ޓޫރިސްޓުންނަށް ހަމަލާދިން މީހުން މިނިވަންވެދާނެ ކަމުގެ ބިރު ހީވެއްޖެ

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރުން: -- ސަން ފޮޓޯ: ހުސެން ހަސަން

މިއަހަރުގެ ކުރީ ކޮޅު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތުވާ ހައްދުފަހަނަ އެޅި ފިކުރުގެ ބަޔަކު އެ މައްސަލައިގެ ދައުވާއިން ސަލާމަތްވެ، މިނިވަން ވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެ އެވެ. އަދި ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި އެފަދަ މީހުންގެ މައްޗަށް ދައުވާ އުފުލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އަށް މީހުންގެ މައްޗަށް ތަހުގީގު ނިންމާ ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކުރެވިފައެއް ނުވެ އެވެ. އެހެންވެ، އެ މީހުންގެ މައްޗަށް އެ މައްސަލައިގައި ދައުވާ ކުރެވޭ ގޮތް ނުވެ، ވަނީ ދޫވެފަ އެވެ.

އެ އަށް މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. މައްސަލައިގައި ދެން ހިމެނޭ މީހާ ހައްޔަރުކުރިކަން ހާމަކުރީ މާޗު މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިންނެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޒާޔު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް މައްސަލަ ފޮނުވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި އަސްލު މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ބެލެވޭތީ އެ މީހުންގެ މައްޗަށް ތުހުމަތުވާ އެހެން މައްސަލަތަކެއް ހުރުމުން، ފުލުހުން މިހާރު ވަނީ އެ މައްސަލަތަކުގައި ތަހުގީގު ފަށާފައި ކަމަށް ވެސް އެނގިފައިވެ އެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ޕީޖީގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

މި ދިޔަ ފެބުރުއައީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ.

ރިޔާޒް މީގެ ކުރިން ވިދާޅުވި ގޮތުގައި ތަހުގީގަށް އެނގުނީ ހުޅުމާލޭގައި ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެއްކަމެވެ. އަދި އެމީހުން ހަމަލާދިނުމުގައި ބޭނުންކުރި ސައިކަލުތަކާއި، ބަދަލުކޮށްފައި ހުރި ނަންބޯޑުތަކާއި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ހޯދުނު ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެ މީހުންގެ ދިރިއުޅޭ ތަންތަނާއި ގެންގުޅުނު އިލެކްޓްރޯނިކް ވަސީލަތްތައް އެނަލައިޒް ކުރިއިރު، އޭގެއިން ޓެރަރިޒަމަށް ހިތްވަރު ދޭ މެޓީރިއަލްތަކެއް ވަނީ ފެނިފަ އެވެ.

ތަހުގީގައި ލިބުނު މި މައުލޫމާތުތަކަށް ބަލައި ފުލުހުން ނިންމީ، އެ ހަމަލާތަކަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލްއަކަށް ނިސްބަތްވާ ބައެއް ހިންގި ކަމެއް ކަމަށެވެ. އަދި އެ މީހުން އެ ހަމަލާދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅިގެން އެ އޮޕަރޭޝަން ހުއްޓާވާލަން މަޖުބޫރު ކުރުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް