ކަރަންޓިނުން ފިލި 5 މީހުންގެ ތެރެއިން 3 މީހަކު ހޯދައިފި

ހެރެތެރެ ރިސޯޓުގައި ކަރަންޓީނުކުރެވުމުން ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައިފި އެވެެ.

މިއަދު އިރުއޮއްސުނު ވަގުތު އެ ރިސޯޓުން އެ މީހުން ފިލާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާއިރު އެތަނުން އެކަކު ވަނީ މީގެ ކުރިން ހޯދައިފަ އެވެ.

އަދި މިހާރު އޭގެ ތެރެއިން އިތުރު ދެ މީހަކު ހޯދިފައިވާކަމަށް ފުލުހުން ވަނީ މީގެ އިރުކޮޅެއްކުރިން ހާމަކޮށްފައެވެ. ހޯދުނު ތިން މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ރިސޯޓުން ފިލާފައިވަނީ ފަސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެފައިވާއިރު ފިލި މީހުންގެ ތެރެއިން ބާކީ ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.

އެ ފަސް މީހުން ކަރަންޓީނު ކުރެވިފައިވަނީ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް-19 ފެތުރުމާއި ދެކޮޅަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމުގެ ތެރޭގައި ފެތުރިދާނޭފަދަ ބައްޔެއް ހުރި ނުވަތަ ހުރިކަމަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުގެ ދަށުން ލިބިގެންވެއެވެ.

އެ ބާރުގެ ދަށުން ކަރަންޓީނު ކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް