ކޮރޯނާވައިރަސް: ތިން ބޭހެއް އެއްކޮށް ޓެސްޓު ކުރުމުން އުއްމީދީ ނަތީޖާއެއް

ކޮރޯނާވައިރަހަށް ދޭނެ ފަރުވާއަކާއި ވެކްސިނެއް ހޯދުމަށް އެކި ގައުމުތަކުގައި ދަނީ ދިރާސާތައް ކުރަމުން -- ފޮޓޯ: ރޮއިޓާސް

ހޮންކޮން (މެއި 10): ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް ތިން އެންޓިވައިރަލް ބޭހެއް އެއްކޮށް ދިނުމުގެ ނަތީޖާ ރަނގަޅު ކަމަށް ހޮންކޮންގެ ދިރާސާއަކުން ދައްކައިފި އެވެ.

މެޑިކަލް ޖާނަލް ދަ ލާންސެޓުގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައިވާ ގޮތުން 127 މީހަކު ބައިވެރިވި އެ ދިރާސާގައި 86 މީހަކަށް ވަނީ މަލްޓިޕުލް ސްކްލެރޯސިސް ބޭސް އިންޓަފެރޮން-1ބީ އާއި އެޗްއައިވީ ބޭސް ލޮޕިނަވިރު-ރިޓޮނަވިރް އަދި ހެޕަޓައިޓިސްއަށްދޭ ރައިބަވައިރިން ބޭސް އެއްކޮށް ދީފަ އެވެ. އަދި އެ ތިން ބޭސް އެއްކޮށް ނުދޭ މީހުންނާ އަޅާ ބަލާއިރު ބޭސް ދިން މީހުންގެ ބަލި އެވަރެޖުކޮށް ފަސް ދުވަސް ކުރިން ރަނގަޅުވި ކަމަށް ދިރާސާގައިވެ އެވެ.

އެ ދިރާސާ ހެދި ސައިންސުވެރިން ވަނީ އެއީ މުހިއްމު ނަތީޖާތަކެއް ކަމަށާއި ގިނަ އަދަދެއްގެ މީހުންނާއި ހާލު ސީރިއަސް ބަލި މީހުން ހިމަނައިގެން އެ ބޭސްތައް އިތުރަށް ޓެސްޓު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހަށް ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް އެކި ގައުމުތަކުގައި ސައިންސުވެރިން ދަނީ ޓެސްޓުތައް ހަދަމުންނެވެ.

ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ހަތަރު މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 279،000އަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް