ސަން ބަދިގޭގައި މި ރޯދަމަހު ފޮނިތޮށިއެމްވީ ނުވަތަ އައިމިނަތު ރުޚުސާ (ތޫތަ)ގެ ދެ ރެސިޕީއެއް މިހާތަނަށް ގެނެސްދެވިފައި ވާނެއެވެ. އެއީ މުޅިންވެސް މެދުއިރުމަތި ނުވަތަ އަރަބި، ފަސޭހަ ޑިޝްތަކެކެވެ. މިފަހަރުވެސް މި އޮތީ އަރަބި ފޭވަރިޓެކެވެ--ޕީޓާ ބްރެޑެވެ. އަރަބި ދުނިޔޭގެ އިތުރުން އެހެން ގައުމުތަކުގައިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު މި ރޮށި ހަދަނީ އަހަރެމެން ފިހާ ތެޔޮ ރޮއްޓާ ތަފާތުކޮށް، އަދި ބޯކޮށެވެ.
ޕީޓާ ބްރެޑަކީ ފަސޭހައިން ހެދޭ، މީރު ރޮއްޓެކެވެ. ތެޔޮ ރޮށިން "ބްރޭކެއް" ނަގައި، މީތި އަޅެ ޓްރައިކޮށްލަބަލާށެވެ.
ބޭނުންވާ ތަކެތި:
460 ގްރާމް ފުށް
25 އެމްއެލް އޮލިވް އޮއިލް
8 ގްރާމް ހަކުރު
9 ގްރާމް ލޮނު
5 ގްރާމް ޔީސްޓް
313 އެމްއެލް ތާފަނާ ފެން
ތައްޔާރުކުރާނެ ގޮތް:
މިއަށް ބޭނުންވާ ހުރިހާ އިންގްރީޑިއެންޓެއް ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ވީ ފުއްގަނޑު މޮޑޭށެވެ. އަތުން މޮޑޭނަމަ، ރަނގަޅަށް މޮޑޭށެވެ. އަދި މިކްސަރެއް ބޭނުންކުރާ ނަމަ 3 މިނިޓު ލޯ މޯޑުގައި، އަދި އިތުރު 3 މިނިޓު ހައި މޯޑުގައި މޮޑުމުން ހުންނާނީ ރަނގަޅަށެވެ.
އެއަށްފަހު ބޯޑް ނޫނީ މޭޒުަމަތީގައި އޮލިވްއޮއިލް ފޮދެއް ލުމަށްފަހު ފުށްގަނޑު ވީޑިއޯއިން ފެންނަގޮތަށް ބެންޗް ކޮށްލާށެވެ. އެއަށްފަހު ކްލިންގް ފިލްމް/ޕްލާސްޓިކް ރެޕް އަޅާލުމަށްފަހުފުށްގަނޑު ދެ ގަޑިއިރު ވަންދެން ފުށްގަނޑު "ރައިޒް"ވާން ބަހައްޓާށެވެ. ނޫނީ އަސްލު ސައިޒުގެ ދެގުނައަށްވުރެ ފުފެންދެން ބަހައްޓާށެވެ.
ފުށްގަނޑުގެ ސައިޒް ޑަބަލްވުމުން ޓެނިސް ބޯޅަ ސައިޒަށް ފުށްގަނޑުން ގުޅަޖަހާލާށެވެ. އެއާއެކު އަވަހަށް އަވަން 200 ޑިގްރީ ސެލްސިއަސްއަށް ޕްރީހީޓް ކޮށްލަން ޖައްސާލުމަށްފަހު ބޭކިންގ ޓްރޭގައި ކުޑަ އޮލިވްއޮއިލް ތެޔޮފޮދެއް ހާކާލާށެވެ.
ދެން އޭރު ގުޅަ ޖެހި ފުށް ގުޅަތައް ރޮށި ދަމާ ގޮތަށް ދަމާލާށެވެ. އެކަމަކު މިއީ މާ ތުނިކޮށް ދަމާ ރޮއްޓެއް ނޫނެވެ--އެކަމަށް ސަމާލުކަން ދެއްޗެވެ. ޕިޓާ ބްރެޑް ދަމާފައި 15 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު، އަވަނުގައި 15-20 މިނެޓް ވަންދެން ފިހެލާށެވެ.
ޕީޓާ ބްރެޑްއަކީ ހުމޫސް ކަހަލަ ޑިޕްއަކާއިއެކުވެސް ނޫނީ ހުހާކާލަންވެސް މީރުވާނެ އެއްޗެކެވެ. ނުވަތަ ރިހަ ކޮޅަކާ ޖަހައިގެން އަޖުމަ ބަލާލަންވީ ނޫންހެއްޔެވެ؟