މެދުއިރުމަތީ ގައުމުތަކުގެ ކެއުންތަކަކީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެންމެ ހިނގާ އެއް ރަހަ އެވެ. އަރަބި ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްްތައް އިތުރުވުމާއި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން މިގައުމުތަކަށް ކުރާ ދަތުރުތަކަށްފަހު ތަފާތު އެކި ރަހަތައް ހިމެނޭ މި މުއްސަނދި ކުއިޒީން އަށް ހިތްދޫވަނީކަމަށްވެސް ވެދާނެ އެވެ.
މިދިޔަ އަހަރުގެ ސަން ބަދިގޭގަވެސް މީރު ކެއުންތަކެއް ތައްޔާރުކޮށްލަދިން އައިމިނަތު ރުޚުޝާ އަހުމަދު(ތޫތަ) މިފަހަރުވެސް އަހަރެމެންނާއިއެކު ސަންބަދިގޭގައި ބައިވެރިވެ އެވެ. ރަޝިޔާއަށް ޑޮކްޓަރުކަން ކިޔެވުމަށް ކުރި ދަތުރުގައި ކެއްކުމަށް ހިތްދޫވިގޮތަށް ތޫތަ އަދިވެސް މިއުޅެނީ ބަދިގެތެރޭގައި އަވަދިނެތި އެވެ. ފޮނިތޮށިއެމްވީ އިންސްޓާގްރާމް ޕޭޖަށް އަހަރެމެން އެންމެ ގަޔާވާނެހެން ހީވާ ރެސިޕީތައް އިރުޝާދުތަކާއެކު އަޕްލޯޑްކުރަމުން ތަފާތު ކާއެއްޗެހީގެ އެކްސްޕެރިމަންޓްތައް ހަދަމުން ކެއްކުމުގެ ދުނިޔޭގައި ތޫތަ ފަސްބެލުމެއްނެތި ދަނީ ކުރިއަރަމުންނެވެ.
މިއަދުގެ ސަން ބަދިގޭގައި ތޫތަ އަހަރެމެންނާ ހިއްސާކޮށްލީ ތަހިނީ ސޯސް ތައްޔާރުކުރާނެގޮތެވެ. އަރަބި ކެއުންތަކުގައި ރަހަހެޔޮވަރުކޮށްދިނުމުގެ މުހިއްމު ދައުރެއް އަދާކުރާ ތަހިނީ ސޯސް ތައްޔާރުކޮށްލުމަށް މިއޮތީ ވަރަށް ފަސޭހަ ރެސިޕީއެކެވެ.
ބޭނުންވާތަކެތި:
•150 ގުރާމް ސެސެމީ ސީޑް
•20 އެމްއެލް އޮލިވް އޮއިލް
ތައްޔާރުކުރާނެ ގޮތް:
ތަވައެއްގަައި ސެސެމީ ސީޑްތައް މަޑުގިނީގައި ރަނގަޅަށް ހަނާކޮށްލާށެވެ. އެއަށްފަހު ފުޑް ޕްރޮސެސަރ އެއްގައި ސެސެމީ ސީޑްތައް އޮލިވްއޮއިލްފޮދު އަޅާލުމަށްފަހު މުގުރާލާނީއެވެ.
ވަރަށް ފަސޭހައިން ތިތައްޔާރުކޮށްލެވުނީ ތަހިނީ ސޯސްއެވެ. 2 ހަފްތާވަންދެން ފްރިޖްގައި މިސޯސް ބަހައްޓައިގެން ބޭނުންކުރެވޭނެއެވެ.
ތަހިނީ ސޯސްއަކީ ބިސްކޯދާއި އެކު ނުވަތަ ޓޯސްޓް ފޮއްޗަކާއިއެކުވެސް ކާލަން ކަމުދާނެ ޑިޝްއެކެވެ. ސަން ބަދިގޭގެ ކުރިއަށްހުރި ރެސިޕީތަކަށް އިންތިޒާރުކޮށްލާށެވެ. ތަހިނީ ސޯސް ބޭނުންކޮށްގެން ފަސޭހަކަމާއިއެކު ގޭގައި ހުމޫސް ތައްޔާރުކޮށްލަދޭނެގޮތްވެސް ތޫތަ މިފަހަރުގެ ސަންބަދިގެ ސީރީޒް މެދުވެރިކޮށް ހިއްސާކޮށްލަދޭނެއެވެ.