ރެންޓް މޮރެޓޯރިއަމެއް ގެނެވިދާނެތޯ ބަލަން މަޝްވަރާކުރަނީ

އޭޕްރީލް 2، 2020: މާލެ ލޮކްޑައުންކޮށްފައިވާ އިރު، ބަޔަކު ބެލްކަނީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮކްޑައުންގެ ހާލަތުގައި ރެންޓް މޮރެޓޯރިއަމެއް ގެނެވިދާނެތޯ ބަލަން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގެ ބޮޑު ބަޔަކީ ކުއްޔަށް ދިރިއުޅޭ ފަރާތްތައް ކަމަށާއި، އެހެން ނަމަވެސް މި ހާލަތުގައި ކުލި ނުދެއްކިގެން ގެއިން ނެރެފައި ވަނީ ޕަސެންޓޭޖުން ބަލާއިރު ވަރަށް މަދު ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ގޭގޭގެ ވެރިން ގޯސްކޮށް ކަންތައް ކުރި ނަމަވެސް، ޖުމްލަކޮށް ގިނަ މީހުން ކަންތައް ކުރަމުން އަންނަނީ ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ފެނުނީ ޕަސެންޓޭޖް ވައިސްކޮށް ވަރަށް މަދު ބަޔަކު ޓެނަންޓުން ބޭރުކޮށްލުމުގެ އަމަލު ހިންގާފަ ވަނީ. އަޅުގަނޑުމެންނާ ހަމައަށް ރިޕޯޓުކޮށްފަވާ އަދަދުތަކަށް ބަލާއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާގެ ހާލަތަށާއި، އާމްދަނީއަށް ބަދަލު އައުމުގެ ސަބަބުން ގޭގެ ކުލި ދައްކަން ވަނީ ނުކުޅެދިފަ އެވެ. އަދި ބައެއް ގޭގެ ވެރިިފަރާތުން އަންނަނީ، އެމީހުން ގެއިން ބޭރުކުރަމުންނެވެ. އެގޮތުން މިހާތަނަށް 11 މީހަކު ގެއިން ނެރެގެން ރިޕޯޓުކޮށްފައިވާ ކަމަށް ރޭ އެންއީއޯސީން ވަނީ ހާމަކޮށްފަ އެވެ.

އިގްތިސާދު ހީނަރުވެ، ގިނަ އަދަދެއްގެ ރައްޔިތުންނަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ރެންޓް މޮރެޓޯރިއަމް އެއް ގެންނަން ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ.

މިނިސްޓަރު ފައްޔާޒް މިއަދު ވިދާޅުވީ ރެންޓް ކޮންޓްރޯލް މޮރެޓޯރިއަމެއް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަަމަށެވެ. އަދި އެކަމާ މެދު އެޓާނީ ޖެނެރަލް އާއެކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

"އުންމީދު މި ކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ، ނިންމާ އެއީ އަޅުގަނޑުމެން ކުރިއަށްދާ ކަމަކަށް ނަމަ މަޖިލިސް މެދުވެރިކޮށް އެކަމަށް ގޮތެއް ކަނޑައަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުންް މިފަދަ މަޝްވަރާތަކެއް ކުރަމުން އަންނަކަން ހާމަކޮށްފައި ވާއިރު، މި ހާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ކުއްޔަށްދޫކޮށްފައިވާ ފްލެޓްތަކުގެ މަހު ކުލި އެއްކޮށް ނުދެއްކުނު ނަމަވެސް، އެތަންތަނުން ނުނެރެވޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ބިލުގައި ދައުލަތުގެ މާލިއްޔާއަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެ މާއްދާތައް ބަދަލުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

comment ކޮމެންޓް