ވެލާ ރިސޯޓުން ނަރުދޫއަށް ބޭނުންވާ މާސްކާއި އަންގި ހަދިޔާކުރަނީ

ވެލާ ރިސޯޓްގެ ވެރިޔާ ޗެކް ރިޕަބްލިކްގެ، ޗިރީ ސްމެޖިކް --

ވެލާ ޕްރައިވެޓް އައިލެންޑުން ކޮވިޑް19 ފެތުރެމުންދާ ށ. ނަރުދޫއަށް ކޮންމެހެން ބޭނުންވާ ބައެއް ތަކެތި ދިނުމަށް ނިންމައިފި އެވެ.

ނަރުދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފޯކަލް ޕޮއިންޓް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ މޫސާ ހުސައިންފުޅު "ސަން"އަށް ވިދާޅުވީ ރައްކާތެރިކަމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށެވެ.

"ވެލާއިން މަސްކާ އަންގިއާ މިކަހަލަ ތަކެތި ދޭނެ ކަމަށް އޮތީ ބުނެފައި. އަދި އޭގެ މާބޮޑު ތަފްސީލެއް ނުލިބޭ. މިއަދު ކައުންސިލްގެ ބޭފުޅުންނާ އެއްކޮށް ފޯނު ކޮންފަރެންސްއަކަށް އެރީމަ ވިދާޅުވި ދޭނެ ކަމަށް." މޫސާ ވިދާޅުވި އެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް "ސަން"އަށް ވިދާޅުވީ ވެލާ ޕްރައިވެޓް އައިލެންޑުގެ އިސް ބޭފުޅަކު ފޯނުން ގުޅުއްވާފައި މާސްކާއި އަންގި ފަދަ ތަކެތި ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް އެއީ ކިހާ އަދަދެއް ކަމާއި އިތުރު ތަފްސީލެއް އަދި ލިބިފައިނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ވެލާ ރިސޯޓުގެ ވެރިން މިފަހުން ރާއްޖެއަށް ގިނަ އަދަދެއްގެ ސިއްހީ އާލާތްތައް ވަނީ ހަދިޔާކޮށްފަ އެވެ. އެއީ، ފަސް ވެންޓިލޭޓަރު، 10،000 ޓެސްޓު ކިޓު، 100،000 ފޭސް މާސްކު، 200 ރެސްޕިރޭޓަރު، 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓެވެ.

މާސްކާއި އަންގި ފަދަ ރައްކާތެރިކަމަށް ބޭނުންވާ ތަކެތި ނަރުދޫގައި ނެތް ކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި ފަހަރު މަތިން ކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.

އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ސިއްހީ ޓީމެއް އެރަށަށް ކުރި ޒިޔާރަތުގައި މިނިސްޓްރީގެ ބަޖެޓުން 10،000ރ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ށ. އަތޮޅު ކައުންސިލުން ވެސް 11،000ރ ދިނުމަށް ނިންމާފައިވާ ކަމަށް ނަރުދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް