ހާރުކަނިކޮށް ބަންގި ގޮވައިފިނަމަ ދެން ހަދާނީ ކިހިނެއް؟

ބައެއްފަހަރު ތަންކޮޅެއް ލަހުން ހޭލެވިގެން ނުވަތަ އޮޅުމަކުން ނަމަވެސް ހަރުކާން އިންދާ ބަންގިގޮވުމަކީ ދިމާވާ ކަމެކެވެ. މިފަދަކަމަކުން ދުރުހެލިވުމަށް ސަމާލުކަންދޭން ޖެހޭއިރު އޮޅުމަކުންނަމަވެސް މިކަން މެދުވެރިވެއްޖެނަމަ އެމީހެއްގެ އެ ރޯދަ ސައްޚަވާނެ ބާވައެވެ. ނުވަތަ އެހިސާބުން އެ ރޯދަ ބާތިލްވީބާއެވެ.

މިއަދު ރޯދަ ސުންބުލީގައި މި ބަލާލަނީ މިފަަދައިން ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތަށެވެ. ޖަވާބުދެއްވާފައިވަނީ އުސްތާޒާ ސާމިޔާ ޒަކަރިއްޔާއެވެ.

ސ: ހާރުކައި ނުނިމެނީސް ފަތިސް ނަމާދު ބަންގި ގޮވައިފިނަމަ ނުވަތަ އިރުއޮއްސުމުގެ ކުރީން އޮޅުމަކުން ރޯދަވީޢްލިއްޖެނަމަ ދެން ހަދާނީ ކިހިނެއް؟

ޖ: ރޯދަ އަށް ހުއްޓާ ބައެއްފަހަރު ތަންކޮޅެއް ލަހުން ހާރުކާން ތެދުވެވޭތީ ނުވަތަ ގަޑި އޮޅުމުގެ ސަބަބުން ހާރުކާން ތިއްބާ އެބަ ބަންގި ގޮވައެވެ. ހަމަ އެގޮތަށް ރޯދަ ވީއްލުމުގައިވެސް އޮޅުމަކުން ކުޑައިރުކޮޅެއް އަވަހަށް އެބަ ރޯދަވީއްލެއެވެ. މިހާލަތުގައި ރޯދަ ވެރިޔާ ހާރުކާއިރުގަވެސް ފަޖުރުއްސޯދިޤުގެ އަލިކަން ފާޅުވެއްޖެތޯ ނޫންތޯ ޔަގީން ކުރަންޖެހޭނެއެވެ.

އެހެން ނަމަވެސް އޮޅުމަކުން އެކަހަލަ ކަމެއް ހިނގައިފި ކަމުގައި ވާނަމަ އެމީހާ އަވަހަށް އަނގައިގަ ހުރި ކާ އެއްޗެހި އުކާލާފަ ކޯދޮވެލައިގެން އެދުވަހު ރޯދަ އަށް ހުންނާނީއެވެ. ހަމަ އެގޮތަށް ރޯދަ ވީއްލާއިރު އެއަށް ވުރެވެސް ބޮޑަށް މިކަމަކަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެން ނަމަވެސް އޮޅުމަކުން އެފަދަ ކަމެއް ވެއްޖެނަމަ ނުވަތަ އެމީހަކު ވަރަށް ބޮޑަށް ބަލާފަވެސް އޮޅިއްޖެނަމަ އެ ރޯދަ ރަނގަޅު ވާނެއެވެ.

ސަބަބަކީ މިކަމުގައި އޮންނަނީ ޔަޤީންވުމެވެ. ޔަޤީންކަމާއި އެކު އޭނަ ރޯދަ ވީއްލައިފި ނަމަ އެ ރޯދަ ޞައްޙަ ވާނެއެވެ. އެހެންނަމަވެސް އޭނައަށް ބެލެންހުއްޓާ އަދި އެނގެން ހުއްޓާ އެވަރަށް ފަރުވާތެރިނުވެ ނުބަލާ ރޯދަ ވީއްލައިފިނަމަ ނުވަތަ އެމީހަކު ހުރީ ދަތުރެއްގެ މަތީގައިވެސް ނޫންނަމަ ޔަގީންކުރަންޖެހޭނެއެވެ. އަދި އެގޮތަށް ރޯދަ ވީއްލިއްޖެކަމަށް ވަނީނަމަ ރަނގަޅު ގޮތަކީ ރޯދަ ޤަޟާ ކުރުމެވެ.

comment ކޮމެންޓް