"ﷲ ދަރިފުޅަށް ބަރަކާތް ލައްވާށި. މިހާރު މެންދުރު ވެ ހޫނު ވާން ވެސް ފަށައިފި. ވީމާ ދެން އަވަހަށް ދާންވީ އައްސޭރިއަށް ކައިރި ކުރާން. އަދި އަސްރު ވަގުތުގެ ކުރީން ގެއަށް ދެވޭތޯ ބަލާން ވާނެ. މާދަމާ ވެސް ރީތި ވާހަކައެއް ކިޔައި ދޭނަން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
އައްސޭރިއާ ކިޝްތީ ކައިރި ނުވަނީސް ފުލުހުންގެ ވެރިޔާ ގޮވައި ލެއްވިއެވެ.
"އިއްޒަތްތެރި ގާޒީ. އިއްޒަތްތެރި ގާޒީ."
"މަރުޙަބާ! މުފްތާޙު!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
އެ ވަގުތު އައްސޭރިއާ ކިޝްތީ ގާތް ވުމުން ކިޝްތީގެ ވާ އެއްލުމުން އެ ވަލުގައި ހިފައި ކިޝްތީ ކައިރި ކޮށް ވާ އެއްސެވީ ފުލުހުންގެ ވެރިޔާ މުފްތާޙެވެ. ގާޒީ ޞަފިއްޔުއްދީނު މުފްތާޙަށް ޝުކުރުގެ ބަސް ވިދާޅުވިއެވެ.
"ކީއްވެ ތޯ ނުޒުހަތުގެ ދަތުރުގައި ވަޑައި ގަންނަވާ ވާހަކަ އަޅުގަނޑަށް ނޭންގެވީ. އަޅުގަނޑު މި ހިރީ ވަރަށް ބޮޑަށް ކަންބޮޑު ވެފައި. އަމީރާ ޞަފިއްޔާއަށާއި ކުޑަ ދެ އަމީރުންނަށް ކަމެއް ވެއްޖެ ނަމަ، އެ ކަމާ ޒިއްމާ ވާން ޖެހޭނީ އަޅުގަނޑު." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ތިބާއަށް އުނދަގޫ ކުރާން އަޅުގަނޑު ބޭނުން ނުވީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއީ އަޅުގަނޑުގެ ވަޒީފާގެ މަސްއޫލިއްޔަތެއް އެހެން ނޫންތޯ؟ ތިޔަ ބޭފުޅުން ހިމާޔަތް ކުރުމަކީ. ނިޒާމާ އެއް ގޮތަށް ކަންކަން ކުރުމުގައި މަނިކުފާނަށް އިރުޝާދު ދޭ މީހަކަށް އަޅުގަނޑު ވާކަށް ނުޖެހޭ އެހެން ނޫން ތޯ؟" މުފްތާޙު ވިދާޅުވިއެވެ.
"ރަނގަޅު ވާހަކައެއް. ދެން ފަހަރަކުން ފުލުހުންގެ ވެރިޔާއަށް އަންގާފައި ނޫނީ އަޅުގަނޑުމެން ބޭރަކަށް ނުދާނަން. ކުއްލިއަކަށް އަޅުގަނޑުމެން ހޯދާން ތިޔަ ވަޑައި ގަތީ އަނެއްކާ މުހިއްމު ކަމެއް ދިމާ ވީ ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އާދެ! ވަރަށް މުހިއްމު ކަމެއް." މުފްތާޙު ވިދާޅުވިއެވެ.
"އަވަހަށް ވިދާޅު ވޭ! ކޮން ކަމެއް ތޯ ދިމާ ވީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"މި ތަނުގައި އެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ." މުފްތާޙު ވިދާޅުވިއެވެ.
"މި ހިތްގައިމު ނުޒުހަތުގެ ދަތުރު ވެސް މި ނިމުނީ. ކިހާ ދެރަ!" އަމީރާ ޞަފާ ވިދާޅުވިއެވެ.
"ފުލުހުންގެ ވެރިޔާ ވަޑައިގެން އައްސޭރީގައި ގާޒީއަށް އިންތިޒާރު ކުރައްވާން ހުންނަވާނީ ކޮންމެވެސް މުހިއްމު ކަމެއް ދިމާ ވެގެން ކަން ޔަގީން." އަމީރު މުޙައްމަދު ވިދާޅު ވިއެވެ.
"އަވަހަށް އާދޭ. އަޅުގަނޑުމެންނަކަށް ނެތް އިތުރަކަށް މަޑު ކުރެވޭކަށް." ގާޒީ ޞަފިިއްޔުއްދީނު ވިދާޅުވިއެވެ.
އެހެން ވިދާޅު ވެފައި ވަޑައި ގެން އަސްގާޑިޔާކޮޅަށް އަރާވަޑައި ގަތެވެ. ދެ އަމީރުންނާއި އަމީރާ ސަލްމާ ވެސް އަސްގާޑިޔާކޮޅަށް އަރާވަޑައި ގަތެވެ. އަސްގާޑިޔާކޮޅުގެ މިސްރާބު ހުރީ ގާޒީ ޞަފިއްޔުއްދީނުގެ ގެކޮޅަށެވެ. ގާތްގަނޑަކަށް ދަމެއް ހައި އިރުގެ ދުއްވުމަށް ފަހު ގާޒީ ޞަފިއްޔުއްދީނުގެ ގެކޮޅާ ހަމަޔަށް ދެވުނެވެ. ދަމަކީ ތިން ގަޑިއިރެވެ. އާއްމު ދުވެލީގައި ދަތުރު ކުރާ އަސްގާޑިޔާއެއްގެ ދަތުރުގައި ދަމަކުން ކަޑައްތު ކުރެވޭނީ ގާތްގަނޑަކަށް 12 މޭލު ބައިގެ ރާސްތާއެކެވެ.
ގާޒީ ޞަފިއްޔުއްދީނުގެ ގެކޮޅުގެ ބޮޑުކޮޓަރިކޮޅަށް ވެދެވަޑައި ގެން މުފްތާޙު އެންމެ ފުރަތަމައަށް ވެސް ކަށަވަރު ކުރެއްވީ އެ ބޭފުޅުން ދައްކަވާ ވާހަކަ އަޑު އިވޭ ހިސާބުގައި އިތުރު އެއްވެސް މީހަކު ހުރި ތޯއެވެ.
"ހާދަ ބޮޑު ވާހަކައެއް ވިދާޅު ވާން ތިޔަ އުޅުއްވަނީ؟" ސުވާލުގެ ރާގުގައި ހައިރާންކަމާ އެކު ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ޚަލީފާއާއި ވަލީއަހުދު އެ ބޭފުޅުންގެ ދަތުރުން އެނބުރިވަޑައި ގަތުން އޮތީ މާދަމާގެ ފަތިހުގެ ވަގުތު. ރަސްމުތައް ހަމަ ޖެހިފައި އޮތް ގޮތުން އެ ބޭފުޅުންނަށް އިސްތިގުބާލު ކުރެއްވުމަށް އެ ތަނުގައި އަމީރުން ތިއްބަވާން ޖެހޭ." މުފްތާޙު ވިދާޅުވިއެވެ.
"ކީއްވެ ތޯ ދަތުރުފުޅުން އެނބުރިވަޑައި ގަތުން އެހައި އަވަސް ވީ." ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"ޚަލީފާ އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ. ހުންފުޅު ވަރަށް ގަދަ. ހަރަކާތްޕުޅެއް ވެސް ރަނގަޅަކަށް ނުކުރެއްވޭ." މުފްތާޙު ތަންކޮޅެއް އަޑުމަޑުކޮށް ވިދާޅުވިއެވެ.
"ތިޔަ ހުރިހާ ތަފްސީލެއް ލިބިވަޑައި ގަތީ ކިހިނެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ހާއްސަ މަސްދަރުތަކުން. ސާހިބާ! އަޅުގަނޑު ޖެހޭނެ ނޫން ތޯ ހުރިހާ މައުލޫމާތެއް ހޯދާން." މުފްތާޙު ވިދާޅުވިއެވެ.
"އަދިއެއް ނުވިސްނުނު. އެ ބޭފުޅުން ވަޑައިގަތުމުގެ ކުރީން. ތިހާ ތަފްސީލުކޮށް އެ ބޭފުޅުންގެ ޚަބަރުތައް އެނގިފައި. އަނެއް ކޮޅުން ތިޔައީ ސިއްރެއް ކަމަށް ... ތިޔަ ތަފްސީލުތައް އެނގިވަޑައި ގަތް ގޮތަށް ޙަލަބާ ހަމައިން ވެސް އެ ޚަބަރު އޮންނާނީ ކޮޅުކޮޅަށް ގޮސްފައި ނޫން ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެހެން ނުވާނެ. ޙަލަބުގައި ތިބި އަޅުގަނޑުމެންގެ ސަލާމަތީ ފައުޖުގެެ އިސްވެރިޔާ ކޮތަރެއްގެ އެހީގައި އަޅުގަނޑަށް ފޮނުއްވި ސިޓީއަކުން އެ ކަންތައް އެނގުނީ. ވީމާ، އާއްމުކޮށް މީހުންނަކަށް އެ ކަން ނޭނގޭނެ." މުފްތާޙު ތަފްސީލު ކޮށް ދެއްވަމުން ވިދާޅުވިއެވެ.
"ކޮބައި ތޯ ޚަލީފާގެ އާލާސްކަންފުޅަކީ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"ކޮން އާލާސްކަންފުޅެއް ކަން އަޅުގަނޑަކަށް ނޭނގޭ. އެ ސިޓީއަކު އެ ވާހަކައެއް ނެތް. އޭގައި އޮތީ ހުންފުޅު ގަދަ ވާހަކައާއި ހަރަކާތްޕުޅު ކުރެއްވުމަށް ދަތިފުޅު ވާހަކަ." މުފްތާޙު ވިދާޅުވިއެވެ.
"ގަނޑުވަރުގެ ބޭސްވެރިޔާއަށް އަންގަވައިފީމު ތޯ ތައްޔާރަށް ހުންނާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އާދެ! އަދި މި ޚަބަރު އިތުރު މީހަކާ ހިއްސާ ނުކުރުމަށް އަޅުގަނޑު ވާނީ އޭނާއަށް އަންގާފަ." މުފްތާޙު ވިދާޅުވިއެވެ.
*****
އަމީރާ ސަލްމާއާއި ދެ އަމީރުންނާއި ވަޒީރުންނާއި އެހެން ވެސް ބޮޑުން ތިއްބެވީ ޚަލީފާއަށް އިސްތިގުބާލު ކުރެއްވުމަށް ނުކުމެވަޑައިގެން، ޚަލީފާާ ވަޑައި ގަންނަވާ މައުކިބުގެ އިންތިޒާރުގައެވެ.
"އަޅުގަނޑު މި ހިރީ ބައްޕާފުޅާ ބައްދަލު ކުރާ ހިތުން ކެތް މަދު ވެފަ." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް. ކޮން އެއްޗެއް ބާ، މި ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ޙަލަބުން ގެނެސް ދެއްވާނީ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ވެސް ހުރީ ތައްޔާރަށް ތޯ؟ އިއްޒަތްތެރި ވަޒީރު!" އަމީރާ ސަލްމާ އެއްސެވިއެވެ.
"އާދެ! މަ ސާހިބާ! އަމީރާ ޞަފިއްޔާ!" ވަޒީރު ވިދާޅުވިއެވެ.
"އެ އަންނަނީ ޚަލީފާގެ ގާޑިޔާކޮޅު." ފުލުހުންގެ ވެރިޔާ މުފްތާޙު އެހެން ބޭފުޅުން ސަމާލު ކުރެއްވުމުގެ ގޮތުން ވިދާޅުވިއެވެ.
އެންމެ ފުރަތަމައަށް ގާޑިޔާކޮޅުން ފައިބާވަޑައި ގަތީ އަމީރު މުރާދެވެ. ޚަލީފާ ފައިބާވަޑައިގަތީ އޭގެ ފަހުންނެވެ. އަމީރު މުރާދުގެ އެހީތެރިކަމާ އެކުގައެވެ.
"ކީއްވެ ބާ ޚަލީފާ ފުރަތަމައަށް ފައިބާވަޑައި ނުގަތީ؟" ވަޒީރު ހައިރާންކަމާ އެކު އެއްސެެވިއެވެ.
"އާލާސްކަންފުޅާ އުޅުއްވަނީ ކަމަށް ވެސް ވެދާނެ." ސަލްމާ ވިދާޅުވިއެވެ.
"ބޭސްވެރިޔާ ކޮބާ؟" އަމީރު މުރާދު ވިދާޅުވިއެވެ.
"ބޭސްވެރިޔާ ހުންނެވީ ތައްޔާރަށް. ޚަލީފާގެ އިންތިޒާރުގައި. ދުއްވާ ގޮނޑިކޮޅެއް ގެންނަން ތޯ؟" މުފްތާޙު ވިދާޅުވިއެވެ.
"ނޫން. ޚާލިދުއާއި ޞަފިއްޔާގެ އެހީތެރިކަމާ އެކު އަހަރެން ދާނީ ހިނގާފައި." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"ތިޔަ ދެ ބޭފުޅުން ވަޑައި ގެންނެވުމުން ވަރަށް އުފާ ވެއްޖެ." ސަލްމާ އެހެން ވިދާޅުވަމުން ސުލްޠާން ސަލީމުގެ އަތްޕުޅުގައި ހިއްޕެވިއެވެ.
"ގާޒީ ޞަފިއްޔުއްދީނު ކޮބާ؟ އަހަރެން ބޭނުން ގާޒީއާ ބައްދަލު ކޮށް ލާން." ސުލްޠާން ސަލީމް ސުވާލު ކުރެއްވިއެވެ.
"ބައްޕަ ވަޑައި ގަންނަވާނެ އިރުކޮޅަކުން. އިސްތިގުބާލުގައި ގާޒީ ހުންނެވުމަކީ އާއްމު އުސޫލާ ޚިލާފު ކަމެއް ކަމުން އެ ތަނަށް ބައްޕަ ވަޑައި ނުގަތީ." ސަލްމާ ވިދާޅުވިއެވެ.
"އެންމެ ރަނގަޅު." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
އަމީރު މުރާދުއާއި ސަލްމާގެ އެހީގައި ސުލްޠާން ސަލީމް ހިންގަވާފައި ވަޑައިގަތީ ބޭސްކޮޅު ތުރު ކުރައްވާ ކޮޓަރިކޮޅަށެވެ. އެ ކޮޓަރިކޮޅުގެ އެނދުދާންކޮޅުގައި ސުލްޠާން އޮށޯވެވަޑައި ގަތުމަށް ބޭސްވެރިޔާ ދެންނެވިއެވެ. އަދި ސުލްޠާންގެ ހަށިކޮޅު ބޭސްވެރިކަމުގެ ބެލުމަކުން ބެލުމަށް ފަހު ދެ އަމީރުންނަށް ދެންނެވިއެވެ.
"އަޅުގަނޑު މި ވަގުތު ބޭހެއް އަރުވާނަން. އެއަށް ފަހު މި ކޮޓަރިކޮޅުގައި އަވަހާރަ ލައްޕަވާން ބޭއްވުން އެދެން."
ބޭސްވެރިޔާ އެހެން ދެންނެވުމުން ދެ އަމީރުން ނުކުންނެވީ ބޭރަށެވެ. އެ ބޭފުޅުން ބޭރަށް ނުކުންނެވި އިރު، ގާޒީ ޞަފިއްޔުއްދީނު ވެސް ބޭރުގައި ހުންނެވިއެވެ.
"ކީކޭ ތޯ ބޭސްވެރިޔާ ބުނީ؟" އަމީރު މުރާދުގެ އަރިހުގައި ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"އަވަހާރަ ލައްޕަވާން އެހީތެރި ވެދޭނެ ބޭހަކާއި ހުންފުޅަށް ބޭހެއް ދިނުމަށް ފަހު ބުނީ ބޭސްކޮޅު ތުރުކުރައްވާ ކޮޓަރިކޮޅުގައި އަވަހާރަ ލެއްޕެވުމަށް. މި ވަގުތު އެންމެ މުހިއްމީ އަވަހާރަ ލެއްޕެމުން ކަމުގައި." އަމީރު މުރާދު ވިދާޅުވިއެވެ.
އަމީރު މުރާދު އެހެން ވިދާޅުވުމުން ޚަލީފާއަށް ޝިފާ ދެއްވުން އެދިވަޑައިގެން ގާޒީ ޞަފިއްޔުއްދީީނު ދުއާ ކުރެއްވިއެވެ.
"ޚާލިދު! ބައްޕާފުޅަށް ވީ ކީއްތޯ؟" ސަލްމާ އެއްސެވިއެވެ.
"އަޅުގަނޑަކަށް ނޭނގޭ. އިސްތަށިފުޅަށް އެނބުރުން އަރައިގެން އުޅުއްވީ އެންމެ ފުރަތަމައަށް. ދެން ހުންފުޅު އައިސް، ހުންފުޅު ގަދަ ވީ." އަމީރު މުރާދު ވިދާޅުވިއެވެ.
"މަނިިކުފާނުގެ އިޒުނައާ އެކު އަޅުގަނޑު ނުކުމެ ލަން ތޯ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.
"އަޅުގަނޑު އެދެނީ ބައްޕާފުޅު އަވަހާރަފުޅުން ތެދުވެވަޑައި ގަންނަވާން ދެން މި ތަނުގައި މަޑު ކޮށްލަ ދެއްވުން. އަވަހާރަފުޅުން ތެދުވެ ވަަޑައިގަތުމާ އެކު ތިޔަ ބައްޕައާ ބައްދަލު ކޮށްލައްވާން ބައްޕާފުޅު ބޭނުންފުޅު ވާނެ. ގަނޑުވަރަށް ވެދެވަޑައި ގަންނަވަމުން ވެސް ތިޔަ ބައްޕަ ކޮބައިތޯ އެއްސެވި." އަމީރު މުރާދު ވިދާޅުވިއެެވެ.
"އެއީ ތެދެއް ބައްޕާ. ހޭފުޅު ލައްވާ އިރު، ބައްޕަ ހުންނެވުން މުހިއްމު." ސަލްމާ ވެސް ވިދާޅުވިއެވެ.
"އެންމެ ރަނގަޅު! އެހެން ވެއްޖެއްޔާ އަޅުގަނޑު މިރޭ މަޑު ކުރާން ޖެހޭނީ މި ގަނޑުވަރުގައި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ
*****
"އަޅުގަނޑުމެންގެ އަނެއް ކާފަގެ ހާލު ކިހިނެއްތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ.
"އިންޝާ ﷲ! ވަރަށް އަވަހަށް އާލާސްކަންފުޅު ފަސޭހަފުޅު ވާނެ. މި ވަގުތު ބޭނުންފުޅު ވަނީ އަރާމު ކުރެއްވުމާއި، ހެޔޮ ދުއާއަށް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކީއްވެތޯ ބޭސްވެރިޔާ އަދިވެސް އެ ކާފަ ރަނގަޅު ނުކޮށްގެން އުޅެނީ." އަމީރު މުޙައްމަދު ޝަކުވާގެ ރާގުގައި އެއްސެވިއެވެ.
"ބޭސްވެރިޔާ ދަނީ އޭނާއަށް ކުރެވޭން ހުރި ހުރިހައި ކަމެއް ކުރަމުން. އެހެންނަމަވެސް ޝިފާ ދެއްވާނީ ﷲ. އެކަމުގެ ހިކުމަތް ދެނެވޮޑިގެން ވަނީ ހަމަ އެކަނި އެއިލާހު." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެހެން ވެއްޖެއްޔާ ބޭސްވެރިކަމުގެ ބޭނުމަކީ ކޮބައިތޯ؟" އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.
"ﷲ އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ ބޭސް ކުރުމަށް. ކޮންމެ ކަމެއްގައި ވެސް ސަބަބުގައި ހިފުމަށް ފަހު ﷲ އަށް ދެންނެވުމަށް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެހެންވީމާ ބޭސްކުރުން ނޫން އިތުރު ކަމެއް އަހަރެމެންނަކަށް ނުކުރެވޭނެ. އެހެން ނޫންތޯ؟" އަމީރާ ޞަފާ ވިދާޅުވިއެވެ.
"އާނ. ދަރިފުޅާ! ކުރެވޭނެ އިތުރު ކަންކަން އެބަ ހުރި. ދުއާ ކުރުމާއި ކާފައަށް ހެޔޮ އެދިގެން ސަދަގާތް ކުރުން. ދަރިފުޅުމެންގެ އެ ކާފައަކީ ސޯލިހު ބޭފުޅެއް. އެމަނިކުފާނުގެ ހެޔޮ އަމަލުތަކަށް ޓަކައި ވެސް ﷲ އެމަނިކުފާނަށް ޝިފާ ދެއްވުން ގާތް. ހިނގާ އެ ކާފައަށް ޝިފާ ދެއްވުން އެދި ﷲއަށް ދުއާ ކުރަމާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
- ނުނިމޭ -