ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 21

"ކާނެ އެއްޗެއް ގެނެސް ދެން ތަ؟" ޚައުލާ އެހިއެވެ.

"ތިޔައީ ރަނގަޅު ކަމެއް. މުޅި ދުވަހު އަހަރެން މި އިނީ ކާން ވެސް ހަނދާން ނެތިފައި." ހިލާލު ބުންޏެވެ.

"މިހިރީ ކަދުރާއި ފެން." ޚައުލާ ބުންޏެވެ.

"ކޮން ތާކު ތިބާ ނިދާނީ؟" ހިލާލު އެހިއެވެ.

"ގޭގެ އަނެއް ބައިގައި." ޚައުލާ ބުންޏެވެ.

"އެއްޗެއް ބޭނުން ވެއްޖެ ނަމަ އަހަންނަށް ގޮވާލާ. އޭރުން އަހަރެން އަންނާނަން" ޚައުލާ ބުންޏެވެ.

"ޝުކުރިއްޔާ!" ހިލާލު ބުންޏެވެ.

*****

"ކީއްވެ އޭނާ އަހަރެންގެ ސިޓީ އަންދާލީ؟" މަލިކު ޣައްސާން އެއްސެވިއެވެ.

"އޭނާ އިތުރު ތަފްސީލެއް ނުދޭ. ސިޓީ އަންދާލީ. ދެން ބުނީ އަޅުގަނޑު ވެސް އަދި މަނިކުފާނުގެ އެހެން ގާސިދަކު ވެސް ތިމަންނާގެ ގާތަށް ދެން އައިސްގެން ނުވާނެޔޭ." އަސަދު ބުންޏެވެ.

"އަހަރެން ހައިރާން ވަނީ އަދަބެއް ލިބެމުން ދާ އިރު ވެސް މުސްލިމުން ޒައީމަށް އިހުލާސްތެރި ވާ މިންވަރު ފެނިފައި." މަލިކު ޣައްސާން ވިދާޅުވިއެވެ.

"އެއީ މޮޔައެއް. މަނިކުފާނަށް އެހީތެރި ވުމަށް ދެކޮޅު ހެދުމާ ގުޅިގެން އޭނާއަށް އެ ގެއްލުނީ ދެން އަލުން ނުލިބޭނެ ފަދަ ފުރުސަތެއް." އަސަދު ބުންޏެވެ.

"އަދި ކަލެއަށް ވެސް މިހާރު ތިޔަ ހުރި މަގާމު ގެއްލުނީ." މަލިކު ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑަށޭ ތޯ؟" އަސަދު ހައިރާންކަމާ އެކު ސުވާލު ކުރިއެވެ.

"އާނ. ކަލެއަކީ އެމީހުންގެ ޚަބަރުތައް ހޯދާން އަހަރެން ކަނޑަ އަޅައިފައިިވާ މުވައްޒަފެއް. އެކަމަކު މިހާރު އެމީހުންނަށް ކަލެއަކީ ކާކު ކަން އެނގުނީ. ތިޔައީ އަހަރެންގެ މުވައްޒަފެއް ކަން އެނގުނީ." މަލިކު ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަޒީފާ ގެއްލުނީމާ ކިހިނެއް ތޯ ދެން އަޅުގަނޑު އުޅޭނީ؟" ހަދާނެ ގޮތެއް ނޭނގިފައި ހުރި އަސަދު ރަސްގެފާނާ ސުވާލު ކުރިއެވެ.

"ވަޒީފާއަކީ މީހުންނަށް ޓަކައި އުފައްދާ އެއްޗެއް ނޫން. ވަޒީފާއަކީ ވަކި ކަމެއް ކުރުމަށް އުފައްދާ އެއްޗެއް. އެ ކަމެއް ނިމުނީމާ ނުވަތަ އެ ކަމެއް ކުރުމަށް އެ މީހަކު ނުކުޅެދުނީމާ ވަޒީފާ ގެއްލޭނެ. އަދި މި ކަހަލަ ވަޒީފާއެއްގައި އުޅެފައި ވަޒީފާ ގެއްލުމަށް ފަހު އެކި ތަންތަނުގައި އުޅުމަކީ އޭޭގެ ސަބަބުން އަހަންނަށް ވެސް ގެއްލުން ހުރި ކަމެއް. އެހެނީ އަހަންނާ ބެހޭ ގޮތުން ކޮންމެހެން އެނގޭން ނުޖެހޭ ވެސް އެތައް ކަމެއް ކަލެއަށް އެބަ އެނގޭ." މަލިކު ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ދިރި ހުރިޔަ ދެއްވާ! ސާހިބާ!" އަސަދު އާދޭހާ އެކު ބުންޏެވެ.

"އޭނާ ގެންގޮސް ވަކީން ޖަލުގޮޅިއަކަށް ލާފައި ބައިންދާ. އަހަރެންނަށް އޭނާގެ ބޭނުމެއް ޖެހޭން ދެން ނުވަތަ އޭޭނާ މަރުވާން ދެން." މަލިކު ޣައްސާން ފުލުހުންނަށް އަމުރު ކުރެއްވިއެވެ.

"އޯގާވެރި ވެ ވަޑައި ގަންނަވާ! ސާހިބާ! އަޅުގަނޑަށް އޯގާވެރި ވެ ވަޑައިގަންނަވާ!" އަސަދު އާދޭސް ކޮށްކޮށް ހުއްޓައި ފުލުހުން އޭނާ ގެންގޮސްފިއެވެ.

*****

އުޒުރެއް ނެތި ހަނގުރާމައިގައި ބައިވެރި ނުވެ ތިބި ތިން މީހުންގެ އަދަބު ފަންސާސް ދުވަހަށް ދެމިގެން ދިޔައެވެ. އެ ތިން މީހުންނަކީ ވެސް އިހުލާސްތެރި ތިން މީހުން ކަމުން، ފުރުސަތުގެ ބޭނުން ކޮށްގެން އެ މީހުން ގަނެލާން އުޅުނު ދުޝްމަނުންނަކަށް އެމީހުން ގަނެވޭ ގޮތެއް ނުވިއެވެ.

އެ މީހުން ދިޔައީ އެ މީހުންގެ ފާފަަ ފުއްސެވުން އެދި ﷲ އަށް ދުޢާ ކުރަމުންނެވެ.

"މިއަޅާ ހައްދަވައި ގެންގުޅުއްވާ އިލާހު! މިއަޅާގެ ފާފައަށް ވުރެ އިބަ އިލާހުގެ ފުއްސެވުމާއި ރަޙުމަތް ބޮޑު ވެގެންް ވޭ! މިއަޅާއަށް ފާފަ ފުއްސަވައި، މިއަޅާގެ ތައުބާ ގަބޫލު ކުރައްވައިފާނދޭ!" ކަޢުބު ދުޢާ ކުރަމުން ދިޔައެވެ.

ވަގުތަކީ ފަތިހުގެ ވަގުތެވެ. ބަންގީގެ އަޑު އިވުމުން ގޭގައި ހުރެގެން ކަޢުބު ނަމާދު ކުރިއެވެ.

*****

"އެ ތިން މީހުންގެ ތައުބާ ގަބޫލު ކުރެއްވި ކަން އެ ދުވަހު ﷲ އެންގެވި. ތައުބާ ސޫރަތުގެ 117 ވަނަ އާޔަތުން އެ ވާހަކަ ފެށެނީ. އަޢޫޛު ބި ﷲ މިނައްޝައިޠާނިއް ރަޖީމް. - ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجر ންނާއި، أنصار ންގެ މައްޗަށް اللَّه توبة ލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ تبع ވި ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (117) އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށްވެސް (توبة ލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެއުރެންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެއުރެންގެ އަމިއްލަ نفس ތައް އެއުރެންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި اللَّه ގެ حضرة ން (އެބަހީ: އެކަލާނގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެކަލާނގެ حضرة އަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެއުރެންނަށް يقين ވީ ހިނދުގައެވެ. ދެން އެއުރެން توبة ވުމަށްޓަކައި އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (118) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ! (119) المدينة ގެ أهل ވެރިންނާއި، އެއުރެންގެ ވަށައިގެންތިބޭ أعرابى ންގެ މީހުންނަކަށް، اللَّه ގެ رسول އާ އަރިހުގައި (ހަނގުރާމަޔަށް) ނުގޮސް ފަސްޖެހިފައި ތިބުމެއްނެތެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅަށްވުރެ، އެއުރެންގެ ފުރާނަތަކަށް އިސްކަންދިނުމެއްނެތެވެ. އެހެނީ، އެއުރެންނަށް صالح عمل އެއް ކަމުގައި ލިޔެވިގެން މެނުވީ، އެއުރެންނަށް އަނގަހިއްކުމެއް، އަދި ވަރުބަލިކަމެއްވެސް، އަދި ބަނޑުހައިހޫނުކަމެއްވެސް، اللَّه ގެ މަގުގައި އެއުރެންނަކަށް ނުޖެހޭނެއެވެ. އަދި كافر ން ރުޅިއަރާނެ ތަނަކަށް، އެއުރެންނަކަށް ފިޔަވަޅެއް ނޭޅޭނެތެވެ. އަދި عداوة ތެރިއެއްގެ ކިބައިން ގެއްލުމެއް އެއުރެންނަކަށް ނުލިބޭނެތެވެ. ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ. (120) އަދި އެއުރެންނަށް ލިޔެވިގެންދާ ގޮތުގައި މެނުވީ، އެއުރެން ކުޑަ ހޭދައެއްވެސް، އަދި ބޮޑު ހޭދައެއްވެސް ނުކުރާނެތެވެ. އަދި وادى އެއްވެސް ކަޑައްތުކޮށް އެއުރެން ނުދާނެތެވެ. (އެއީ) އެއުރެން عمل ކޮށް އުޅުނު އެންމެ ރީތިގޮތަށް، اللَّه އެއުރެންނަށް، ޖަޒާ ދެއްވުމަށްޓަކައެވެ. (121) އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، مؤمن ންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ قبيلة އަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) دين އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ قوم ގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް إنذار ކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ. (122) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ! (123) - ސަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ކިޔައި ދެއްވިއެވެ.

*****

"އުފާވެރިކަން ހުރި. ކަޢުބު! އުފާވެރިކަން ހުރި. ކަލޭމެންގެ ތައުބާ ﷲ ގަބޫލު ކުރައްވައިފި ކަން އަންގަވައިފި." ކަޢުބުގެ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި އުސްގަނޑެއްގެ މައްޗަށް އަރައި މީހަކު ގޮވައިލިއެެވެ. އަދި އެހެން ގޮވަމުން ކަޢުބުގެ ގެއާ ދިމާއަށް ދުވެފައި ދިޔައެވެ. އެ ވަގުތު އަބޫޤަތާދާގެ އެކުވެ ޠަލްޙާ ވެސް އެ ޚަބަރު ދިނުމަށް ކަޢުބުގެ ގެއަށް ދިޔައެވެ.

އެ ކަމާ ވީ އުފަލުން ކަޢުބު ފުރަތަމަ އެ ވާހަކަ ގޮވައިލި މީހާއަަށް ހަދިޔާ ވެސް ދިނެވެ. މި ގޮތުން އޭނާގެ އަބާޔާ ވެސް ދިނެވެ.

"ހިނގާ މިސްކިތަށް ދާން. އެކަމަކު އަބާޔާ ނުލައި ހަމަ އެކަނި ކުރުތާ ލައިގެން ﷲ ގެ ރަސޫލާއާ ބައްދަލު ކުރުމަށް މިސްކިތަށް ދިއުމަކީ ކަލޭގެ އާދައެއް ނޫން." ޠަލްޙާ ބުންޏެވެ.

"މި އަބާޔާ ލައިގެން ދޭ ﷲ ގެ ރަސޫލާއާ ބައްދަލު ކުރާން." އަބޫޤަތާދާ އޭނާގެ އަތުގައި އޮތް އަބާޔާއެއް ދިއްކޮށްލިއެވެ. ކަޢުބު މިސްކިތަށް ގޮސް ﷲ ގެ ރަސޫލާއާ ބައްދަލު ކުރިއެވެ. އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. ތިބާ ދުނިޔެއަށް އުފަން ވީ ފަހުން ތިބާޔާ ބައްދަލު ކުރި އެންމެ ހެޔޮ ދުވަހުގެ އުފާވެރި ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ. ﷲ ތިބާއަށް ތައުބާ ލައްވައިފިއެވެ.

"ތިޔައީ ކަލޭގެފާނުގެ ނިންމެވުމެއް ތޯ ނުވަތަ ﷲ އެންގެވި އެންގެވުމެއް ތޯ؟" ކަޢުބު ސުވާލު ކުރިއެވެ.

ރަސޫލާ ހިނިވަރުނަ ކުރެއްވިއެވެ. އަދި ހަދީސް ކުރެއްވިއެވެ. އަދި ކިޔެއްތަ! މިއީ ﷲ ގެ އެންގެވުމެކެވެ.

"އަލްޙަމްދު ލިއްލާހި! މިއަޅާ ތައުބާ ލެއްވީތީ އިބަ އިލާހަށް ޙަމްދާއި ޝުކުރު ދަންނަވަން." ކަޢުބު ﷲ އަށް ޙަމްދު ކުރިއެވެ. އަދި ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑުގެ ތައުބާ ގަބޫލު ކުރެއްވި ކަން ﷲ އެންގެވުމުން އެ ކަމުގެ އުފަލުގައި އަޅުގަނޑުގެ މުޅި މުދަލުން ސަދަގާތް ކުރާން އަޅުގަނޑު ބޭނުން."

ޖަވާބުގައި ރަސޫލާ ހަދީސް ކުރެއްވީ ކަޢުބުގެ އަތުގައި ކޮންމެވެސް ފުދޭވަރުގެ މިންވަރެއް ބެހެއްޓުމަށް ފަހު ދެން ހުރި ބައިން ސަދަގާތް ކުރުމަށެވެ.

*****

"މޫމިނުންނަށް ﷲ އަންގަވަނީ ﷲ އަށް ތަގުވާވެރި ވުމަށާއި ތެދުވެރީންނާ އެކު ވުމަށް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ސަދަޤަ ﷲ އަލްޢަޡީމް." ސަލްމާ ވިދާޅުވިއެވެ.

"ކާފާ! އިސްލާމް ދީނުގައި ހާދަ ބޮޑު އަހައްމިއްޔަތެކޭ ތެދުވެރިކަމަށް ދެއްވާފައި އޮތީ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އާނ. ދަރިފުޅާ! ނަބީކަމާއިގެން ފޮނުއްވުމުގެ ކުރީގައި ވެސް ﷲ ގެ ރަސޫލާގެ ލަގަބަކަށް އޮންނަނީ ތެދުވެރި އަމާނާތްތެރިޔާ. ވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަމޫނާ އެކަލޭގެފާނު ވަނީ ވަރަށް ފުރިހަމައަށް މި އުއްމަތަަށް ދައްކަވާފައިި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެންވީީމާ މުސްލިމަކު ދޮގު ހަދައިގެން ނުވާނެ. އެެހެން ނޫންތަ ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ޔަގީން. ތިޔައީ ތި ކަން އޮތް ގޮތް. ތެދުވެރިކަމަކީ އެންމެ މުހިއްމު ކަންތައް. ތެދުވެރި ވުމަކީ ކުށްތަކުން ސަލާމަތް ކޮށް ދޭ ކަމެއް. ކުށެއް ކުރެވިއްޖެ ނަމަ އޮތީ ތައުބާ ވުން. ﷲ އަށް ޝިރުކު ކުރުން ފިޔަވައި ކޮންމެ ފާފައެއް ވެސް އެ އިލާހު ފުއްސަވާނެ. އެހެންނަމަވެސް މުސްލިމަކު ދޮގު ހަދައިގެން ނުވާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ދޮގު ހެދުން ތަކުރާރު ކުރާ މީހާއަކީ ދޮގުވެރިއެއް ކަމުގައި ﷲ ލިޔުއްވާނެ." ސަލްމާ ވިދާޅުވިއެވެ.

"ﷲ ދަރިފުޅަށް ބަރަކާތް ލައްވާށި. މިހާރު މެންދުރު ވެ ހޫނު ވާން ވެސް ފަށައިފި. ވީމާ ދެން އަވަހަށް ދާންވީ އައްސޭރިއަށް ކައިރި ކުރާން. އަދި އަސްރު ވަގުތުގެ ކުރީން ގެއަށް ދެވޭތޯ ބަލާން ވާނެ. މާދަމާ ވެސް ރީތި ވާހަކައެއް ކިޔައި ދޭނަން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް