އިމްޕޯޓާއެކު ޑިމާންޑް ވެސް ދަށް، އިންފްލޭޝަން މައްޗެއް ނުވާނެ: މިނިސްޓަރު އަމީރު

މާޗް 22، 2020: މާލޭ މާރުކޭޓު ސަރަހައްދުގައި މޭވާ އާއި ތަރުކާރީ ވިއްކާ ގާދިޔާތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު އިމްޕޯޓާއެކު މުދަލަށް އޮތް ޑިމާންޑު ވެސް ދަށްވެފައިވުމާއެކު ރާއްޖޭގެ އިންފްލޭޝަން މައްޗަށް އަރާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އާ ގުޅިގެން މުޅި ދުނިޔޭގައި ވެސް ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އެރުމާއެކު މުދާ އިމްޕޯޓު އަދި އެކްސްޕޯޓު ކުރުމަށް ހުރަސްތަކެއް ވަނީ އެޅިފަ އެވެ. އަދި އިގްތިސާދަށް ބުރޫއަރާފައިވާ މި ދުވަސްވަރު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓްސްއިން އޯވާޑްރޯ ކުރުމުގެ ހުއްދަ މަޖިލީހުން ވަނީ ދީފަ އެވެ.

އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އޯވާޑްރޯ ކުރި ނަމަވެސް އިމްޕޯޓާއި ޑިމާންޑު ދަށްވެފައި އޮތުމުން އިންފްލޭޝަން މައްޗަށް ނުދާނެ ކަމަށެވެ.

ނޭޝަނަލް އިމެޖެންސް އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ---

"އިގްތިސާދެއް އޯވަހީޓް ވާނީ އިގްތިސާދީ ވަރަށް ގިނަ ހަރަކާތްތަކެއް ހިނގައިގެން، އިކޮނޮމީ ވަރަށް ރަނގަޅު ދުވަސްވަރެއްގައި، ޖީޑީޕީ ގްރޯތް ރޭޓު މިސާލަކަށް 10 ޕަސެންޓު، 15 ޕަސެންޓަށް ދިޔުމުން މި ބުނަނީ އިގްތިސާދު އޯވަހީޓްވާ ވާހަކަ. މިހާރު އަސްލު އޯވަހީޓެއް ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޑިމާންޑް ދަށްވެފައިވާ މި ދުވަސްވަރު ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުންދާނީ ވީހާ ވެސް އަވަހަކަށް އެގްރިގޭޓް ޑިމާންޑް އިތުރު ކުރުމަށް ކަމަށެވެ.

"ރާއްޖޭގެ އެގްރިގޭޓް ޑިމާންޑް ވަރަށް ދަށްކޮށް މިހިރީ. ހުރިހާ ރިސޯޓުތައް ވެސް ބަންދުވެފައި ވުމާއެކު ރާއްޖޭން ބޭރުން ގެންނަ މުދަލުގެ މިންވަރު ވެސް ދަށްވެގެންދާނެ. އިންފްލޭޝަނަރީ ޕްރެޝާއެއް ނާންނާނެ، އަޅުގަނޑުމެން މެނޭޖުކޮށްގެން އޯވަޑްރޯ ކުރަމުން މިދަނީ. އެއްފަހަރާ ގޮސް ޕަބްލިކް ބޭންކް އެކައުންޓުން 4.2 ބިލިއަން ރުފިޔާއިން އޯވަޑްރޯ ކުރާ ވާހަކައެއް ނޫން މިދައްކަނީ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭނެ އާމްދަނީގެ ތަފްސީލު އެހެން އަހަރުތަކުގައި އެނގުނު ނަމަވެސް މިހާރު މިއޮތް ހާލަތުގައި އެކަން އަންދާޒާކުރަން ވެސް ނޭނގޭނެ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ ދަށްވެފައިވާ މި ދުވަސްވަރު ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި އޯވަޑްރޯ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޯވަޑްރޯ ކުރާ މިންވަރުން ބޭރުން ފަންޑްސް ލިބޭ މިންވަރު އައިސް ޖަމާކުރާ ހިސާބުން 'ނިލް' އެފެކްޓެއް އަންނާނެ، އެހެންވީމަ ހަގީގަތުގައި އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން މި ދަނޑިވަޅުގައި އިންފްލޭޝަނަރީ ޕްރެޝާއެއް އެގޮތަށް އަންނާނެ ކަމަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

ޕަބްލިކް އެކައުންޓްސްތަކުން އޯވަޑްރޯކުރުން ނުވަތަ ޕަބްލިކް އެކައުންޓުގައި ހުންނަ ފައިސާގެ އިތުރަށް ފައިސާ ނަގަން މަޖިލީހުން ރުހުން ދިނީ ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާ އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ސިޓީއެއް ފޮނުއްވުމުންނެވެ.

https://sun.mv/135526

ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަނީ މިހާރު ހިނގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމަށާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް