ސަރުކާރުން ކަރަންޓަށް ދިން ސަބްސިޑީއާއެކު އޭޕްރީލް މަހުގެ ބިލުތައް ކުޑަވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސަބްސިޑީ ދިން ފުރަތަމަ މަހުގެ (އޭޕްރީލް މަހުގެ) ބިލު މިހާރު ގެތަކަށް ލިބިފައިވާއިރު، ސަބްސިޑީގެ ލުއި ފެނިފައިވަނީ ބައެއް ގޭބިސީތަކުން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
މީގެ ސަބަބަކީ ރޯދަ މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓު ބިލުތައް އަބަދުވެސް ބޮޑުވާ ދުވަސްވަރަކަށްވާއިރު، ރޯދަ މަސް ފެށީ އޭޕްރީލް މަހުގެ ފަހުކޮޅުގައި ކަމަށްވުމަކީ ވެދާނެ ކަމެކެވެ.
މިކަން ބަލައިލެވޭނެ އެންމެ ފަސޭހަ ގޮތަކީ ސަބްސިޑީ ހިމަނާފައިވާ އޭޕްރީލް މަހުގެ ބިލުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އޭގެ ކުރީ މަސްތަކާ އަޅާކިޔާލުމެވެ.
އެހެން ނަމަވެސް އެވަރޭޖްކޮށް އެއް ހަމައެއްގައި ކަރަންޓު ބޭނުންކޮށްފައިވާ ގޭބިސީތަކުގެ ބިލުތަކުން ސަބްސިޑީއާއެކު އައި ބަދަލު ވަރަށް ފަސޭހައިން ފާހަގަކޮށްލެވެ އެވެ.
ކަރަންޓުގެ ސަބްސިޑީ އަންނަ މެއި މަހު ވެސް ދިނުމަށް ނިންމާފައިވާއިރު، ކޮރޯނާ ވައިރަހާ ގުޅިގެން އޭޕްރީލް އަދި މެއި މަހުގެ ފެން ބިލުތަކަށް ވެސް 30 ޕަސެންޓުގެ ސަބްސިޑީއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.