ކާށިކިރާއި ދޮންކޭލުގެ ސަޅި ކޮމްބިނޭޝަނަކުން އިންޑޮނޭޝިއަން ބަނާނާ ލުމްޕިއާ

ދޮންކޭލަކީ ދިވެހިރާއްޖެގައިވެސް ވަރަށް ފަސޭހައިން ހައްދަމުން އަންނަ މޭވާކެވެ. ދުނިޔޭގެ ތަފާތު އެކި ޤައުމުތަކުގައި ދޮންކެޔޮ ބޭނުންކޮށްގެން ހަދަމުން އަންނަ ކެއުންތަކަކީ ދިވެހިންވެސް ވަރަށް ގަޔާވާ ކެއުންތަކެއްކަން އަހަރެމެންގެ ސުފުރާތަކަށް ބަލާލުމުން ފެނެއެވެ.

ޝެފްގޭމްސްޓްރޯންގގެ ފަހަތުގައި ހުރި ކުޅަދާނަ ފުޑް ބްލޮގަރ އެލީޝާ އިސްމާއިލް (ނޮނާ) މިއަދު ސަންބަދިގޭގައި ހިއްސާކޮށްލީ ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ވަަރަށް ފަސޭހަ ޑިޝްއެކެވެ. ދޮންކެޔޮ ސްޕްރިންގްރޯލްސް، ނުވަތަ ބަނާނާ ލުމްޕިއާއަކީ ގޭގައި ކޮންމެހެންވެސް މި ލޮކްޑައުންގައި ހެދިދާނެ ޑެޒާޓެކެވެ.

ބޭނުންވާތަކެތި:

ބަނާނާ ލުމްޕިއާ ތައްޔާރުކުރުމަށް

  • ފިލޯ ޕޭސްޓްރީ ޝީޓް (ސްޕްރިންގ ރޯލް ޕޭސްޓްރީ ޝީޓްވެސް ބޭނުންކުރެވިދާނެ)
  • ރަނގަޅަށް ދޮންވެފައި ހުރި ދޮންކެޔޮ
  • 2 މޭޒުމަތީ ސަމުސާ ބަޓަރ (ރޫމް ޓެމްޕަރޭޗަރގައި މަޑުކޮށްފައި އަދި 2 ސައިސަމުސާ ބްރައުން ޝުގަރ އާއި އެއްކުރެވިފަ)
  • ބަޓަރ (މެލްޓްކުރުމަށްފަހު ޕޭސްޓްރީ ޝީޓްގައި ހޭކުމަށް)

ކޮކޮނަޓް ކްރީމް އޮންގްލޭސް ސޯސް ތައްޔާރުކުރުމަށް

  • 1/2 ޖޯޑު ދިޔާކިރު
  • 1/2 ޖޯޑު ކާށިކިރު
  • 1 ވެނީލާ ބީން ޕޮޑް (ވެނީލާ އެސެންސް ނުވަތަ ވެނީލާ އެކްސްޓްރެކްޓްވެސް ބޭނުންކުރެވިދާނެ)
  • 1 ބިހުގެ ގޮބޮޅި
  • 2/4 ޖޯޑު ހަކުރު (1/4 ޖޯޑު ހަކުރު ދިޔާކިރު އަދި ކާށިކިރުގެ މިކްސްއަށް އެއްކުރުމަށް، 1/4 ޖޯޑު ހަކުރު ބިހުގެ ގޮބޮޅި އާއި އެކު ވިސްކްކުރުމަށް)

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ފިލޯ ޕޭސްޓްރީ ޝީޓްތައް ރެކްޓޭންގަލްގެ ބައްޓަމަށް ކަފާލާށެވެ. އެއަށްފަހު މެލްޓްކޮށްފައިހުރި ބަޓަރ ތުނިތުނިކޮށް ޕޭސްޓްރީ ފިއްސެއް ބޭނުންކޮށްގެން އެއްވަރަކަށް މުޅި ޝީޓްގައި ހާކާލާށެވެ. މުޅި ޝީޓްގައި ބަޓަރ ހޭކުމަށް ސަމާލުކަންދޭންވާނެއެވެ. އެއަށްފަހު 2 މޭޒުމަތީ ސަމުސާ ބަޓަރ އާއި 2 ސައިސަމުސާ ބްރައުން ޝުގަރ އެއްކޮށްގެން ހަދާފައިވާ ޕޭސްޓް ޝީޓްގައި ހާކާލާށެވެ. ދޮންކެޔޮ ޕޭސްޓްރީ ޝީޓްގެ އެއްކަނުގައި ބާއްވާލުމަށްފަހު ވީޑިއޯގައި ފެންނަގޮތަށް ރަނގަޅަށް އޮޅާލާށެވެ. މިރޯލްސް ވެސް އޮޅާލާނީ އަހަރެމެން އާއްމުކޮށް ސްޕްރިންގ ރޯލްސް ވެސް އޮޅާލާގޮތަށެވެ.

