ރޯދަ ސުންބުލި: ލޮލަށް ނޫނީ ކަންފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތަ؟

ރޯދަ ސުންބުލީގައި މީގެ ކުރިން ވާނީ ލޭ އެޅުމާއި އައިވީ އާއި އިންޖެކްޝަން ފަދަ ތަކެތި ބޭނުންކުރުމުން ރޯދައަށް ކުރާ އަސަރާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

ބައްޔެއްގެ ސަބަބުން ޑޮކްޓަރެއްގެ ލަފާގެމަތިން ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ކަންފަތަށް ނުވަތަ ލޮލަށް ބޭސް އަޅަން ޖެހުމަކީ ވެދާނެކަމެކެވެ. މިފަދަ ހާލަތެއްގައި އެދުވަހަކު އެމީހަކު ހިފާ ރޯދަ ސައްހަވާނެ ހެއްޔެވެ؟

ތިރީގައި މި ހިމަނާލަނީ، މިސުވާލަށް އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ދެއްވި ޖަވާބެވެ.

ޖ: ބަލިމީހާގެ ލޮލަށް ކަންފަތަށް ނުވަތަ ނޭފަތަށްވެސް ބޭސްއަޅަންވެސް ޖެހޭ ހާލަތެއްގައި އިލްމުވެރިންނަށް ބޮޑަށް ބުރަވެވެނީ އެމީހެއްގެ ރޯދަ ނުގެއްލޭނެކަމަށެވެ. އެއީ، ރޯދަ ގެއްލެނީ ކެއިންބުއިމަށް ބޭނުންކުރާ އެއްޗެއް އޭނާގެ އަރުން އެތެރެއަށް ދިއުމުންނެވެ. އެކަމަކު ލޮލަށް ނުވަތަ ނޭފަތަށްވެސް މިއަޅާ ބޭސް އެމީހެއްގެ އަރުން އެތެރެއަށް ކާއެއްޗެއްގެ ގޮތުގައި ވަނުމަކީ ވަރަށް ނާދިރުކަމެކެވެ.

ނަމަވެސް ރަހައެއް އަރުތެރޭގައި ލުމަކީ މިފަދަ ބޭހެއް ބޭނުންކުރިއަސް ވެދާނެ ކަމަކެވެ. ކަންމިހެން ވިޔަސް އަދި ކަރުތެރޭ ރަހަލުމަކުންނެއް ރޯދައެއް ނުގެއްލޭނެ އެވެ.

ނަމަވެސް ބޭސް ބޭނުންކުރިއަސް އެމީހެއްގެ އެތެރެހައްޓަށް އެބޭސްދާކަމުގައިވަނީ ނަމަ އެ ރޯދައެއް ގަޟާކުރަންޖެހޭނެ އެވެ.

comment ކޮމެންޓް