މޫސުމަށް ސަމާލުވޭ! ކަނޑުމަތީގެ ނުރައްކާ ހާދިސާތަކެއް!

ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ--

ރޭ ވަަރަށް ބޮޑަށް މޫސުން ގޯސްވެ، ވައިގެ ގަދަވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން ވަނީ ކަނޑުދަތުރު ކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި އޮޑިވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރަން އިލްތިމާސްކޮށްފަ އެވެ.

ހަމައެއާއެކު އޮޑިފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިރުޝާދުދީފަ އެވެ.

މިގޮތުން ލައިފް ޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަމްޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ބެލުން މުހިންމު ކަމަަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން މީހުން އުފުލަން ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ނުއުފުލުމަށާއި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އޮޑިފަހަރަށް މުދާ ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފްއިން އެދިފައިވެ އެވެ.

މީގެ އިތުރުން ރައްކާތެރިކަން ކުޑަ ކުދި އަނގަމަތި، އުޅަނދުފަހަރުގައި ދަތުރުކުރާއިރު ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެ އެލާޓު ނެރެފައިވަނީ މިއަދު 3:00 އިން މިރޭ 7:00އާ ހަމައަށެވެ.

އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު 2:30އިން ހަވީރު 6:30 އަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފަ އެވެ.

އެ ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލާ ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މި ދުވަސްވަރު ކަނޑުމަތީ ހާދިސާތަކުގެ ރިޕޯޓު ލިބެމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު، މިއަދު މާލެ ކައިރިން ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ.

މިއަދު މެންދުރު ކ. ކާށިދޫއިން މާލެއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމުގެ ސަބަބުން މާލޭ ވެސްޓު ޕާކުގެ ތޮށިގަނޑަށް އެ ދޯނި އަރައި ވަނީ ފުނޑުފުނޑުވެފަ އެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންނަށް ވެސް އެއްވެސް އަނިޔާއެއް ނުލިބެ އެވެ. އަދި ދޯނިން މާލެއަށް ގެނައި މުދާ އޮޔާގޮސްފަ އެވެ.

އައްޑޫ ސިޓީވަރަށް ބޯކޮށް ވާރޭ ވެހި އެ ސިޓީގެ ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް އިއްޔެ ވަނީ ވެފަ އެވެ. އެ ސަރަހައްދަށް މިއަދުވެސް މޫސުން ވަރަށް ގޯހެވެ.

comment ކޮމެންޓް