ރަނގަޅަށް ޕޭސްޓްރީ ޝީޓް ތައްނުވާނަމަ ފެންފޮދެއް ހާކާލުމަށްފަހު ރަނގަށަށް ތައްކޮށްލަން ހަނދާންކުރަންވާނެވެއެވެ.

މަޑު ގިނީގައި ގޯލްޑަން ބްރައުން ކުލަ އަރަންދެން ބަނާނާ ލުމްޕިއާތައް ފްރައިކޮށްލާށެވެ.

ބަނާނާ ލުމްޕިއާގެ މިކެއުން އިތުރަށް ފުރިހަމަކޮށްދެނީ ކާށިކިރު އަޅައިގެން ތައްޔާރުކުރާ މީރު ސޯސްއަކުންނެވެ. ކޮކޮނަޓް ކްރީމް އޮންގްލޭސް ވެސް ތައްޔާރުކޮށްލަން ނަގާނީ މަދު ވަގުތުކޮޅެކެވެ. އެެހެންނަމަވެސް އަހަރެމެން ބޭނުންވާ ކޮންސިސްޓެންސީގައި މިސޯސް ބެހެއްޓުމަށްޓަކައި ތައްޔާރުކުރަންޖެހޭނީ ވަރަށް ފަރުވާތެރިކޮށެވެ.

1/2 ޖޯޑު ދިޔާކިރަށް އަދި 1/2 ޖޯޑު ކާށިކިރަށް ވެނީލާ ޕޮޑް އެއްކުރުމަށްފަހު ތެއްޔެއްގައި މަޑުގިނީގައި ހޫނުކޮށްލާށެވެ. މި މިކްސްޗަރ ކެކިނުގަންނަނީސް، ތެއްޔަށް 1/4 ޖޯޑު ހަކުރު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

ބިހުގެ ގޮބޮޅިއާއި 1/4 ޖޯޑު ހަކުރު ރަނގަޅަށް ވިސްކް ކޮށްލާށެވެ. ރަނގަޅަށް ކްރީމީ ވަންދެން ވިސްކްކުރަމުން ގެންދާށެވެ.

ކުރިން ހޫނުކޮށްލި މިކްސް އުދުނޅިއެއް ބޭނުންކޮށްގެން މަޑުމަޑުން ފަހުން ކްރީމްކުރި ބިހުގެ ގޮބޮޅި މިކްސްއަށް އަޅާ އެއްކުރަމުން ގެންދާށެވެ. ފަރުވާތެރިކަމާއެކު ހުއްޓާނުލާ ވިސްކްކުރަމުން ނުގެންގޮސްފިނަމަ މިކްސް ހަލާކުވެ ބޭނުންވާ ކޮންސިސްޓެންސީ ނުހިފެހެއްޓިދާނެއެވެ.

އަދި އެއްފަަހަރު މަޑުގިނީގައި މުޅި މިކްސް ރަނގަޅަށް ވިސްކްކޮށް އަޮލަ ކޮށްލާށެވެ.

ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވުނު ބަނާލާ ލުމްޕިއާ އަދި ކޮކޮނަޓް ކްރީމް އޮންގްލޭސް އަކީ ރޯދަ ވީއްލުމަށާއި ތަރާވީހުގެ އިތުރުން ކޮންމެ ވަގުތެއްގައިވެސް ކޮމްފޯޓް ފުޑްއެއްގެ ގޮތުގައި ބޭނުންކޮށްލަށް ސަޅި ޑިޝްއެކެވެ.

comment ކޮމެންޓް