ފުލުހުންގެ ބޮޑެތި ތަހުގީގުތަކުގެ ތަފްސީލް ޕީޖީއާ ހިއްސާކުރަން އަންގައިފި

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ހިންގާ ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތަހުގީގާ ގުޅޭ ތަފްސީލީ މައުލޫމާތު މަދުވެގެން ހަފްތާއަކު އެއްފަހަރު، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާ ހިއްސާކުރުމަށް ފުލުހުންނަށް އަންގައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެެރަލް ހުސެއިން ޝަމީމް މިއަދު ވަނީ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު" ނަމުގައި އުސޫލެއް އެކުލަވާލައްވައި އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފުލުހުންނަށް އަންގަަވައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އުސޫލަކީ، ޖިނާއީ ބޮޑެތި ކުށްތަކުގެ ތަހުގީގުތައް ހިންގަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ބާރުގެ ދަށުން އެންގެވި އެންގެވުމެއް ކަމަށެވެ.

އެ އުސޫލުގެ ތަފްސީލްތައް ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް މިއަދު ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލަތަކާއި ބަންދުގައި މީހުން ބަހައްޓައިގެން ހިންގާ ތަހުގީގުތައް ރޭވިފައިވާ ގޮތާއި ތަހުގީގު ގެންދާ މިސްރާބު މަދުވެގެން ހަފްތާއަކު އެއްފަހަރު ޕީޖީއާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

''އޭގެ އިތުރުން އެ މައްސަލައެއްގެ ދަށުން ތަހުގީގު ކުރުމަށް ގަސްތުކޮށްފައިވާ ކަންކަންވެސް ޕީޖީއާ ހިއްސާ ކުރުމަށް އަދި ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވި ހައްޔަރުކޮށްފައިނުވާނަމަ، ނުވަތަ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާނަމަ 15 ދުވަހުން 15 ދުވަހުން އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތުވެސް ޕީޖީއާ ހިއްސާ ކުރަންޖެހޭނެ.'' ޝަފީއު ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި ތަހުގީގުގެ މިސްރާބު ހުރި ގޮތް އަދި ތަހުގީގަށް ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދިފައިނުވާ ނަމަ، ނުވާ ސަބަބު އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން މައްސަލައިގެ އަދަބަށް އަސަރުކޮށްފާނެ ފަދަ ކަމެއް ވާނަމަ އެކަމުގެ މައުލޫމާތު ވެސް ޕީޖީ އޮފީހާއި ހިއްސާ ކުރުމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ.

ހެކިންނަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނަ ނަމަ އެކަމުގެ މައުލޫމާތު އަދި ތަހުގީގު ކުރާ އައިއޯ (އިންވެސްޓިގޭޓިވް އޮފިސަރު) މުޅި މައްސަލައާ މެދު ދެކޭގޮތް ބަޔާން ކޮށް ޕީޖީއަށް އެ މައުލޫމާތުވެސް ހިއްސާކުރެވެން ވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ސޮއިކުރައްވައި މިއަދު ނެރުނު މި އުސޫލުގައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެ އުސޫލުތައް ފުރިހަމައަށް އަމަލުކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގަވައިފަ އެވެ.

ޕީޖީ މިފަދަ ގޮތަކަށް ފުލުހުންނަށް އަންގަވާފައި މި ވަނީ، މިދިޔަ ފެބުރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، ދައުވާ ނުކުރެވި އެ މީހުން މިނިވަންވި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ފުލުހުން ބުނެފައި ވަނީ، އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގާއި ހެކި ހޯދުމަށް ކޮށްފައިވާ މަސައްކަތް ރަނގަޅު ކަމަށެވެ. އަދި ތަހުގީގު އިތުރަށް ފުރިހަމަ ކުރަން މައްސަލައިގައި ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައި ވާތީ، އެކަމުގައި ދެން އަމަލު ކުރެވޭނެ ގޮތެއް ޕީޖީއާ މަޝްވަރާކޮށްގެން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް