ފަތުރުވެރިންނަށް ހަމަލާ ދިން މީހުން ދޫވީ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރުމުން: ފުލުހުން

ހުޅުމާލޭ ކްރައިމް ސީންއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ބިދޭސިންތަކަކަށް ވަޅިން ހަމަލާ ދިން މީހުން ދޫވީ، ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެެނެރަލް އޮފީހުން ދައުވާ ނުކުރުމުން ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މިދިޔަ ފެބުރުއައީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. މި މައްސަލައިގައި އަށް މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނުގައި ބުނާ މުއްދަތުތެރޭގައި ދައުވާ ކުރުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް ޕީޖީގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ހެއްކާ ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް [ޕީޖީއިން] ނިންމުމާ ގުޅިގެން މި މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ވަނީ ބަންދުން ދޫކުރެވިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޒާޔު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް މައްސަލަ ފޮނުވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު ރިޔާޒު ވިދާޅުވީ، އަށް މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ މީހާ ހައްޔަރުކުރީ މާޗު މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެ އެވެ ފުލުހުން އެދޭނަމަ މައްސަލައިގެ ބާވަތައް ބަލައި އިތުރު 30 ދުވަސް ދައުވާ ކުރުމަށް އިހްތިޔާރު އެ ގާނޫނުން ދީފައިވެއެވެ. އެހެން ކަމުން ގިނަވެގެން 75 ދުވަހުގެ ތެރޭ ދައުވާ ކުރަން ފޮނުވަން ޖެހެއެވެ. . އަދި ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި އެފަދަ މީހުންގެ މައްޗަށް ދައުވާ އުފުލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އަސްލު މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ބެލެވޭތީ އެ މީހުންގެ މައްޗަށް ތުހުމަތުވާ އެހެން މައްސަލަތަކެއް ހުރުމުން، ފުލުހުން މިހާރު ވަނީ އެ މައްސަލަތަކުގައި ތަހުގީގު ފަށާފަ އެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ރިޔާޒް މީގެ ކުރިން ވިދާޅުވީ ތަހުގީގަށް ބިދޭސިންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ހަމަލާދިނުމުގައި ބޭނުންކުރި ސައިކަލުތަކާއި، ބަދަލުކޮށްފައި ހުރި ނަންބޯޑުތަކާއި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ހޯދުނު ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެ މީހުންގެ ދިރިއުޅޭ ތަންތަނާއި ގެންގުޅުނު އިލެކްޓްރޯނިކް ވަސީލަތްތައް އެނަލައިޒް ކުރިއިރު، އޭގެއިން ޓެރަރިޒަމަށް ހިތްވަރު ދޭ މެޓީރިއަލްތަކެއް ވަނީ ފެނިފަ އެވެ.

ތަހުގީގައި ލިބުނު މި މައުލޫމާތުތަކަށް ބަލައި ފުލުހުން ނިންމީ، އެ ހަމަލާތަކަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލްއަކަށް ނިސްބަތްވާ ބައެއް ހިންގި ކަމެއް ކަމަށެވެ. އަދި އެ މީހުން އެ ހަމަލާދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅިގެން އެ އޮޕަރޭޝަން ހުއްޓާވާލަން މަޖުބޫރު ކުރުމުގެ ގޮތުން ކަމަށެވެ.

https://sun.mv/136380

comment ކޮމެންޓް