ފިނޭންސް މިނިސްޓަރު އެދުނު 4.4 ބިލިއަން ރުފިޔާ ދޫކުރުމަށް މަޖިލީހުން ފާސްކޮށްފި

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި: ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް ވަނީ ފާސްކޮފައިި -- ފައިލް ފޮޓޯ/ މަޖިލިސް

ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަތް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާ އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވަނީ ހޯދަން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފައިސާ މިހާރުން މިހާރަށް ވެސް ދޫކުރަން ޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވާ އިރު މަދު މެންބަރަކު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން ސަރުކާރުގެ އެ އަމަލަކީ ރުފިޔާ ޗާޕްކުރުން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރުގެ އެހީތައް ލިބެން ހުރި ނަމަވެސް މިވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. އެގޮތަށް ޕަބްލިކް އެކައުންޓް އޯވަ ޑްރޯ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން އަބަދު ވެސް ކުރާ ކަމެއް ކަމަށާއި މިހާރު ވެސް އެކަން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.

އޯވަޑްރޯ ކުރުމަކީ، ޕަބްލިކް އެކައުންޓުގައި ހުންނަ ފައިސާގެ އިތުރަށް ފައިސާ ނެގުމެމެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަނީ މިހާރު ހިނގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމަށާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަކުރުމަށް ކަމަށެވެ. އެހެން ކަމުން މިހާލަތުގައި އޯޑީ ކޮށްގެން އިގްތިސާދަށް އަސަރުތަކެއް ކުރާނަކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް