ކަރަންޓު ބިލު މުޒާހަރާއަށް ނިކުތީ ހައެއްކަ މީހުން

ކަރަންޓު ބިލް ބޮޑުވުމުން އާންމުން އިހުތިޖާޖަށް ނިކުތުން --- ސަން ފޮޓޯ: އިބްރާހިމް ނާއިޝް

ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން ބުނުމުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން އެކަމާ ނުރުހުންވި ނަމަވެސް އެކަމާ ދެކޮޅަށް އޮތް އެއްވުމަށް މަދު ބަޔަކު މިއަދު ނުކުމެއްޖެއެވެ.

ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ނަމަވެސް މިއަދު އޮތް މުޒާހަރާގެ މަންޒަރުތަކުން ފެނުނީ ވަރަށް މީހުން މަދުކޮށެވެ.

ކަރަންޓުބިލް ބޮޑުވެ އެކަމާ އިހުތިޖާޖު ކުރުމަށް ނިކުތުމަށް ގޮވައިލުމުން ސްޓެލްކޯ ކައިރިއަށް އެއްވެ ތިބީ ހައެއްކަ މީހުންނެވެ.

ކަރަންޓު ބިލް ބޮޑުވުމުން އާންމުން އިހުތިޖާޖަށް ނިކުމެއްޖެ--- ސަން ފޮޓޯ: އިބްރާހިމް ނާއިޝް

ކަރަންޓު ބިލް ބޮޑުވުމުން އެކަމާ ރައްޔިތުން ޝަކުވާ ކުރުމުން ސްޓެލްކޯއިން ބުނީ ކަރަންޓު ބިލް ބޮޑުވަނީ ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

މި މައްސަލައިގައި އިހުތިޖާޖަށް ނިކުމެ ތިބި މީހުން ބުނަމުން ދިޔައީ ނިމިދިޔަ މަހުގައި ސްކޫލް ބަންދާއި ވިއްސާރަ މޫސުން ދިމާވުމުން ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑަށް މަދުވި ނަމަވެސް ކަރަންޓު ބިލް އައުމުން "ބޯމަތީގައި އަތް އަޅަން" ޖެހުނު ކަމަށެވެ.

ދެމަފިރިން ދިރިއުޅޭ އެއް ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ކަރަންޓު ބިލަށް 5000 ރުފިޔާ އަރާފައި ވާކަމަށް އިހުތިޖާޖަށް ނިކުތް މީހަކު ވަނީ "ސަން" އަށް ކިޔައިދިނެވެ.

ކަރަންޓު ބިލް ބޮޑުވުމުން އާންމުން އިހުތިޖާޖަށް ނިކުމެއްޖެ--- ސަން ފޮޓޯ: އިބްރާހިމް ނާއިޝް

"އަޅުގަނޑުމެން ގޭގައި ދިރިއުޅެނީ އަޅުގަނޑާއި އަންހެނުންގެ އިތުރުން ދަރިފުޅު. މިއިން ދުވަހަކު ނާރާ ކަރަންޓުބިލަށް 4،000 ރުފިޔާ. 1،800 އަށްވުރެ ބޮޑެއް ނުވޭ ދުވަހަކު ވެސް. އެކަމު މިފަހަރު ބިލް އައިރު 4200 އެބައަރާ،" އިހުތިޖާޖަށް ނިކުތް މީހަކު ކިޔައިދިނެވެ.

އިހުތިޖާޖަށް ސްޓެލްކޯ ކުރިމައްޗަށް މީހުން ނިކުތުމާ ގުޅިގެން ސްޓެލްކޯއިން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. ކަރަންޓު ބިލާމެދު ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށައެޅުމުން އެއްދުވަހުގެ ތެރޭގައި ސްޓެލްކޯއިން ޖަވާބު ވޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް އަދި ބިލިންގެ ނަމްބަރު ކަމަށްވާ 7788438 އަށް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޝަކުވާތައް ހުށަހަޅަން ޖެހޭ އީމެއިލްއަކީ [email protected] އެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުތެރޭ ޖަވާބުދާރީ ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް