ސިއްހީ ހިދުމަތްތެރިންނަށް ގަތަރު އެއާވޭސްއިން ހިލޭ ޓިކެޓް ދެނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް ކައިރީ އެ އެއާލައިންގެ ބައެއް ޕައިލެޓުންނާއި ކެބިން ކްރޫއިން ---

ކޮވިޑް19 އާއި ގުޅިގެން ފްރޮންޓުލައިންގައި މަސައްކަތްކުރާ މެޑިކަލް ޕްރޮފެޝަނަލުންގެ ތެރެއިން އެއްލައްކަ މީހުންނަށް ހިލޭ ޓިކެޓު ދޭން ގަތަރު އެއާވޭސް އިން ނިންމައިފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން ގަތަރު އެއާވޭސް އިން ނިންމާފައިވަނީ ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭގޮތަށް މެޑިކަލް ޕްރޮފެޝަނަލުންގެ ތެރެއިން ހޮވާލެވޭ އެއްލައްކަ މީހަކަށް ބޭނުން މަންޒިލަކަށް ދަތުރު ކުރުމަށް ހިލޭ ދެކޮޅު ޓިކެޓު ދިނުމަށެވެ.

މިއީ ކޮވިޑް19 ގެ މިހާލަތުގައި މެޑިކަލް ޕްރޮފެޝަނަލުން ކުރާ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރުމަށް އެ އެއާލައިނުން ދޭ ހަދިޔާއެކެވެ. އެ އެއާލައިނުގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކުރު ވިދާޅުވީ މި ހާލަތުގައި މެޑިކަލް ޕްރޮފެޝަނަލުން ކުރަނީ ޝުކުރު އަދާނުކުރެވޭނެ ފަދަ މަސައްކަތެއް ކަމަށާއި އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށެވެ.

ގަތަރު އެއާވޭސްއިން ބުނީ މި ޓިކެޓުތައް ހޯދުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން، ފާމަސިސްޓުން އަދި ލެބްޓެކްނިޝަނުންނާއި ކްލިނިކަލް ރިސާޗަރުންނަށް އޮންނާނެ ކަމަށެވެ.

އެޕްލިކޭޝަން ޕްރޮސެސް ޓްރާންސްޕޭރެންޓުކޮށް ގެންދިޔުމަށް އާބާދީގެ ނިސްބަތުން ކޮންމެ ގައުމަކަށްވެސް ދުވާލަކަށް ވަކި މިންވަރަކަށް ޓިކެޓު ދޭނެ އެވެ.

ގަތަރު އެއާވޭސް އިިނ ބުނީ ފްރޮންޓްލައިން މަސައްކަތްތެރިންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް، ކޮންމެ މީހަކަށްވެސް އިކޮނޮމީ ކްލާހުން ދެ މީހަކަށް ދެ ކޮޅު ޓިކެޓު (މެޑިކަލް ޕްރޮފެޝަނަލަށާއި އިތުރު އެކަކަށް) ބުކް ކުރެވޭނެ ކަމަށެވެ. އެ އެއާލައިނުން ދަތުރުކުރާ ކޮންމެ މަންޒިލަކަށްވެސް ޓިކެޓު ބުކް ކުރެވޭނެއެވެ. މީގެ އިތުރުން ގަތަރު އެއާވޭސްގެ ހަބް، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ އިން 35 ޕަސެންޓް ޑިސްކައުންޓުވެސް މި ފަރާތްތަކަށް ލިބޭނެއެވެ.

ގަތަރު އެއާވޭސް އިން ބުނީ މެޑިކަލް ޕްރޮފެޝަނަލުންނަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ނޮވެމްބަރު 26 އާއި ހަމައަށް އޮންނާނެ ކަމަށެވެ. މެއި 18 އާއި ހަމައަށް ޓިކެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ މި ރިސްކީ ހާލަތު ނިމުމާއެކު މެޑިކަލް ޕްރޮފެޝަނަލުންނަށް ހަމަޖެހިލައި ޗުއްޓީ ހޭދަކޮށްލުމަށް ދޭ ފުރުސަތެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

ކޮވިދް19 ގެ މިހާލަތުގައި ގަތަރު އެއާވޭސް އިން ދަނީ އެކި ގައުމުތަކުގައި ތާށިވެފައި ތިބި ރައްޔިތުން އެ މީހުންގެ ގައުމަށް ގެންދިޔުމަށް ހާއްސަ ދަތުރުތައް ބާއްވަމުންނެވެ، އަދި އަންނަ މަހުގެ 30 އިން ފެށިގެން އެ އެއާލައިނުން ދަތުރުކުރާ 80 މަންޒިލަކަށް ދަތުރުތައް ފަށަންވެސް ވަނީ ތައްޔާރުވެފައެވެ.

comment ކޮމެންޓް