަހަރެން މި އޮތް ގަނޑުވަނީ." ޒިޔާދު ބުންޏެވެ.

"ކެތްތެރިވޭ! އަދި ހިތްވަރު ބަލި ނުކުރޭ. ޢައްމާރު އެ މަސައްކަތް ކުރަނީ އަލިފާން ރޯ ކުރާން." ރާބިޙު ބުންޏެވެ.

"އަލްޙަމްދު ލި ﷲ. އަލިފާން ރޯ ކުރެވިއްޖެ. ވާރޭ ހުއްޓާލައި މޫސުން ރަނގަޅު ވާން ދެން އަހަރެމެންނަށް މި ތަނުގައި ތިބެވޭނެ." ޢައްމާރު ބުންޏެވެ.

"އާހ. އާހ. ކޮންމެވެސް ވަރަކަށް އަހަރެންގެ ހަށިގަނޑަށް ހޫނުކަން ލިބޭން ފަށައިފި. އަލްޙަމްދު ލި ﷲ." ޒިޔާދު ބުންޏެވެ.

"އަހަރެމެންގެ އާރުކާޓީ ޒިޔާދުގެ މައުލޫމާތުގެ މުއްސަނދިކަން ވަރަށް ބޮޑު. މި ތަނުގައި ހޮހޮޅައެއް ހުންނާނެ ކަން އެނގޭނީ މި ހިސާބަށް ވަރަށް ފަރިތަ މީހަކަށް. ކާމިޔާބު ދަތުރަކަށް ފުރާން ވާނީ މޮޅު އާރުކާޓީއަކު ކުއްޔަށް ހިފައިގެންނޭ މީހުން ބުނޭ. އެންމެ މޮޅު އާރުކާޓީއަކީ އެންމެ ރަނގަޅަށް ތަންތަން ދަންނަ އަދި އެންމެ ގިނަ ބަހުރުވަ ދަންނަ މީހާ. ޢައްމާރު ފަދަ މީހަކު ދަތުރުގެ އާރުކާޓީއެއްގެ ގޮތުގައި ގެނެވުނު ކަމީ އަހަރެމެންގެ ނަސީބު." ރާބިޙު ބުންޏެވެ.

"ޙަމްދު ހުރީ ﷲ އަށް. ފެން ސައިލުތަކާއި ހޮނާއި ފިނީން ސަލާމަތްކަން ހޯދޭނެ ތަނެއްގެ ގޮތުގައި މި ހޮހޮޅައަށް އަހަރެެމެންނަށް މަގު ދެއްކެވީ އެއިލާހު. އަހަރެމެންނަށް ހިޔަލެއް ހޯދިއްޖެ. އެކަމަކު އެ މިސްކީނު ޖަމަލުތަކާ މެދު އަހަރެން އެންމެ ކަންބޮޑު ވަނީ." ޢައްމާރު ބުންޏެވެ.

"ޖަމަލަކީ މިފަދަ ހާލަތްތަކަށް ކެތް ކުރުމުގެ ގާބިލުކަން ދެއްވާފައި ވާ ޖަނަވާރެއް. އިންޝާ ﷲ. ޖަމަލުތަކަށް ގެއްލުމެއް ނުލިބޭނެ." ޒިޔާދު ބުންޏެވެ.

"މީހުން ބުނާ ހެން އެއީ ހަމަ ހަގީގަތުގައި ވެސް ސަހަރާގެ އޮޑި. ވީމާ ޖަމަލުތަކާ މެެދު ނުވިސްނާ." ރާބިޙު ވެސް ޢައްމާރަށް ބުންޏެވެ.

އެ ވަގުތު ބޭރުން އަޑުފަށްގަނޑެއް އިވުނެވެ. ހޮހޮޅައިގެ ހިލަގަނޑުގެ މަތީގައި ހުރި ހިލަތަކެއް ފައިބައިގަތް އަޑެވެ.

"ކިހިނެއް މި ވަނީ؟ ބިންހެލުމެއް ތަ؟" ރާބިޙު ކަންބޮޑުވުމާ އެކު ޢައްމާރު ކުރެން އެހިއެވެ.

"ހިލަތަކެއް ފައިބައި ގަތް އަޑު. ސުބްޙާނަ ﷲ. މި ހޮހޮޅައަށް ވަންނަން ހުރި ތަން އެ ބަންދު ވީ." ހޮހޮޅައަށް ވަންނާން ހުރި އާނގައާ ދިމާއަށް ބަލާން ހުރި ޢައްމާރަށް ބުނެވުނެވެ.

- ނުނިމޭ -

comment ކޮމެންޓް