އިންޑިއާއިން ދިން 580 ޓަނުގެ އެހީ ޝިޕްމަންޓް ކްލިއާކޮށް ނިމިއްޖެ

އިންޑިއާއިން ހަދިޔާކުރި ކާބޯތަކެތީގެ ޝިޕްމަންޓުގައި ހުރި ބައެއް ތަކެތި--

ކޮވިޑް19އާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި 580 ޓަނުގެ އެހީގެ ޝިޕްމަންޓް ކްލިއާކޮށް ނިމިފައިވާ އެސްޓީއޯއިން ބުނެފި އެވެ.

އިންޑިއާއިން ފޮނުވި ކާބޯތަކެތީގެ އެހީއާއެކު ރާއްޖެއަށް މަނަވަރެއް އައީ މި މަހުގެ 12ވަނަ ދުވަހުގަ އެވެ.

އެ ޝިޕްމަންޓުގައި ހިމެނެނީ؛

  • 200 ޓަނުގެ ހަނޑޫ
  • 140 ޓަނުގެ ގޮދަން ފުށް
  • 90 ޓަނުގެ ހަކުރު
  • 120 ޓަނުގެ ރީނދޫ މުގު
  • 26 ޓަނުގެ ފިޔާ
  • 14 ޓަނުގެ އަލުވި

އިންޑިއަން ހައި ކޮމިޝަނުން ކުރިން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

ހަމައެއާއެކު މިއީ މި ރޯދަ މަހު އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ތިން ދުވަހުގެ ތެރޭގައި މިތަކެތި ކްލިއާކޮށް ނިންމާލާފައިވާއިރު، އެސްޓީއޯއިން ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި އެކުންފުނީގެ ސްޓޭޕަލް، ޑެލިވަރީ އަދި ކްލިއަރަންސް ޓީމުތަކަށް މަރުހަބާ ކިޔާފަ އެވެ.

comment ކޮމެންޓް