އިއްޔެ މާލެ ސަރަހައްދަށް މޫސުން ވަރަށް ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން މާލޭ ހުޅަނގު ފަރާތަށް އުދަ އަރައި، އެދިމާލުގައި އޮންނަ ރަސްފަންނު ބީޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަވެ ވައިގަދަވިއެވެ. އަދި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރޭގެ ވަގުތަކަށް އޮރެންޖު އެލާޓްވެސް ނެރުނެވެ--މިއީ ފަހުގެ ތާރީހެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.
އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނު ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އެރިއެވެ. އެތަނަށް ބިންދާލި ރާޅުތަކުގެ ސަބަބުން އެތަނުގެ ބީޗު މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. އޭގެ އިތުރުން ހިއްކާފައި އޮތް ވެލިގަނޑު ދަމާލައި، އެތަނުގެ ބިންގަނޑު ވަނީ ވަރަށް ބޮޑަށް ބައިބައިވެެފައެވެ.
އޭގެ އިތުރުން މީހުުން ހިތްހަމަޖައްސާލަން ތިބޭ ބެންޗުތައް ފަދަ ތަންތަނަށްވެސް ވިއްސާރައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ހިޔާކުރަން ޖަހާފައި ހުރި ކުޑަތައް ހުރީ ބިންމައްޗަށް ވެއްޓިފައެވެ. އަދި ގޮނޑުދޮށަށް ވަނީ ގިނަ އަދަދަކަށް ކުނިބުނި އަރައިފައެވެ.
މީގެ ކުރިންވެސް ރަސްފަންނަށް އުދަ އަރާ ފަހަރުތަކުގައި އެތަން ވަރަށް ބޮޑަށް ގިރައެވެ. އުދަ އަރާ ކޮންމެ ފަހަރަކު އެތަނަށް އަލުން ވެލި އަޅަން ޖެހެއެވެ.
ރަސްފަނުނު ބީޗު ހެދުމުގެ މަސައްކަތް ހަވާލު ކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާއެވެ. އެތަނަށް ސާޅީހަކަށް މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރަސްފަންނު ހުޅުވި ދުވަސްވަރު ރަސްފަންނުގެ ފެނުން ނަޖިސް ފެނިގެން އެތަން ބަންދު ކުރިއެވެ. އެ ފަހަރު އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓުތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ. މި ސަރުކާރު އައި ފަހުންވެސް އެތަނުން ނަޖިސް ފެނިގެން މާލޭ ސިޓީ ކައުންސިލުން އެތަން ބަންދު ކުރިއެވެ. އެތަން އަލުން ހުޅުވީ އެޗްޕީއޭއިން ރައްކާތެރިކަމުގެ ކްލިއަރަންސް ދިނުމުންނެވެ. މަރާމާތަށް ހަރަދު ކުރަން ޖެހޭތީ އެކަމުގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް މީގެ ކުރިންވެސް އަމާޒުވިއެވެ.
ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރި ޕެވެލިއަންވެސް މިހާރު ހުންނަނީ ބަންދުކޮށްފައެވެ. މީގެ ކުރިން ކުރިން ތިން ރެސްޓޯރެންޓެއް ހިންގި އެތަން ބަންދުކުރުމަށްފަހު ޕެވިލިއަން ބޭނުން ނުކޮށް އޮތުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ހާލާކުވެ ވީރާނާވެފައެވެ.
އެކި އުމުރުފުރާތަކުގެ މީހުން ރަސްފަންނުގެ މޫދު ބޭނުން ކުރެއެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުން އާންމުން އެއްވެ އުޅޭ އެހެންތަންތަންހެން އެތަންވެސް އޮންނަނީ ހުހަށެވެ.