ކައުންސިލަރުންގެ ދައުރު އިތުރު ކުރާ ބިލުގެ މައްސަލައިގައި އޭޖީގެ ލަފައަކަށް އިދިކޮޅުން އެދިއްޖެ

ޑިސެމްބަރު 15، 2019: ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ހާއްސަ ބިލާ މެދު އެޓާނީ ޖެނެރަލްގެ ލަފައަކަށް އިދިކޮޅު ކޯލިޝަނުން އެދެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލު އިންތިހާބު ފަސްކުރަން ޖެހި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން މެމްބަރު ހަސަން ލަތީފު ވަނީ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް، އެފަދަ ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށާއި، ކައުންސިލަރުންގެ ދައުރު އިތުރު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އެންމެ ފުރަތަމަ ކައުންސިލަރުންގެ ދައުރުގެ މައްސަލައަށް ހައްލެއް ގެންނަން ހުށަހެޅީވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ. އެެ ބިލުގެ ބަދަލުގައި "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ހުށަހެޅީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނެއެވެ. ފަހުން ހުށަހެޅި ހާއްސަ ބިލަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް މިއަދު ފޮނުއްވި ސިޓީގައިި ވަނީ ކައުންސިލް މެމްބަރުންގެ ދައުރު ގާނޫނު އަސާސީގައި ކަނޑައެޅިފައި ވަނިކޮށް ގާނޫނަކުން އެއަށް ބަދަލު ގެނެވޭނެ ކަމަށް އެ ކޯލިޝަނުން ނުދެކޭ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް އެކޯލިޝަނުންވެސް ގަބޫލު ކުރާކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައި ވަނީ، ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމެއް މަޖިލީހުން ފާސް ކުރާ ގާނޫނަކުން ބަދަލު ކުރުމަކީ ދުސްތޫރީ ނިޒާމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވާތީ އެކަމުގައި ލަފާ ދިނުމަކީ އެޓާނީ ޖެނެރަލްގެ ޒިންމާއެއް ކަމަށެވެ. މިހާރު މަޖިިލީހުގައި އޮތް ހާއްސަ ގާނޫނުގެ ބިލާ މެދު ގާނޫނީ ލަފައެއް ދެއްވުމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާ ކަމެއް ކުރަން ހުރަސް އެޅޭ ހާލަތުގައި ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ގޮތުގެ ލަފައެއް ދެއްވަން އެދޭ ކަމަށްވެސް އިދިކޮޅުގެ ސިޓީގައިވެއެވެ.

މީގެ ކުރިންވެސް އިދިކޮޅުން ވަނީ މަޖިލީހަށް ހުށަހެޅި ހާއްސަ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ގާނޫނު އަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލެއް ނުކުރެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. އަދި އެ ބިލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށްވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ހަސަން ލަތީފު ހުށަހެޅުއްވި ހާއްސަ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް