ކޮރޯނާވައިރަސް: ތިން މަސް ފަހުން ވިއެޓްނާމްގެ ސްކޫލުތައް ހުޅުވާލައިފި

ވިއެޓްނާމްގެ ސްކޫލުތައް ވަނީ މިއަދު ހުޅުވާލާފަ -- ފޮޓޯ: އޭއެފްޕީ

ހަނޯއި (މެއި 5): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ވިއެޓްނާމްގެ ސްކޫލުތައް ބަންދު ކުރިތާ ތިން މަސް ފަހުން މިއަދު އެގައުމުގެ ސްކޫލުތައް ހުޅުވާލައިފި އެވެ.

ވިއެޓްނާމް ނިއުސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި އެގައުމުގެ 63 ޕްރޮވިންސާއި މައި ސަރުކާރުން ހިންގާ ސިޓީތަކުގެ ތެރެއިން 18 ސަރަހައްދުގައި މިއަދު ހުރިހާ ސްކޫލެއް ހުޅުވާލާނެ އެވެ. އަދި 30 ސަރަހައްދެއްގައި ޕްރައިމަރީ ސްކޫލުތަކާއި ނާސަރީތައް ހުޅުވާލާނެ އެވެ. އެ ސަރަހައްދުތަކުގައި ސެކަންޑަރީ ސްކޫލުތައް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލާފަ އެވެ.

ވިއެޓްނާމްގެ ޔުނިވާސިޓީތައްވެސް މިހާރު ވަނީ ހުޅުވަން ފަށާފަ އެވެ.

ނަމަވެސް އެ ސްކޫލުތައް ހުޅުވަނީ ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް ހަރުކަށި ފިޔަވަޅުތަކާއެކުގަ އެވެ. އެގޮތުން ހުރިހާ ދަރިވަރުން މާސްކު އަޅައިގެން ތިބެން ޖެހޭ އިރު ކުލާސް ތެރޭގައި ކޮންމެ ދަރިވަރެއްގެ މެދުގައި 1.5 މީޓަރުގެ ދުރުމިން ހުންނަން ޖެހެ އެވެ.

ވިއެޓްނާމްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 271 މީހުންނެވެ. އޭގެ ތެރެއިން 232 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ބަލީގައި މީހަކު މަރުވެފައި ނުވެ އެވެ. އެގައުމުން ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ 17އިގެ ފަހުން އެގައުމުން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ތިން މީހުންނެވެ. އެ ތިން މީހުންނަކީވެސް ބޭރު ގައުމުތަކުން އެގައުމަށް ދިޔަ މީހުންނެވެ.

އާ ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާއާ އެއްގަމު ބޯޑަރެއް ހިއްސާ ކުރާ ވިއެޓްނާމުން އެ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފައި ވަނީ ފުޅާ ދާއިރާއެއްގެ ޓެސްޓުކޮށް، ބަލި ޖެހޭ މީހުންނާ ކޮންޓެކްޓުވި އެންމެން ހޯދުމާއި ގިނަ އަދަދެއްގެ މީހުން ކަރަންޓީނުކޮށްގެން ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ.

comment ކޮމެންޓް