އިންޑިއާގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީގެ ސަޕޯޓަރަކު އެދުނު އެދުމަކުން އޭނާ މުޅިން އާޝޯހު ވެއްޖެ އެވެ.
ފުޓުބޯޅައިގެ ރޮނގުން ބައިނަލް އަގުވާމީ މައިދާނުގައި އެންމެ މަތީ ފަންތިން އިންޑިއާއަށް ފުރުސަތު ނުލިބުނަސް އެގައުމަކީ ސަރަހައްދީ އެންމެ ގަދަ ބާރެވެ. އަދި ފުޓުބޯޅަ އެންމެ ކުރިއަރަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ މަތީގައި އިންޑިއާގެ ނަން މިހާރު ހިމެނޭ އިރު އެގައުމުގައި ފުޓުބޯޅައަށް ކުރާ ސަޕޯޓް ވަނީ އިތުރު ވެފަ އެވެ.
އިންޑިއާގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ސުނިލް ޗެތުރީއަކީ ދިވެހިންނަށް ވެސް އައު ނަމެއް ނޫނެވެ. ދުނިޔޭގެ ރޭންކިންގްއަށް ބެލި ކަމުގައި ވިޔަސް ލިއޮނެލް މެސީއަށްވުރެން ވެސް ބައިނަލް އަގުވާމީ މެޗުތަކުގައި ޖަހާފައި ހުރި ގޯލުގެ އަދަދު ގިނަ އެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ އުމުރުން 35 އަހަރުގެ ފޯވާޑް ދަނޑުމަތީގައި ދައްކަމުން އަންނަ ޖާދޫވީ ކުޅުމުގެ ވާހަކައެއް ނޫނެވެ.
"ޖާޒީ އެއް ވެސް ނޫން. އޮޓޯގްރާފް އެއް ވެސް ނޫން. ޕޯސްޓަކަށް ރިޕްލައި ކުރުމެއް ވެސް ނޫން. އަދި އަވައްޓެރިއެއްގެ ކުއްތާއެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ވީޑިއޯ ޕޯސްޓެއް ހެދުމެއް ވެސް ނޫން." ޗެތުރީއަށް ސަޕޯޓަރަކު އެދުނު އެދުމެއްގެ ސްކްރީންޝޮޓާ އެކު އޭނަ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ޗެތުރީ ބުނީ ސަޕޯޓަރުންގެ ފަރާތުން މީގެ ކުރިން ވެސް ގިނަ އެދުންތަކެއް ހުށައަޅާ ކަމަށެވެ. އެކަމަކު މިފަހަރު އުމުރުން ހަގު ސަޕޯޓަރަކު އޭނާއަށް މެސެޖް ކުރި ކަމަކު މިހުރީ ހައިރާންވެފައި ކަމަށެވެ.
"ޗެތްރީ ބާއީ. އަހަރެންނަށް ތިބާގެ ނެޓްފްލިކްސް އެކައުންޓުގެ ލޮގްއިން އަދި ޕާސްވޯޑް ދެވިދާނެތަ؟ ލޮކްޑައުން ނިމުމުން ޕާސްވޯޑް ބަދަލު ކުރިޔަސް އެންމެ ރަނގަޅު." ސަޕޯޓަރުގެ ޗެތުރީއަށް ކުރި މެސެޖުގައި ބުނެފައިވެ އެވެ.
އާންއެކެވެ. ސަޕޯޓަރު ޗެތުރީގެ ކިބައިން އެދުނީ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމު ލޮކްޑައުން ކޮށްފައި އޮތުމުން އޭނާގެ ނެޓްފްލިކްސް އެކައުންޓުގެ ޕާސްވޯޑް ދިނުމަށެވެ. މި މެސެޖުގެ ސްކްރީންޝޮޓާ އެކު ޗެތުރީ ލާފިންގް އެމޯޖީތަކެއް ލުމަށްފަހު ބުނީ ސަޕޯޓަރުގެ މި އެދުން އޭނާ ފުރިހަމަ ކޮށްދެން ބޭނުންވާ ކަމަށެޗެ.
ޗެތުރީގެ ޓްވިޓާ ޕޯސްޓް ފެނި ގިނަ ބަޔަކު އެއަށް މަޖާކޮށްފައި ކޮމެންޓް ކުރަމުން ދިޔަ އިރު ނެޓްފްލިކްސްގެ އިންޑިއާ އެކައުންޓުން ވެެސް ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ. ނެޓްފްލިކްސްއިން ބުނީ މި ސުރުހީއަށް ވާހަކަ ދައްކަމުންދާ އިރު ޗެތުރީގެ އޮޓޯގްރާފާ އެކު ޖާޒީއެއް ފޮނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އަދި އިސާހިތަކުގެ ޗެތުރީ ވަނީ އެ ކޮމެންޓަށް އިޖާބަދީ ތަފާތު ރިޕްލައިއެއް ކޮށްފަ އެވެ. ޗެތުރީ ބުނީ ނެޓްފިލްކްސްގެ އެދުން ފުރިހަމަ ކުރެވޭނީ އޭނާގެ ސަޕޯޓަރަށް ދެމަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ދިނުމުން ކަމަށެވެ. ނެޓްފްލިކްސްއިން ވެސް ވަނީ އެގޮތަށް ރުހިފަ އެވެ.