ރާއްޖެ ހުޅުވާލާއިރު ޓޫރިސްޓުންނާއެކު ފްލައިޓުތައް އަންނާނީ ވީއައިއޭއަކަށް ނޫން

މާޗް 18، 2020: ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ މިހާލަތަށްފަހު ރާއްޖެ އަލުން ހުޅުވާލާއިރު، މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ފަތުރުވެރިން އަންނަ ޖެޓުތައް ނުވަތަ ޗާޓާޑް ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެ އޮންނަ ހާލަތަށްބަލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ޖެޓްސް ނުވަތަ ޗާޓާ ފްލައިޓްސް ގެނެވޭނީ ކޮން ގޮތަކަށްތޯ ބަލަމުންދާ ކަމަށެވެ.

"އަދި އެވަރުގެ ރަންވޭ ހުރި އެއާޕޯޓުތަކަކީ ކޮބައިކަމާއި އެފަދަ އެއާޕޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން އަނބުރާ ރަށަށް ނުގޮސް ކަރަންޓީނު ޕީރިއަޑެއްގައި[މަސައްކަތް] ކުރެވޭނެ ގޮތްތައް ދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އެއާޕޯޓުތަކަށް އަންނަ ފަތުރުވެރިންނަކީ ކޮވިޑް19 އަށް ޓެސްޓުު ކުރެވިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރުމަށްދާ ރިސޯޓުތަކަކީ ޕީޕީއީގެ އިތުރުން ވަކި ފެންވަރަކަށް މެޑިކަލް ފެސިލިޓީސް ލިބެން ހުންނަ ތަންތަނަށް ވާންޖެހޭނެކަމަށާއި އަދި އެ މީހުން ގެންދިޔުމަށްފަހު ކަރަަންޓީނު މުއްދަތެއް ފުރިހަމަކޮށް އަލުން ޓެސްޓު ހަދައި ޓެސްޓު ނެގެޓިވް ވުމަށްފަހު ނޫނީ ރަށުތެރެއަށް ދޫކޮށްނުލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާ ހިސާބަށް ދާއިރު އެ އެއާޕޯޓުގައި ހުންނަންޖެހޭނެ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ދިރާސާއެއްވެސް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އެއަށްފަހު ތިންވަނަ ފޭސްއެއްގައި ނިއު ނޯމަލްގައި ފަސިންޖާ އެއާލައިންތަކުން ފަތުރުވެރިން އަންނަން ފެށީމާ އެ ހާލަތުގައި ކަންކުރާނެ ގޮތްވެސް ވަނީ އެކުލަވާލާފައި،"

މިނިސްޓަރު ވިދާޅުވީ މިކަންތައް ފައިނަލްކުރާނީ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް އިކޮނޮމިކް ކައުންސިލުން ކަމަށެވެ.

އަދި މި މިންގަނޑުތައް ފައިނަލްކޮށް ރިސޯޓުތައް ހުޅުވާލާއިރު ރިސޯޓުތަކުން އެކަމަށް ތައްޔާރުވުމަށް އެއް މަސް ލިބޭނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޯޑަރު ހުޅުވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސްކުރާނެ ދާއިރާތައް އަދި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލީ، ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގައި ކަމަށެވެ.

އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލްވުމުން ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ވާތީ އެވެ. އަދި އެ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

comment ކޮމެންޓް