ކައުންސިލަރުންގެ ދައުރު ދިގުކުރާ ބިލް، އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ޕީޕީއެމް- ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައި ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް-ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" އަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެެއް ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ގާނޫނު އަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލެއް ނުކުރެވޭނެ ކަމަށެވެ.

އަދި ގާނޫނުއަސާސީއާއި ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ކަމަށެވެ.

ހަމަ އެފަދައިން ގާނޫނުއަސާސީގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭނަމަ އެކަމުގެ ފަރުވާ ހޯދަންޖެހޭ ތަނަކީ ސުޕްރީމް ކޯޓުކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، ނޫން ނަމަ ދެން އޮތް ގޮތަކީ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށެވެ.

އެހެންކަމުން އިއްޔެ މަޖިލީހަށް ބަލައިގެންފައިވާ ބިލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައި ހުރި އުސޫލުތަކާއި އަސާސްތައް ގަޑުބަޑު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެ ބިލަކީ ގާނޫނުއަސާސީއަށް ގޮންޖަހާ މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، ތިމާމެން ބޭނުންވާ ގޮތަކަށް އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއް ކަމުގައި މި ކޯލިޝަން ގަބޫލުކުރަމެވެ." އެ ބަޔާނުގައިވެއެވެ.

ޕީޕީއެމް-ޕީއެންސީން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބުތަކުގެ އުސޫލުތަކާ ތައާރުޒުވާ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި މިއީ އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނުއަސާސީއަށް ގޮންޖަހަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފައެވެ.

"އަދި މިހާރު މަޖިލީހަށް ހުށަހެޅި މަޖިލީހުން ބަލައިގެންފައިވާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020 އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމުގައި ކަނޑައެޅުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރަމުން ގެންދާކަމަށެވެ." ބަޔާނުގައިވެއެވެ.

އިދިކޮޅުން އެ ބިލު ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެފައިިވާއިރު، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލް ގާނޫނު އަސާސީއާ ހިލާފުކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް