ފަތުރުވެރިންނަށް ދިން ހަމަލާގެ ތަހުގީގު ފުރިހަމަ ނުވުމަކީ ދައުލަތުގެ ނިކަމެތިކަން: ހަސަން ލަތީފު

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ވަޅިން ހަމަލާދީ ފަތުރުވެރިންތަކެއް ޒަހަމްކޮށްލި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވެގެން ދައުވާ ނުކުރެވުމުން ދޭހަވަނީ ދައުލަތުގެ ނިކަމެތިކަން ކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ފަތުވެރިންނަށް ހަމަލާދިން މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމުން، ޕީޖީ ނިންމަވާފައި ވަނީ އެމައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާކުރެވެން ނެތް ކަމަށެވެ. އަދި މައްސަލަ ވަނީ ތަހުގީގު ފުރިހަމަ ކުރުމަށް އަނބުރާ ފުލުސް އޮފީހަށް ފޮނުވާލާފަ އެވެ. އަދި މިހާރު ވަނީ އެމައްސަލަ ތަހުގީގު ކުރަން އަދި ދައުވާކުރަން ގާނޫނުގައި ދީފައި އޮތް މުއްދަތު ހަމަވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ހަސަން ލަތީފު ވިދާޅުވީ، އެފަދަ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް ފަސޭހަވާނެ ގޮތަށް އަދި ފުލުހުން އެދުނު ގޮތަށް މަޖިލީހުން ގާނޫނުތައް ފާސްކޮށްދީ، ގާނޫނުތަކަށް ބަދަލުގެނެސްދީފައިވާނެ ކަމަށެވެ.

"ދެން ތަހުގީގު ފުރިހަމަ ނުވާ ކަމަށްވަންޏާ އެއީ ވަރަށް ދެރަކަމެއް. ހަގީގަތުގައި ވަރަށް ސީރިއަސް މައްސަލައެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަބަދުވެސް ދިމާވާ މައްސަލައެއް މިހާރަކު ދިމާވެގެން ނުވާނެ. ކުރީގައި ދިމާވާ މައްސަލަތައް އަޅުގަނޑުމެންނަށް އެނގޭ ކީއްވެގެންކަން. އެހެންނަމަވެސް މިހާރު އެއޮތީ އަޅުގަނޑުމެން ގާނޫނަށް ގެންނަން ޖެހޭ ބައިވަރު ބަދަލުތައް ގެނެސްފަ ފުލުހުން ބޭނުންވާ ގޮތަށް ތަހުގީގުތައް ކުރެވޭގޮތަށް އެއޮތީ ގާނޫނު ފުރިހަމަ ކޮށްދީފައި." ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ޕީޖީއަށް ފުލުސް އޮފީހާ ގުޅިގެންވެސް އެފަދަ މައްސަލަތައް ތަހުގީގު ކުރެވޭނެ ކަމަށާއި އެބާރުވެސް ޕީޖީއަށްވެސް އޮންނަ ކަމަށެވެ.

"ހަގީގަތުގައި ދައުލަތުގެ ނިކަމެތިކަން އޭގެން ފެންނަނީ މިފަދަ ބޮޑު މައްސަލައެއް ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ނުކުރެވޭ ކަމަށްވަންޏާ." ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެވާހަކަ ދައްކަނީ ޕީޖީ އަދި ފުލުހުންގެ ބޮލުގައި އިލްޒާމެއް އަޅުވަން ނޫން ކަަމަށެވެ. އެހެން ނަމެވެސް މުޅި ދައުލަތް މަޖިލިސްވެސް ހިމެނޭ ގޮތަށް ވެގެންދާ ވަރަށް ނުރަނގަޅު ކަމެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ބޭރު ގައުމުތަކުން ފަންނީ އެހީ ހޯދައިގެން ތަހުގީގު ފުރިހަމަ ނުވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

"އެއްގޮތަކީ [ފުލުހުންގެ] ގާބިލުކަން ނެތީ. އަނެއް ގޮތަކީ ގަސްތުގައި އެބޭފުޅުން ކުރައްވަން ބޭނުންފުޅު ނުވަނީ މިފަދަ މައްސަލަތަކުގެ ތަހުގީގު." ހަސަން ލަތީފު ވިދާޅުވި އެވެ.

މިއަދު ކޮމިޓީއިން ނިންމަފައި ވަނީ އެމައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ލިޔުމުން ސާފުކުރުމަށް ޕީޖީ އަދި ފުލުހުންނަށް ސިޓީ ފޮނުވުމަށެވެ.

މިދިޔަ ފެބުރުއައީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. މި މައްސަލައިގައި އަށް މީހަކު ހައްޔަރު ކުރި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނުގައި ބުނާ މުއްދަތުތެރޭގައި ދައުވާ ކުރުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް ޕީޖީގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ހެއްކާ ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް [ޕީޖީއިން] ނިންމުމާ ގުޅިގެން މި މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ވަނީ ބަންދުން ދޫކުރެވިފައި،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް