މި މަހު ބިލުތައް ބޮޑު، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ: ސްޓެލްކޯ

ކަރަންޓު ބިލާއި ފެން ބިލުތަކެއް: ކަރަންޓު ބިލު ބޮޑުވަނީ ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ސްޓެލްކޯއިން ބުނޭ --- ސަން ފޮޓޯ

މި މަހު ލިބުނު ކަރަންޓު ބިލު ބޮޑު ކަމަށާއި އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.

ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑީއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން، މި ދުވަސްވަރަކީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން މި މަހުގެ ކަރަންޓު ބޮޑުވާން ދިމާވި ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

އެކަމާ ގުޅުވައި "ސަން"އާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަރަންޓު ބިލު ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ.

މިގޮތުން، ކަރަންޓުގެ ބިލަށް ރީޑީން ނަގާ ދުވަސްތައް ދިމާވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ: ކަރަންޓު ބިލު ބޮޑުވަނީ ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ސްޓެލްކޯއިން ބުނޭ --- ސަން ފައިލް ފޮޓޯ

"ދެން މިހާރު ވިއްސާރަ ދުވަސްކޮޅުގެ ބިލެއް ނޫން އެއީކީ. ސްޓެލްކޯ މާލެ ރީޖަންގަ އެކަނި މޯ ދޭން 45000 ކަސްޓަމަރުން އުޅޭނެ. އެހެންވީމަ އެއް ދުވަހެއްގަ ބިލް ހަދާފައި ފޮނުވުމަކީ އެހާ ފަސޭހަ ކަމެެއް ނޫން. އެކަމަކު ވެސް ބިލްގެ ސައްހަކަން އަޅުގަނޑުމެން ވެސް ކަށަވަރުކޮށްފަ މި ފޮނުވަނީ،" ސްޓެލްކޯއިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވަނީ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ނިންމައިފައެވެ. އެގޮތުން، މި އަހަރުގެ މާޗު މަހުގެ ބިލާއި އޭޕްރީލް މަހުގެ ބިލުން ވެސް ވަނީ ޑިސްކައުންޓު ދީފައެވެ.

އެހެންވެ، ޑިސްކައުންޓް ދިން ބިލްތަކާ އަޅައިބަލާއިރު ވެސް، މިމަހުގެ ބިލް ބޮޑުކަން ފާހަގަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން މީގެ ކުރިން "ސަން"އާ ހިއްސާކޮށްފާއިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ދެ މަހުގެ ބިލަށް އެކުންފުނިން ވަނީ ޖުމްލަ 61.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

https://sun.mv/192453

ސްޓެލްކޯއިން އޭރު ބުނީ، ޑިސްކައުންޓާ އެކު އެވްރެޖްކޮށް ބިލަކުން މާޗު މަހު 333.14 ރުފިޔާ މަދުވެފައިވާ ކަމަށެވެ. އަދި، އޭޕްރީލް މަހުގެ ބިލުތަކުން އެވްރެޖްކޮށް 656.79 ރުފިޔާ މަދުވެފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްޓެލްކޯގެ އިތުރުން ވެސް ފެނަކައާއި ފެން ކުންފުނި އެމްޑަބްލިއުއެސްސީން ވެސް ވަނީ ރޯދަ މަހުގެ ބިލުތަކުން ޑިސްކައުންޓު ދީފައެވެ.

comment ކޮމެންޓް