ސައުދީ އިން ހަދިޔާކުރި ކަދުރު ސަރުކާރުގެ ވެރިންނަށް ނުބަހަން: އިސްލާމިކް މިނިސްޓްރީ

މީގެ ކުރިން ސައުދީ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއާ އިން ހަދިޔާ ކުރި ކަދުރު ސަރުކާރުގެ ވެރިންނަށާއި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ މުވައްޒަފުންނަށް ބަހާފައި ނުވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ސައުދީ އަރަބިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާ ގުޅޭގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެ މިނިސްޓްރީ އިން ބުނީ ސައުދީ އިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށާއި އެއީ ދެ ކިލޯގެ 25،000 ޕެކެޓު ކަދުރު ކަމަށެވެ. މި ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށާއި ބާކީ 2450 ކޭސް (24،500 ޕެކެޓު) މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެހުމަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ ކަދުރު ބަހާނެ އުސޫލު އެކުލަވާލާ މި މަހުގެ 14 ވަނަ ދުވަހު އާންމު ކޮށްފައެވެ.

https://sun.mv/135352

އެ އުސޫލުގައި ބުނާގޮތުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އަދި ސިޓީއެއްގައިވެސް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު (1440) އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭނެ ކަމަށާއި ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު ރާއްޖޭހައި ޖުމްލަ 63،102 ގޭބީސީ ހުރިކަމަށް މިނިސްޓްރީ އަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ސައުދީ އިން މިއަހަރު ހަދިޔާކުރި ކަދުރަކީ ކޮންމެ ގޭބީސީއަކަށް ޕެކެޓެއް ދޭވަރަށްވުރެ މަދު އަދަދަކަށް ވުމުން، މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބީސީ އަކަށް 33 ޕެކެޓު ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން ރަށްރަށަށް ކަދުރު ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުން އިއްޔެގެ ނިޔަލަށް 78 ރަށަކަށް ޖުމްލަ 9567 ޕެކެޓު ކަދުރު ހަދިޔާ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި 103 ރަށަށް ކަދުރު ނުފޮނުވިވަނީ ކަދުރާ ހަވާލުވާނެ ފަރާތެއް އެ ކައުންސިލްތަކުން ފޮނުވާފައި ނުވާތީ ކަމަށާއި، ހަވާލު ނުކުރެވި 8577 ޕެކެޓު ކަދުރު އެބަހުރި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓު ކަދުރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްޑީސީ އާ ހަވާލު ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސިޓީކައުންސިލް މެދުވެރިކޮށް ކަމަށާއި ނަމަވެސް ކޮވިޑް19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތުގައި ކަދުރު ބަހާނެ ގޮތަކާމެދު ސިޓީކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ބެހުމަށް 2903 ޕެކެޓު ކަދުރު އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފަގީރުންނަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މެދުވެރިކޮށް 426 ގޭބީސީ އަކަށް ކަދުރު ބަހާފައިވާނެ ކަމަށާއި މީގެ އިތުރަށް އެއްވެސް ކަދުރެއް އެ މިނިސްޓްރީ އާއި ހަވާލުކޮށްގެން ބަހާފައި ނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

"އަދި ކޮވިޑް19ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ރަމަޟާން މަހަށް މިނިސްޓްރީ އަށް ލިބިފައިވާ ކަދުރު، މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި ފެސިލިޓީތަކަށާއި ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި އަދި މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސިން ތިބި ފެސިލިޓީތަކަށް ދިނުމަކީ މި ހާލަތުގައި މުހިއްމުކަމެއް ކަމަށް މިނިސްޓްރީ އިން ދެކެމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، މިހާތަނަށް ކަދުރާ ހަވާލުވާނެ ފަރާތެއް ފޮނުވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 17:00 ގެ ކުރިން ކަދުރާ ހަވާލުވާނެ ފަރާތެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

އަދި މި މުއްދަތުގެ ފަހުން ނުގެންގޮސް ހުރި ކަދުރު، ފެސިލިޓީތަކަށް ހަދިޔާ ކުރާނެކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިހާތަނަށް ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް 250 ޕެކެޓު ކަދުރު ހަދިޔާކޮށްފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ސައުދީ ސަރުކާރުން ހަދިޔާޖުދި ކަދުރުގެ ތެރެއިން 12،124 ޕެކެޓު ކަދުރު ގޭބީސީތަކަށް ހަދިޔާ ކުރެވިފައިވާ ކަމަށާއި 1483 ޕެކެޓު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ހަދިޔާ ކުރެވިފައިވާ ކަމަށެވެ. އަދި 12،378 ޕެކެޓު ކަދުރު ހަވާލު ނުކުރެވި އެބަހުރި ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ މި ކަދުރު ވީހާވެސް އިންސާފުވެރިކަމާއެކު ރައްޔިތުންނާ ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް