މުޅި ދުވަހު ނިދަނީ، ރޯދަ ރަނގަޅުވާނެތަ؟

މިދުވަސްވަރު އަހަރެމެން ތިބެން ޖެހިފައިމިވަނީ ގޭގައެވެ. ގެއިން ބޭރަށް ނުކުތުމާއި ވަޒީފާއަށް ދއުންފަދަ ހުރިހާކަމެއްވެސް މި ދަނޑިވަޅަށް މިއޮތީ މަނާވެފައެވެ. އެއާއެކު އެއްބަޔަކަށް މިއީ ނިދަން ލިބޭ ރަނުގެ ފުރުސަތަކެވެ. ރޭގަނޑު ފަތިސް ވަންދެން ހޭލާ ތިބުމަށްފަހު ލޯހުޅުވެނީ އަސްރުވާއިރެވެ. މި ނުބައި އާދަ އެތަށް ބައެއްގެ ކަށީގައި ހަރުލަމުންދާއިރު މިފަދައިން ހިފާ ރޯދައެއްގެ ޘަވާބާއި ދަރުމަ އެމީހަކަށް ހައްގުވާނެ ބާވައެވެ؟

ރޯޑަ ސުންބުލީގެ މިއަދުގެ ސުވާލަކީ މިއީއެވެ. އުސްތާޒާ ސާމިޔާ ޒަކަރިއްޔާމިވަނީ މިކަމަށްވެސް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ.

ސ: ރޯދަމަހު ދުވާލުއެއްކޮށް ނިދާ މީހާގެރޯދަ ރަނގަޅުވާނެތަ؟

ޖ: ރަމަޟާން މަހުގެ ރޭގަނޑު ވަރަށް ލަސްވެންދެން ހޭލާ ތިބުމަކީ ޒުވާނުންގެ މެދުގައި ހާއްސަކޮށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ރަމަޟާންމަސް ނޫނަސްވެސް މިއީ އާންމު މަންޒަރެކެވެ. އެއާޢެކު ދުވާލުގެ ވަރަށް ގިނަވަގުތު ހޭދަކުރެވެނީ ނިދުމުގައެވެ. ބައެއްފަހަރު އަސްރަށްވުރެ ފަހުންވެސް ހޭލެވޭތަން އާދެއެވެ.

އެހެންނަަމަވެސް ރަމަޟާންމަހަކީ އަޅުކަމަށް ހާއްސަވެގެންވާ މައްސަރެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. ރޭގަނޑުގެ ގިނަވަގުތުތަކެއް ހޭލާތިބިކަމުގައިވިޔސް އެވަގުތުތަކުގައިވެސް އަޅުަކަންކުރުމަށް އިސްކަންދޭންޖެހެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ނިދިކަމުގައިވިޔަސް ނަމާދުގެ ވަގުތުތަކަށް ރައްކާތެރިވާންޖެހެއެވެ. އެހެންކަމުން އެހާގިނަ ވަގުތު ނިދުމަކީ ރޯދައިގެ މަގްސަދުވެސް ގެއްލޭ ނޭދެވޭ ކަމެކެވެ.

ހަގީގަތުގައި ރޯދަމަހު ނަމާދުނުކޮށް ހިފާ ރޯދައަކުން ހަގީގީ ޘަވާބެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. އެންމެ މާތް އަޅުަކަމަކީ ނަމާދުކުރުން ކަމުގައިވާއިރު، ނަމާދުނުކޮށް ކުރާ އަޅުކަމެއް މާތް ﷲ ގަބޫލްނުކުރައްވާނެކަމަށް ހަދީޘުންވެސް ސައްޚަމަގުން އެނގެއެވެ.

އެހެންކަމުން ނަމާދުނުކޮށް ހުރެ ރޯދަމަހު ދުވާލު ހަތަރުދަމު ބަނޑުހައިހޫނުކަން މަތީ ތިބުމުގެއެއްވެސް މާނައެއް ނެތެވެ. އަދި އަމުދުން ނަމާދުނުކޮށް ނިދަން ތިބުމަކީ ވަރަށް ގޯސް އަމަލެކެވެ. އެހެންކަމުން ވީވަރަކުން ނަމާދަށް ރައްކާތެރިވެ ހިފާ ރޯދައަކުން އޭގެ ފުރިހަމަ ޘަވާބު ލިބޭނެ އެވެ.

comment ކޮމެންޓް